އެކިއެކި ދާއިރާތަކުން ޗައިނާ އަށް ފިއްތުންތައް ކުރިމަތިކުރާ އެމެރިކާގެ ރައީސް ކަމަށް ހޮވުނު އާ ރައީސް ޑޮނާންޑް ޓްރަމްޕާއެކު މަސައްކަތް ކުރައްވާނެ ކަމަށް ޗައިނާގެ ރައީސް ޝީ ޖިންގްޕިން ވިދާޅުވެއްޖެއެވެ.
ޕުރޫގައި ކުރިއަށް އޭ އޭޕެކް ގައުމުތަކުގެ ވެރިންގެ ބައްދަލުވުމުގެ ހަވާސާގައި އިއްޔެ އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި ޝީ ބައްދަލުކުރައްވާފައި ވާ އިރު ދެ ވެރިން ވަނީ ބައިޑަންގެ 4 އަހަރުގެ ދައުތުރުގެ ތެރޭގައި ދެގައުމުގެ ގުޅުމުގައި އަޑިގުޑަންގަނޑުތަކާ ދިމާވެފައި ވާކަމަށް ވިދާޅުވެއެވެ. ނުވަތަ ދެގައުމުގެ ގުޅުމުގައި ނުތަނަވަސް ކުރިމަތިވި ފަހަރުތަކާއި އެކުގައި މަސައްކަތް ކުރެވުނު ފަހަރުތައް އައިސްފައިވާ ކަމަށެވެ.
އަދި ޓައިވާން މައްސަލަ އާއި ވިޔަފާރީގެ ދާއިރާތަކުން ދެގައުމުގެ ދެމެދުގައި އޮންނަ ނުތަނަވަސްކަމަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބުނު ކަމަށް ވެސް ދެވެރިން ވިދާޅުވިއެވެ.
އެނަލިސްޓުން ބުނަނީ ޓަރަމްޕްގެ ވެރިކަމާއެކު ޗައިނާ އާއި އެމެރިކާގެ ގުޅުން އިތުރަށް ގޯސްވާނެ ކަމަށެވެ. އެއީ ކެމްޕެއިންގެ ތެރޭގައި ޗައިނާގެ މުދަލަށް ނަގާ ޑިއުޓީ ބޮޑުކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެފައި ވާތީއެވެ.
ޓްރަމްޕް ވިދާޅުވެފައި ވަނީ ޗައިނާއިން އެމެރިކާ އަށް އިމްޕޯޓް ކުރާ ހުރިހާ އެއްޗެއްގެ ޑިއުޓީ 60 ޕަސެންޓަށް މަތިކުރައްވާނެ ކަމަށެވެ. އަދި ޓްރަމްޕް ސަރުކާރުގެ ދިފާއީ އަދި ހާރިޖީ މަގާމުތަކަށް އައްޔަން ކޮށްފައި ވަނީ ވެސް ޗައިނާ އާ މެދު ހަރުކަށި ސިޔާސަތުތަކެއް އިސްކުރައްވާ ބޭފުޅުންނެވެ.
އެމެރިކާގެ ސިޔާސަތަކީ ހުރިހާ މާނައެއްގައި ޗައިނާ ފަހަތަށް ޖައްސާލުން ކަމަށް ވާއިރު ޓްރަމްޕްގެ ފުރަތަމަ ދައުރުގައި ވެސް ޗައިނާ ރުޅިއަރުވާލިއެވެ. އެގޮތުން އެންމެ ބޮޑު ވާދަވެރިއަކީ ޗައިނާ ކަމަށް ވިދާޅުވި އިރު ބައިޑަންގެ ވެރިކަމުގައި އުފަންވެގެން އައި ކޮވިޑަކީ ޗައިނާގެ އުފެއްދުމެއް ކަމަށް ވިދާޅުވެ އެކަމުގައި ވެސް ޗައިނާ ރުޅިއަރުވާލައިފައި ވެއެވެ.
މި ބައްދަލުވުމުގައި ޝީ ވިދާޅުވީ، އެމެރިކާ އާ މެދު ޗައިނާއިން ގެންގުޅޭ ސިޔާސަތު ބަދަލު ނުކުރާ ކަމަށާއި ޓްރަމްޕާއެކު ވެސް ކުރިއަށް ދާނީ އެމަގުން ކަމަށެވެ. އެގޮތުން މަޝްވަރާގެ މަގު ހިޔާރުކޮށް ގުޅުންތައް ބަދަހި ކުރަމުން ކުރިއަށް ދާނެ ކަމަށް ޝީ ވިދާޅުވިއެވެ.