މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން އެކްރެޑިޓް ނުކުރާ ކޯސްތައް މަރުކަޒުތަކުން ނުހިންގުމަށް އެމްކިއުއޭއިން އިލްތިމާސްކޮށްފިއެވެ.

އެމްކިއުއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މަތީ ތައުލީމާއި ތަމްރީން ދޭ މަރުކަޒުތަކުން އެމްކިއުއޭގެ އެކްރެޑިޓޭޝަނާއި ނުލާ ބޭރުގެ ޔުނިވަސިޓީއާއި ކޮލެޖުތަކުގެ ޕްރޮގްރާމުތައް ހިންގުމަށް އިސްތިހާރު ކުރާކަން އެ އޮތޯރިޓީއަށް ފާހަގަކުރެވިފައިވާކަމަށެވެ.

އެމްކިއުއޭއިން ބުނީ ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނުގައި ވާގޮތުން ރާއްޖޭގައި މަތީ ތައުލީމާއި ތަމްރީނުދޭ ވުޒާރާގައި ރަޖިސްޓްރީ ވެފައިވާ މަރުކަޒުތަކުން އެމްއެންކިއުއެފް ލެވެލްގެ ޕްރޮގްރާމެއް ހިންގަން ވާނީ އެމްކިއުއޭއަށް ހުށަހަޅާ އެ ޕްރޮގްރާމަކަށް އެކްރެޑިޓޭޝަން ލިބުމަށްފަހުގައެވެ.

އަދި ބޭރު ގައުމެއްގެ ހަޔާ އިންސްޓިޓިއުޝަން ރިކޮގްނައިޒްކުރުމަކީ ވަކި މަރުހަލާއަކަށް ވުމާއެކު ބޭރު ގައުމުތަކުގެ އިންސްޓިޓިއުޝަންތަކަށް އެމްކިއުއޭއިން ވަކިވަކިން ލިޔުން ދޫކޮށްފައިނުވާނެކަމަށްވެސް އެމްކިއުއޭއިން ވަނީ ބުނެފައެވެ.

މަތީ ތައުލީމާއި ތަމްރީން ދޭ މަރުކަޒުތަކުން ހިންގާ ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ކުރިން އެއީ އެމްކިއުއޭގެ ހުއްދަ ލިބިގެން ހިންގާ ކޯސްތައް ކަން ޔަގީން ކުރުމަށްވެސް އެމްކިއުއޭއިން ދަނީ ތަކުރާރުކޮށް ނަސޭހަތްތެރިވަމުންނެވެ.

އެގޮތުން އެ އޮތޯރިޓީގެ ވެބްސައިޓުގައި ހުއްދަ ދީފައިވާ ޕްރޮގްރާމްތަކުގެ ލިސްޓެއް ވާނެ ކަމަށާއި އެ ލިސްޓަށް ބަލައި ޔަގީން ކުރުމަށް ފަހުގައި ނޫނީ އެ ޕްރޮގްރާމެއް ނުފެށުމަށް އެމްކިއުއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.