ދައުލަތުގެ ބަޖެޓަށް ބަހުސްކުރުމަށްޓަކައި މިރޭ 11 ޖަހަންދެން، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ދަންމާލައިފިއެވެ.
އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގެ ބަހުސް ފަށާފައިވަނީ އިއްޔެއެވެ. އެކަމަކު ބަޖެޓުގެ ބަހުސް އިއްޔެ ކުރިއަށް ގެންދިޔައީ ދޮޅު ގަޑިއިރު ވަންދެން ކޮންމެ މެންބަރަކަށް 15 މިނެޓުގެ އުސޫލުންނެވެ.
ބަޖެޓަށް ބަހުސްކުރަން ފެށުމުގެ ކުރިން ބަޖެޓަށް ބަހުސްކުރައްވަން ބޭނުންވާ މެންބަރުންނަށް ފުރުސަތު ދިނުމަށްޓަކައި މިރޭ 11 ޖަހަންދެން ޖަލްސާ ކުރިއަށް ގެންގޮސް، މާދަމާ ވެސް ބަހުސްކުރައްވަން ބޭނުންވާ މެންބަރުން ބަހުސްކުރައްވައި ނިމެންދެން ބަޖެޓަށް ބަހުސްކުރުން ކުރިއަށް ގެންދަން ވަނީ ވޯޓަށް އަހައިފައެވެ.
ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 52 މެންބަރުން ވެސް ވޯޓު ދެއްވީ ބަހުސްގެ ވަގުތު އިތުރުކުރަން ފެންނަ ކަމަށެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވަނީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ސަރުކާރުން ލަފާކުރާ ގޮތުގައި އަންނަ އަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ޖުމްލަ 39.8 ބިލިއަން ރުފިޔާ ލިބޭނެއެވެ. އެއީ އާމްދަނީގެ ގޮތުގައި ލިބޭ 37.2 ބިލިއަން ރުފިޔާ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭ 2.6 ބިލިއަން ރުފިޔާއެވެ.
ހަމަ އެއާއެކު، އަންނަ އަހަރު 49.2 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ވެސް ސަރުކާރުން ލަފާކުރެއެވެ. އެއީ ޕީއެސްއައިޕީ އަށް 12.4 ބިލިއަން ރުފިޔާ، ކެޕިޓަލް ހަރަދުގެ ގޮތުގައި 13.4 ބިލިއަން ރުފިޔާ، އަދި ރިކަރަންޓް ހަރަދުގެ ގޮތުގައި 35.8 ބިލިއަން ރުފިޔާއެވެ.
މިއީ ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭ ސަރުކާރުން ނިސްބަތުން އެންމެ ކުޑަ ޑެފިސިޓެއް ހުށަހެޅި އަހަރުވެސް މެއެވެ. އެގޮތުން މި އަހަރުގެ ބަޖެޓް ޑެފިސިޓް 9.4 ބިލިއަން ރުފިޔާގައި ހުރިއިރު، ފާއިތުވެދިޔަ އަހަރުގެ ބަޖެޓް ޑެފިސިޓަކީ 13.4 ބިލިއަން ރުފިޔާއެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި ބަޖެޓް ޑެފިސިޓް ކުޑަކުރެވިގެން ދާނެ ކަމުގައި ސަރުކާރުން ލަފާކުރެއެވެ.