މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަދި ބްރޯޑްކާސްޓިން ކޮމިޝަން އުވާލައި 'މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން'ގެ ނަމުގައި އާ ކޮމިޝަނެއް އުފައްދަން ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބިލު ފާސްވެއްޖެނަމަ ސަރުކާރުގެ ނުފޫޒު ވަދެ، މީޑިއާގެ މިނިވަންކަން އެތައް އަހަރެއް ފަހަތަށް ސޮއްސާލައިގެން ދާނެ ކަމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ބުނެފިއެވެ.

އެމްޖޭއޭއިން ބުނީ އެ ބިލްގެ ސަބަބުން ގާނޫނުއަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު ވަރަށް ބޮޑަށް ހަނިވެގެން ގޮސް ނޫސްވެރިންގެ މަސައްކަތަށް ނުހަނު ބޮޑެތި ހުރަސްތައް އެޅިގެންދާނެ ކަމަށެވެ.

އެ ބިލުގެ ސަބަބުން މީޑިއާތައް އެ މީހުން އަމިއްލައަށް ރެގިއުލޭޓް ކުރުން ނުވަތަ ސެލްފް ރެގިއުލޭޓް ކުރުމަށް މިހާރު އޮތް ބާރު ގެއްލި، އޭގެ ބަދަލުގައި ސަރުކާރުގެ ނުފޫޒާއި ބާރު މީޑިއާ ތެރެއަށް ވަރަށް ބޮޑަށް ވަދެ، ރާއްޖޭގެ މީޑިއާގެ މިނިވަންކަން އެތައް އަހަރެއް ފަހަތަށް ސޮއްސާލައިގެން ދާނެ ކަމަށް ވެސް އެމްޖޭއޭއިން ވަނީ ބުނެފައެވެ.

ބިލާ ގުޅޭ ގޮތުން އެމްޖޭއިން ފާހަގަކޮށްފައިވާ މައިގަނޑު ބޮޑެތި ކަންބޮޑުވުންތަކަކީ:

• ކޮމިޝަންގެ އޮނިގަނޑު އެކުލަވާލަން ހުށަހަޅާފައިވާ ގޮތުން ހަތް މެންބަރުންގެ ތެރެއިން އަގުލަބިއްޔަތު މެންބަރުން ކަމަށްވާ ހަތަރު މެންބަރުންން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުން މަޖިލީހަށް ނަން ފޮނުވައިގެން އައްޔަން ކުރުމުގެ ސަބަބުން މީޑިއާ ރެގިއުލޭޓް ކުރުމަށް ސަރުކާރުގެ ނުފޫޒު ވަދެ ނޫސްވެރިންނަށް އޮތް މިނިވަންކަމަށް ސަރުކާރުގެ ބާރާއި ނުފޫޒުވަނުން

• ކޮމިޝަން ހިންގުމުގެ ހުރިހާ ބާރެއް ކޮމިޝަންގެ ރައީސަށް ދީފައިވާއިރު އެ މަގާމާއި ކޮމިޝަންގެ ނައިބު ރައީސްގެ މަގާމަކީ ސީދާ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ މަގާމަކަށްވުން

• ބިލްގައި ކަނޑައަޅާފައިވާ ސުލޫކީ މިންގަނޑުތަކާ ހިލާފުވާ މީޑިއާތައް ޖޫރިމަނާ ކުރުމާއި މީޑިއާތަކުގެ ލައިސަންސް ހިފެހެއްޓޭނެ ކަމަށް ބަޔާންކޮށްފައިވާއިރު ވަކިވަކި ނޫސްވެރިންނަށް ވެސް ބޮޑެތި ޖޫރިމަނާތަކެއް ކުރެވޭނެ ގޮތަށް ބިލް އެކުލަވާލާފައިވުމަކީ މީޑިއާގެ މިނިވަންކަމަށް ކުރިމަތިވާނެ ބޮޑު ނުރައްކަލެއް.

އެމްޖޭއިން ބުނީ މީޑިއާ ރެގިއުލޭޓް ކުރުމުގެ އިހްތިޔާރު އޮންނަން ވާނީ މީޑިއާތަކަށް އަމިއްލައަށް އެކަން ކުރާ ގޮތް ނުވަތަ ސެލްފް ރެގިއުލޭޓްރީ މެކޭނިޒަމްއަކަށް ބުރަވާ ގޮތަށް ކަމަށެވެ. އެއީ މީޑިއާގެ މައިގަނޑު އެއް މަސައްކަތަކީ ސަރުކާރާއި ދައުލަތުގެ މުއައްސަސާތައް އަދި ބާރުވެރިންގެ މައްޗަށް ފާރަވެރިވެ އެ މީހުން ޒިންމާދާރުކުރުން ކަމަސްވާތީ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

ސަރުކާރަށް ފާރަވެރިވާން ތިބޭ ބައެއްގެ ކަންކަން ބެލެހެއްޓުމާ ސަރުކާރުން ހަވާލުވުމަކީ ވަރަށް ދެކޮޅު ނުޖެހޭ ނިޒާމެއް ކަމަށާއި މީޑިއާތައް ބެލެހެއްޓުމަށް މީގެ ކުރިން ސަރުކާރުގެ ނުފޫޒުވަތް ކޮންމެ ފަހަރަކު ވެސް މީޑިއާތަކާ ބޮޑެތި ޖޫރިމަނާތަކާ ކުރިމަތިވެ ބައެއް ތަންތަން ބަންދުކުރާ ހިސާބަށް ގޮސްފައިވާކަން އެމްޖޭއޭއިން ވަނީ ފާހަގަކޮށްފައެވެ.

ނޫސްވެރިންކަމާއި މީޑިއާތައް ރެގިއުލޭޓް ކުރަން ސަރުކާރުގެ ބާރުގެ ދަށަށް ގެނައުމަކީ އެ ޖަމްއިއްޔާއިން އެއްވެސް މިންވަރަކަށް ބަލައިގަންނާނެ ކަމެއް ނޫންކަން ފާހަގަކޮށް އެމްޖޭއޭއިން ބުނީ އެކަމާ ދެކޮޅަށް އެ ޖަމިއްޔާއިން މަސައްކަތް ކުރާނެ ކަމަށެވެ. އަދި ބިލް ހުށަހެޅުއްވި މެންބަރު ވެސް އަދި ސަރުކާރުގެ ފަރާތުން ވެސް ބިލް އެކުލަވާލުމުގައި އެ ޖަމްއިއްޔާގެ އަދި މީޑިއާގެ އިސް ފަރާތްތަކުގެ ލަފާ އެއްވެސް ވަރަކަށް ހޯދާފައި ނުވާކަން އެ ޖަމިއްޔާއިން ވަނީ ފާހަގަކޮށްފައެވެ.

މި ބިލަކީ މި ހުރިހާ އުސޫލުތައް މުގުރިގެންދާނޭ ފަދަ މިނިވަން ނޫސްވެރިކަމާއި މީޑިއާއަށް އޮތް ނުރައްކަލެއް ކަމަށް އެމްޖޭއޭއިން ވަނީ ބުނެފައެވެ. އަދި ރާއްޖޭގައި މިހާރު އޮތް މީޑިއާގެ ސެލްފް ރެގިއުލޭޓަރީ މެކޭނިޒަމްގައި މައްސަލަތަކެއް އުޅޭ ނަމަ އެކަން ހައްލު ކުރަން ވާނީ އެ ނިޒާމު އެކީ ގެއްލިގެން ނުދާ ގޮތަށް މިހާރު ހުރި އެ ނިޒާމުގެ މައްސަލަތައް ހައްލުވާނޭ ވަށާ ޖެހޭނޭ ގޮތަކަށް ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

އެގޮތުން މީޑިއާ ރެގިއުލޭޓް ކުރަން އުފައްދާ އާ ކޮމިޝަންގެ ތިންބައިކުޅަދެބައި އޮންނަން ވާނީ މީޑިއާގެ އެކި ވަސީލަތްތަކާއި އެޑިޓަރުންނާއި ސީނިއާ އަދި ޖޫނިއާ ނޫސްވެރިންނާއި މީޑިއާތައް އަދި މަދަނީ ޖަމްއިއްޔާތައް ތަމްސީލްވާ ގޮތެއްގައި ކަމުގައި ގަބޫލުކުރާ ކަމަށް އެ ޖަމްއިއްޔާއިން ވަނީ ބުނެފައެވެ. އަދި ދައުލަތާއި ސަރުކާރަށް ބާރުވެރިކަން ލިބޭ ގޮތަށް މީޑިއާ ރެގިއުލޭޓް ކުރާ ކޮމިޝަނެއް އެކުލަވާލަން އެ ޖަމްއިއްޔާއިން އެއްވެސް ގޮތަކަށް ތާއީދު ނުކުރާ ކަމަށް ބުފައިވެއެވެ.

މިއަދު މަޖިލީހަށް އިއްވި މި ބިލަކީ ސަރުކާރަށް ތާއީދު ކުރާ އަމިއްލަ މެންބަރަކު ހުށަހެޅުއްވި ބިލަކަށް ވާ އިރު، ސަރުކާރުގެ ފަރާތުން ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު ވިދާޅުވެފައި ވަނީ، މި ބިލަކީ ސަރުކާރުން ހުށަހެޅި ބިލެއް ނޫން ކަމަށާއި އެއީ އެ މެންބަރުގެ އަމިއްލަ ހިޔާލު ކަމަށެވެ.