ގައުމީ ބޭންކު ބީއެމްއެލް އިން ކުރިއަށް ގެންދާ ސްޓްރެޓެޖިކް އިނިޝިއޭޓިވް، ވޭސްޓް މެނޭޖްމަންޓް ގްރާންޓް ޕްރޮޖެކްޓް، ކާމިޔާބު ކުރި ޖަމްއިއްޔާތަށް އިއުލާންކޮށްފިއެވެ.

ބީއެމްއެލް އިން ބުނީ ކުނިކޮށިތަކުގައި ބިއްލޫރި ކުނި މަދުކޮށް، ބިއްލޫރި ކުނި އުކާލުމުގެ ދަތުރުފަތުރުގެ ހަރަދު ކުޑަކޮށްގެން މުޖުތަމައުގައި ރީސައިކަލް ކުރުމުގެ މަސައްކަތްތަކަށް އެހީވެ ދިނުމަށް ދެ ޖަމްއިއްޔާއަށް ހޮވާފައިވާކަމަށެވެ.

ވޭސްޓް މެނޭޖްމަންޓް ގްރާންޓް ޕްރޮޖެކްޓް ކާމިޔާބުކޮށްފައިވަނީ

1. ލިވް އެންޑް ލާން އެންވަޔަރަންމަންޓަލް އެޑިޔުކޭޝަން މޯލްޑިވްސް

ބޭންކުން ފޯރުކޮށްދޭ އާލާތްތައް: ތިން ގްލާސް ކްރަޝަ މެޝިން

އާލާތްތައް ލިބޭ ރަށްތައް: ކ. ގާފަރު، އއ. އުކުޅަސް އަދި އދ. ދިގުރަށް

2. މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސް (މޯޕާ)

ބޭންކުން ފޯރުކޮށްދޭ އާލާތްތައް: އެއް ގްލާސް ކްރަޝާ މެޝިން އަދި އެއް ބޭލާ

އާލާތްތައް ލިބޭ ރަށް: ހުޅުމާލެ

ބީއެމްއެލް އިން ބުނީ މި ޕްރޮޖެކްޓަކީ ދެމެހެއްޓެނިވި މާހައުލެއް ރާއްޖޭގެ މުޖުތަމައުތަކަށް ކުރިއެރުވުމުގެ މަގްސަދުގައި ކުރިއަށް ގެންދާ ޕްރޮޖެކްޓްއެއްކަމަށެވެ. އަދި މި ޕްރޮޖެކްޓް ގެދަށުން ކުނި މެނޭޖްކުރާ ފެސިލިޓީތަކަށް ބޭނުންވާ ސާމާނު ގަތުމަށް ބޭނުންވާ ފައިސާ ލިބޭނެކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

މި ޕްރޮޖެކްޓް އާއި ގުޅިގެން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި އިންޗާޖު އާއިޝަތު ނޫރައްދީން މީގެ ކުރިން ވިދާޅުވީ މި ޕްރޮޖެކްޓުން ދައްކައިދެނީ ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ރައްކާތެރިކުރުމަށް ކުރަމުންދާ މުހިންމު މަސައްކަތް ކަމަށެވެ. އަދި ތިމާވެށްޓަކީ ޒިންމާދާރު ވިޔަފާރިއެއްގެ ހައިސިއްޔަތުން މުޖުތަމައަށް އެހީ ފޯރުކޮށްދޭ މައިގަނޑު އެއް ދާއިރާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އާއިޝަތު ނޫރައްދީން ވިދާޅުވީ މިއީ ހަމައެކަނި ކުނި މެނޭޖްކުރުމުގެ ހައްލުތައް ހޯދައިދިނުމުގެ އިތުރުން މިހާރު ހުރި ނިޒާމުތައް އިތުރަށް ތަރައްގީކޮށް، ރާއްޖެއަށް ސާފު އަދި ފެހި މުސްތަގުބަލެއް ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތެއް ކަމުގައެވެ.