އިންތިހާބުވާ ޕާޓީ ބަދަލުކުރުމުން އެ މީހަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަގުތުން ވަކިވާގޮތަށް ހިމަނައި، ގާނޫނުއަސާސީ އަށް ހުށަހެޅި އިސްލާހު ފާސްކުރަން ފެންނަ ކަމަށް މުޅި މަޖިލީހުގެ ކޮމިޓީން ނިންމައިފިއެވެ.

ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވީ، ތިރީގައިވާ ތިން ހާލަތަކުން ކުރެ އެއް ހާލަތެއް މެދުވެރިވެއްޖެ ނަމަ މަޖިލީހަށް އިންތިހާބުވާ މެންބަރުން ވަކިވާނެ ކަމަށެވެ. އެއީ:

- ވަކި ޕާޓީއަކުން ވާދަކޮށް މެންބަރުކަމަށް އިންތިހާބުވާ ފަހުން އެ މެންބަރަކު އެ ޕާޓީއަކުން ވަކިވުމުން، ނުވަތަ އެ ޕާޓީން ވަކިވެ އެހެން ޕާޓީއަކާ ގުޅުމުން، ނުވަތަ ޕާޓީން އެ މެންބަރަކު ވަކިކުރުމުން

- އެ މެންބަރަކު މިހާރު ތަމްސީލުކުރާ ޕާޓީން ވަކިވުމުން، ނުވަތަ އެ ޕާޓީން ވަކިވެ އެހެން ޕާޓީއަކާ ގުޅުމުން، ނުވަތަ ޕާޓީން އެ މެންބަރަކު ވަކިކުރުމުން

- އަމިއްލަގޮތުން ވާދަކޮށް އިންތިހާބުވާ މެންބަރުން ސިޔާސީ ޕާޓީއަކާ ގުޅުމުން

ކޮމިޓީ މަރުހަލާގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ވަނީ މެންބަރުން ވަކިކުރުމުގެ ބާރު އެ ދާއިރާއެއްގެ ރައްޔިތުންނަށް ލިބޭގޮތަށް ގާނޫނުއަސާސީ އިސްލާހުކުރުމަށް ހުށަހަޅައިފައެވެ. ނަމަވެސް ކޮމިޓީން ނިންމީ އެ އިސްލާހު ބޭރުކޮށްލުމަށެވެ.

މީގެ އިތުރުން ވެސް ގާނޫނުއަސާސީ އަށް ޝާހިދު ހުށަހެޅުއްވި ބައެއް އިސްލާހުތަކުގެ ތެރޭގައި ހިމެނެނީ:

- ގައުމީ ތަރައްގީގެ ޕްލޭންތަކާއި ތަސައްވުރުތައް އެކުލަވާލުމުގެ ބާރުތައް ރައީސުލްޖުމްހޫރިއްޔާ އަށް ލިބޭ ގޮތަށް ހެދުން

- މަޖިލީހުގެ ފުރިހަމަ އަޣުލަބިއްޔަތުން ފާސްވެގެން ނޫނީ އަސްކަރީ ބޭނުމަކަށް ރާއްޖޭގައި އެއްވެސް ސަރަހައްދެއްގައި ބޭރުގެ ސިފައިންނަށް ހަރަކާތްތެރިވެވޭނެ ގޮތް ހެދުން

މި އިސްލާހުތައް ހިމެނޭހެން ސަރުކާރުން ގާނޫނުއަސާސީ އަށް ހުށަހެޅި އިސްލާހުތައް ފާސްކުރަން ފެންނަ ކަމަށް ކޮމިޓީން ނިންމީ ވޯޓުގައި ބައިވެރިވި 88 މެންބަރުންގެ ތެރެއިން 75 މެންބަރުންގެ ވޯޓާ އެކުގައެވެ. ނުފެންނަ ކަމަށް ވޯޓުދެއްވީ 13 މެންބަރުންނެވެ.

މި އިސްލާހުތައް ފާސްކުރުމަށްޓަކައި މިއަދު ހަވީރު މަޖިލީހުގެ ޖަލްސާ އެއް ބާއްވަން ވެސް ވަނީ ތާވަލުކޮށްފައެވެ.