ހުސްވި އޮކްޓޯބަރު މަހު ރާއްޖޭގެ ރަސްމީ ރިޒާވް 614.6 މިލިއަން ޑޮލަރަށް އިތުރުވެފައިވާ ކަމަށް މަރުކަޒީ ބޭންކް (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެ ބޭންކުން އާންމުކުރި ތަފާސް ހިސާބުތަކުން ސެޕްޓެންބަރު މަހު ރާއްޖޭގެ ރިޒާވްގައި ހުރީ 371.2 މިލިއަން ޑޮލަރެވެ. ނަމަވެސް، އޮކްޓޫބަރު މަހު އެ އަދަދު ވަނީ 614.6 މިލިއަން ޑޮލަރަށް އިތުރުވެފައެވެ.

އެމްއެމްއޭއިން ބުނި ގޮތުގައި ރިޒާވް އިތުރުވެފައި ވަނީ ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) އިން ކަރަންސީ ސްވޮޕްގެ ގޮތުގައި 400 މިލިއަން ޑޮލަރު ލިބުމުން ކަމަށެވެ. މި ފައިސާގެ ތެރެއިން 120 މިލިއަން ޑޮލަރު ރާއްޖޭގެ ބޭންކުތަކުގައި އިންވެސްޓްކޮށްފައިވާ ކަމަށް އެ ބޭންކުން ބުނެއެވެ. ހަަމައެހެންމެ މި ނިންމުމާއެކު އެމްއެމްއޭގެ ރިޓާން އޮޕްޓިމައިޒްކުރުމުގެ މަގުސަދު ހާސިލުވުމުގެ އިތުރުން މާލީ ދާއިރާގެ ހަމަޖެހުމާއި ކުރިއެރުމަށް އެހީތެރިވެދީ، މުޅި އިގުތިސާދަށް އޭގެ ފައިދާ ކުރާނެކަމަށް އެމްއެމްއޭއިން ބުނެއެވެ.

ރަސްމީ ރިޒާވް އިތުރުވި ނަމަވެސް، ޔޫސަބަލް ރިޒާވްގެ އަދަދުގެ ގޮތުގައި ފެންނަނީ 31.5 މިލިއަން ޑޮލަރެވެ. އެމްއެމްއޭ އިން ބުނިގޮތުގައި، ޔޫސަބަލް ރިޒާވް ހިސާބުކުރަނީ ރާއްޖޭގެ ބޭންކުތަކުގައި އިންވެސްޓްކޮށްފައިވާ 120 މިލިއަން ޑޮލަރު ހިމަނައިގެންނެވެ.

ދައުލަތުގެ ބަޖެޓް މި އަހަރު ފާސްކުރިއިރު ސަރުކާރުން ލަފާކޮށްފައި އޮތީ ބޭރުގެ އެކި ފަރާތްތަކުން ބަޖެޓް ފައިނޭންސިންގެ ގޮތުގައި 500 މިލިއަނެއްހާ ޑޮލަރު ލިބޭނެ ކަމަށެވެ.

ނަމަވެސް އެ ފައިސާ ނުލިބި އޭގެ އަސަރު ރާއްޖޭގެ ރަސްމީ ރިޒާވަށްކޮށް ރިޒާވުގެ ހާލަތު ގޯސްވެފައިވާ ދަނޑިވަޅުގައި އިންޑިއާއިން ވަނީ އެހީތެރިވެދީފައެވެ. އިންޑިއާއިން ކަރަންސީ ސްވޮޕްގެ ގޮތުގައި ފައިސާ ހަމަޖައްސާދީފައި ވަނީ ރާއްޖޭގެ ދަރަނިތައް ނުދެއްކި އިގްތިސާދީ ބޮޑު ކާރިސާއަކަށް ރާއްޖެ ވެއްޓިދާނެކަމުގެ އިންޒާރު އެކި ފަރާތްތަކުން ދެމުންދިޔަ ދަނޑިވަޅެއްގައެވެ.

މީގެ ކުރިންވެސް އިންޑިއާއިން ވަނީ ރާއްޖެއަށް ކަރަންސީ ސްވޮޕް ހަމަޖައްސާދީފައެވެ. 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެ ގައުމުން ވަނީ 200 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ހަމަޖައްސާދީފައެވެ.