ފަތުރުވެރިކަމުގެ ބޭނުމަށް ދޫކުރި 11 ރަށަކުން އެކުއިޒިޝަން ކޯސްޓުގެ ގޮތުގައި 32.6 މިލިއަން ޑޮލަރު ލިބިފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީ އިން ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓްރީ އިން ބުނީ ރިސޯޓު ތަރައްގީކުރަން ހުޅުވައިލި ރަށްތަކުގެ ތެރެއިން 11 ރަށެއް މި އަހަރު ދޫކޮށް އެކުއިޒިޝަން ކޯސްޓުގެ ގޮތުގައި 3.6 މިލިއަން ޑޮލަރު ލިބިފައިވާކަމަށާއި އެ ތަންތަނުގެ އިންވެސްޓުމެންޓުގެ އަގު 400 މިލިއަން ޑޮލަރަށްވުރެ މަތިވާނެކަމަށެވެ.

މީގެއިތުރުން މި އަހަރު ޓޫރިޒަމް ބިމުގެ ކުލީގެ ގޮތުގައި 97.4 މިލިއަން އެމެރިކާ ޑޮލަރު ދައުލަތަށް ލިބިފައިވާކަމަށްވެސް ޓޫރިޒަމް މިނިސްޓްރީ އިން ވަނީ ބުނެފައެވެ.

ރިސޯޓު ހަދަން ހުއްދަ ދޫކުރި ނަމަވެސް އެއްވެސް ވަރަކަށް މަސައްކަތް ނުހިނގާ 22 ރަށެއްގެ އެއްބަސްވުމާމެދު ގޮތެއް ނިންމުމަށް އޭޓާނީ ޖެނެރަލްގެ ލަފަޔަކަށް އެދިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވަނީ މީގެކުރިން ވިދާޅުވެފައެވެ. އެގޮތުން އެންމެ ގިނަ ރަށްތައް ހިމެނެނީ ހދ. އަތޮޅުގައި ކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ އޭގެތެރޭގައި 15 އަހަރާއި 20 އަހަރު އަދި 30 އަަހަރުވެފައިވާ ރަށްތައްވެސް ހިމެނޭ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީ އިން ބުނީ ރާއްޖޭގެ ފަތުރުވެރިކަމަށް އިންވެސްޓުކުރުމަށް މަގުފަހިކުރުމުގެ ގޮތުން ފަތުރުވެރިކަމުގެ ދާއިރާގައި ހުރި އިންވެސްޓުމެންޓުގެ ފުރުސަތުތައް އިންވެސްޓަރުންނާ ހިއްސާކުރުމަށް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ގިނަ އަދަދެއްގެ މަސައްކަތަތްކެއް ކުރެވިފައިވާކަމަށެވެ. އެގޮތުން އިންޑިޔާގެ ނިއުދިއްލީއާއި، މުމްބާއީ އަދި ބެންގަލޫރުގައިވެސް ބިޒްނަސް ފޯރަމުތަކެއް ބޭއްވުނު ކަން މިނިސްޓްރީ އިން ވަނީ ފާހަގަކޮށްފައެވެ.

ފަތުރުވެރިކަން ފުޅާކުރުމަށް މިއަހަރުތެރޭ ރާއްޖެއަށް 2 މިލިއަން ފަތުރުވެރިން ގެނައުމަށް ސަރުކާރުން ވަނީ އަމާޒުހިފާފައެވެ. ޓޫރިޒަމް މިނިސްޓަރު ފައިސަލް މީގެ ކުރިން ވިދާޅުވެފައިވަނީ މިހާރު ރާއްޖެއަށް ފަތުރުވެރިން އަންނަމުންދާ އަދަދުތަކަށް ބަލާއިރު، އަހަރު ނިމޭއިރު 2.1 މިލިއަން ނޫނީ 2.2 މިލިއަން ފަތުރުވެރިން ރާއްޖެއަށް އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.