ލިލީމަގުގައި ހުންނަ، މުލިޔާގެ ގަރާޖުގެ ގޮތުގައި ބޭނުންކުރަމުން އަންނަ އިމާރާތާއި ގޯތި، ޒުވާނުންނާ ގުޅޭ ހަރަކާތްތައް ހިންގުމަށް ދިމާވެފައިވާ ޖާގައިގެ ދަތިތަކަށް ހައްލު ހޯދުމަށް އެ ތަން "ޒުވާނުންގެ ތާޑް ސްޕޭސް" ނުވަތަ ޒުވާނުންގެ މަރުކަޒެއް ތަރައްގީ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުކުރެއްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓަރު ހުށަހެޅުއްވި ކަރުދާހަށް މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.
ރައީސް އޮފީހުން ބުނީ، މުލިއާގޭ ވެހިކަލް ގަރާޖު ހުންނަ ސަރަހައްދަކީ ގިނަ ސްކޫލްތަކެއް ހުންނަ، މަގުމަތީގެ ކާރުބާރު ބޮޑު ސަރަހައްދަކަށް ވުމުން އެ ތަނުގައި ޒުވާނުންގެ މަރުކަޒު ތަރައްގީ ކުރަން ރައީސް ނިންމަވާފައި ވަނީ އެ ސަރަހައްދު ބޭނުން ކުރާ ފަރާތްތަކަށް ދަތިނުވާނެ ފަދަ، ރަނގަޅު ޓްރެފިކް މެނެޖްމަންޓް ޕްލޭނަކާއެކުގައި ކަމަށެވެ. މިފަދަ ތަންތަނަކީ، ޒުވާނުންގެ އީޖާދީ ވިސްނުން ހަގީގަތަކަށް ހަދައި، ޒުވާނުން ބާރުވެރި ކުރުވުމަށް މުހިންމު މަންސައެއް ކަމުގައި ހައްދަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
ޒުވާނުންނަށް ހާއްސަ "ތާޑް ސްޕޭސް" އޭރިއާތަކަކީ، ޒުވާނުންގެ ހުނަރުތައް އިތުރަށް ކުރިއެރުވުމަށް މަސައްކަތް ކުރުމަށް ލިބޭ ވަރަށް ބޭނުންތެރި މުހިންމު ތަނެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ. އެގޮތުން މި ތަނުގައި ކުރިއަށް ގެންދިއުމަށް ހުށަހަޅާފައިވާ ކަންތައްތަކުގެ ތެރޭގައި، އެކި ކަހަލަ ބޫޓް ކޭމްޕްތަކާއި، ސްކިލް އެކްސްޗޭންޖް ޕްރޮގްރާމްތަކާއި، ވާޗުއަލް ރިއަލިޓީ ޓްރެއިނިން، ކޮމިއުނިޓީ އާޓް ވޯލް، އިންޓްރެކްޓިވް ކޮމިއުނިޓީ ހަބް، އެކިކަހަލަ މަސައްކަތު ބައްދަލުވުން، އަދި ކަލިނަރީ އިވެންޓްތައް ހިމެނެއެވެ. މީގެ އިތުރުން ނަފްސާނީ ދުޅަހެޔޮކަމަށް މަގުފަހި ކުރުމަށް ވެސް މިތަނުގެ ބައެއް ހަމަޖެއްސުމަށް ހުށަހަޅާފައި ވެއެވެ.
"ޒުވާނުންގެ ތާޑް ސްޕޭސް" ނުވަތަ ޒުވާނުންގެ މަރުކަޒު ޑިޒައިންކުރުމަށް ހުށަހަޅާފައި ވަނީ ޒުވާނުން ކަންކަން އުނގެނުމަށާއި، އެކި ކަހަލަ ހުނަރުތައް ދަސްކޮށް ދިނުމަށާއި، އެކަކު އަނެކަކާ ބައްދަލުކޮށް ގުޅުން ބަދަހިކުރުމަށް މަގުފަހި ކުރެވޭނެ ގޮތަށް، ތިމާވެއްޓާ ރައްޓެހި ތަނެއްގެ ގޮތުގައި ކަމަށް ރައީސް އޮފީހުން ބުނެއެވެ. އަދި މި ކޮންސެޕްޓުގައި، ރާއްޖެއަށް ހާއްސަ ކާބޯތަކެތި (ލޯކަލް ކުއިޒިން) ވިއްކުމަށާއި، އަދި ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ކާބޯތަކެތި ވިއްކާ ފަރާތްތަކުގެ އުފެއްދުންތައް އިޝްތިހާރުކޮށް ވިއްކުމާއި، ސިއްހަތަށް ފައިދާ ހުރި ކެއުންތައް ޕްރޮމޯޓް ކުރާ، ކެފެޓޭރިއާއެއް ހިމެނުމަށް ވެސް ހުށަހަޅާފައިވާ ކަމަށް ރައިސް އޮފީހުން ބުނެއެވެ.