ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) ގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ކުރިއަށް ދާނީ މިއަދު ހެނދުނު 10 އިން މެންދުރުފަހު 2 ގެ ނިޔަލަށް ކަމަށް އެ ޕާޓީ އިން ބުނެފިއެވެ.
ޕީއެންސީ އިން ވަނީ އިންތިހާބުގައި ވޯޓުލުން ކުރިޔަށް ދާނެ އަތޮޅުތަކާއި ރަށްތައް އިއުލާން ކޮށްފައެވެ. އެގޮތުން ވޯޓުލުން ކުރިއަށް ދާނީ ގއ، ގދ، ލ، ތ، މ، ދ، އއ، ކ، ބ، ރ، ނ، ޅ، ށ، އދ، ސ، ޏ، ހއ އަދި ހދ އަތޮޅުގެ ރަށްތަކުގައި ކަމަށް އެ ޕާޓީ އިން ވަނީ ބުނެފައެވެ. މި އަތޮޅުތަކުން ވޯޓުލުން ކުރިއަށްދާ ރަށްތައް ޕީއެންސީ އިން ވަނީ އިއުލާން ކޮށްފައެވެ.
ޕީއެންސީ އިން ބުނީ ރަށްރަށުގައި ވޯޓުލުން ކުރިއަށް ދާނީ އެރަށެއްގެ ސުކޫލު އިމާރާތުގައި ކަމަށާއި، މާލޭގައި ނަމަ ދަރުބާރުގޭގައި ކަމަށެވެ. އެ ޕާޓީ އިން ބުނީ އެ ޕާޓީގެ އެތެރޭގެ 59 ދާއިރާއަކަށް މެމްބަރުން އިންތިހާބު ކުރާނެ ކަމަށެވެ. ޕީއެންސީން ކުރިމަތިލި ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް ލިސްޓުތައް އާންމުކޮށްފައި ވާއިރު، ޖުމްލަ 91 ދާއިރާއެއްގެ ތެރެއިން ލިސްޓުގައި ވާގޮތުން 32 ދާއިރާއެއްގެ މަގާމުތަކަށް އެއްވެސް އިންތިހާބެއް ނެތި މެންބަރުން ވަނީ ހޮވިފައެވެ.
ޕީއެންސީގެ އެތެރޭގެ އިންތިހާބު ބާއްވާނެކަން އެ ޕާޓީގެ ފަރާތުން އިއުލާނުކުރީ މިދިޔަ ސެޕްޓެމްބަރު މަހުގައެވެ. އެ ޕާޓީން އެ ދުވަހު ބުނީ، ޖުމްލަ 2،095 މެންބަރުން އެ ޕާޓީގެ އެކި މަގާމުފުރާތަކަށް އައްޔަން ކުރެވޭނެ ކަމަށެވެ. އެންމެ ފުރަތަމަ ޕީއެންސީން އިއުލާނުކުރީ އެ ޕާޓީގެ އެތެރޭގެ އިންތިހާބު މިދިޔަ މަހުގެ 19 ވަނަ ދުވަހު ބާއްވާ ގޮތަށެވެ. ނަމަވެސް މި ތާރީހު ވަނީ ދެފަހަރެއްގެ މަތިން ފަސްކޮށްފައެވެ.