އިންތިހާބުވާ ޕާޓީ ބަދަލުކުރުމުން އެ މީހަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަގުތުން ވަކިވާގޮތަށް ގާނޫނުއަސާސީ އިސްލާހުކުރަން ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހު ބަލައިގެންފިއެވެ.

ހުޅުދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޑެޕިއުޓީ ލީޑަރު މުހައްމަދު ޝާހިދު ގާނޫނުއަސާސީ އަށް ހުށަހެޅުއްވި އެ އިސްލާހު ބަލައިގަތީ އެކަމަށްޓަކައި ރިޔާސަތުން ވޯޓަށް އެހުމުން ވޯޓުގައި ބައިވެރިވި 81 މެންބަރުންގެ ތެރެއިން 69 މެންބަރުންގެ ވޯޓާ އެކުގައެވެ. އެ އިސްލާހު ބަލައިގަންނަން ނުފެންނަ ކަމަށް ވޯޓުދެއްވީ އެމްޑީޕީގެ 12 މެންބަރުންނެވެ.

އަދި މި އިސްލާހު ދިރާސާކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވުމަށް ފެނޭތޯ ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވި 83 މެންބަރުންގެ ތެރެއިން އެކަމާ ދެކޮޅަށް ވޯޓުދެއްވީ ވެސް އެމްޑީޕީގެ 12 މެންބަރުން އެކަންޏެވެ.

މި އިސްލާހު ބަލައިގަނެ ކޮމިޓީ މަރުހަލާ އަށް ފޮނުވާލާފައި ވަނީ އެންމެ ދެ ގަޑިއިރުތެރޭ ބަހުސްކުރުމަށް ފަހުގައެވެ. އަދި މި އިސްލާހު އިތުރަށް ދިރާސާކުރުމަށްޓަކައި މުޅި މަޖިލީހުގެ ކޮމިޓީގެ ބައްދަލުވުން ވެސް ކުރިއަށް ގެންދާނެ ކަމަށް، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވިއެވެ.

ޝާހިދު ހުށަހެޅުއްވި އިސްލާހު ފާސްވެއްޖެނަމަ، މި ތިން ހާލަތުން ކުރެ އެއް ހާލަތަކުން މަޖިލީހަށް އިންތިހާބުވާ މެންބަރުން ވަކިވާނެއެވެ.

  • ވަކި ޕާޓީއަކުން ވާދަކޮށް މެންބަރުކަމަށް އިންތިހާބުވާ ފަހުން އެ މެންބަރަކު އެ ޕާޓީއަކުން ވަކިވުމުން، ނުވަތަ އެ ޕާޓީން ވަކިވެ އެހެން ޕާޓީއަކާ ގުޅުމުން، ނުވަތަ ޕާޓީން އެ މެންބަރަކު ވަކިކުރުން
  • އެ މެންބަރަކު މިހާރު ތަމްސީލުކުރާ ޕާޓީން ވަކިވުމުން، ނުވަތަ އެ ޕާޓީން ވަކިވެ އެހެން ޕާޓީއަކާ ގުޅުމުން، ނުވަތަ ޕާޓީން އެ މެންބަރަކު ވަކިކުރުމުން
  • އަމިއްލަގޮތުން ވާދަކޮށް އިންތިހާބުވާ މެންބަރުން ސިޔާސީ ޕާޓީއަކާ ގުޅުމުން

ސަރުކާރުން ގާނޫނުއަސާސީ އަށް މި އިސްލާހު ހުށަހެޅީ، ބެލެވޭ ގޮތުގައި މިހާރު އަމަލުކުރަމުންދާ އެންޓި-ޑިފެކްޝަން ގާނޫނުގެ ބަދަލުގައި، އެ ގާނޫނުގައިވާ މާއްދާތައް ސީދާ ގާނޫނުއަސާސީގައި ހިމެނުމަށެވެ.

19 ވަނަ މަޖިލީހުން ފާސްކުރި އެންޓި-ޑިފެކްޝަން ގާނޫނުގައިވާ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން ކައުންސިލަރުންނާއި އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުން ވެސް، މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރަން ފަށާ ދުވަހުން ފެށިގެން އެ ހިނގާ މުއްދަތުގައި ޕާޓީ ބަދަލުކޮށްފިނަމަ ނުވަތަ ތަމްސީލުކުރާ ޕާޓީއަކުން ވަކިކޮށްފިނަމަ، ނުވަތަ ވަކިވެއްޖެ ނަމަ އެ އިންތިހާބުވާ މީހާ ހަތް ދުވަހުގެ ތެރޭގައި އިސްތިއުފާ ދޭން ޖެހޭނެ ކަމަށް ވެއެވެ.

އެމަކަކު އެގޮތަށް އިސްތިއުފާ ނުދީފިނަމަ އަމަލުކުރާނެ ގޮތެއް އެ ގާނޫނުގައި ބަޔާނެއް ނުކުރެއެވެ. އެހެންކަމުން އަމިއްލަ ފަރާތަކުން ވަނީ އެ މައްސަލަ ކޯޓަށް ވެސް ހުށަހަޅައިފައެވެ.