ސަރުކާރުގެ ފަރާތުން އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓަކީ 'ރައީސުލްޖުމްހޫރިއްޔާގެ ފައިންޕުޅުގައި އާދޭސްކުރަން މަޖުބޫރުކުރުވަނިވި ބަޖެޓެ'އްގެ ގޮތުގައި، ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ސިފަކުރައްވައިފިއެވެ.

"މި ބަޖެޓަކީ ރައްޔިތުން ބިކަކުރާ ވިޔަފާރިތައް ފުނޑާލާ ބަޖެޓެއް، ސިޔާސީ ފިކުރަށް ތަފާތުކުރާނެ ފުރަތަމަ ބަޖެޓު، މި ބަޖެޓަކީ ޓެކްސް ބޮޑު ހަރަދު ބޮޑު ދަރަނީގެ ބަޖެޓެއް،" ބަހުސް ފަށްޓަވަމުން މައުރޫފް ވިދާޅުވިއެވެ.

ސަރުކާރަށް ފާޑުވިދާޅުވެ ދެއްކެވި ވާހަކައިގައި މައުރޫފް ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މި އަހަރު ނިންމާލަނީ 22 ބިލިއަން ރުފިޔާގެ ދަރަނި އުފައްދާފައި ކަމަށާއި، މިއީ ކޮވިޑް-19 ގެ ފަހުން ދައުލަތުގެ އާމްދަނީ ފުރަތަމަ ފަހަރަށް ދަށަށް ދުއްވާލި ސަރުކާރު ކަމަށެވެ. އާސަންދައިގެ ހިދުމަތަށް ގެނައި ބަދަލާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، އާސަންދަ މިހާރު އޮތީ ކުރިއަށް އޮތް އަހަރު ކޮންމެ ގޭބިސީއަކުން ބައިލައްކަ ރުފިޔާ އާއިި 1 ލައްކަ ރުފިޔާ ދައުލަތަށް ދައްކަން ޖެހޭ ފަދަ ގޮތަކަށް ކަމަށެވެ.

މި ބަޖެޓަކީ އޭނާގެ ދާއިރާގެ ރައްޔިތުން ބިކަކޮށްލާނެ ބަޖެޓެއްގެ ގޮތުގައި ސިފަކުރައްވައި މައުރޫފް ވިދާޅުވީ، އޭނާ ނިސްބަތްވާ ކެންދޫ ދާއިރާގެ ކެންދު އަށާއި ކުޑަރިކިލަށާއި ކަމަދު އަށާއި ދޮންފަނަށް ބޯހިޔާވަހިކަން ބޭނުންވާ ކަމަށާއި، ކުޑަރިކިލާއި ކަމަދޫގެ ރަށްގިރުމުގެ މައްސަލަ ހައްލުކުރަން އެ ރަށްރަށުގެ ރައްޔިތުން އެދޭ ކަމަށާއި، ކުޑަރިކިލާއި ކިހާދޫގެ ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެ ރަށްރަށުގެ ރައްޔިތުން އެދޭ ކަމަށެވެ.

މި އަހަރުގެ ބަޖެޓާ ގުޅޭގޮތުން މައުރޫފް ވިދާޅުވީ، ދައުލަތުގެ ހަރަދުތައް ގައުމުގެ އިގްތިސޯދީ ހާލަތާ ނުބައްދަލު ވަރަކަށް ބޮޑުކޮށްފައިވާ ކަމަށެވެ. އަދި ދައުލަތުގެ މާލިއްޔަތު މެނޭޖުކުރީ ގޯސް ކޮށް ކަމުގައި ވެސް ވިދާޅުވިއެވެ.

މައުރޫފް ވިދާޅުވި ގޮތުގައި 65 އަހަރުންމަތީ މީހުންނަށް މިހާރު ދެމުންދާ އަސާސީ ޕެންޝަން ދޭ ގޮތަށް ބަދަލު ގެނައުމަށް ވުރެ ކުރީގެ ރައީސުންނަށް ދޭ އިނާޔަތްތައް މަދުކުރުން ރަނގަޅުވާނެއެވެ. އޭނާ ވިދާޅުވީ، ސަރުކާރުގެ ވައުދުތައް ފުއްދުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައި ނެތުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.