ވެރިކަމާ ހަވާލުވިއިރު 2 މިލިޔަން ޑޮލަރުގައި ހުރި ސޮވްރިން ޑިވޮލޮޕްމަންޓް ފަންޑު 78 މިލިޔަން ޑޮލަރަށް އިތުރުކުރެވިފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ސޮވެރިން ފަންޑަށް ޖަމާކުރަނީ ބޭރުގެ ލޯނުތައް ދެއްކުމަށްޓަކައި ސަލާމަތްކުރާ ފައިސާކަމަށާއި، މިއަދާ ހަމައަށް އެފަންޑަށް 78 މިލިޔަން ޑޮލަރު ޖަމާކޮށްފައިވާކަމަށެވެ. ރައީސް ވިދާޅުވީ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން އެއަދަދު 100 މިލިޔަން ޑޮލަރަށް އިތުރު ކުރުންކަމަށެވެ.

2 މިލިޔަނުން 78 މިލިޔަން ޑޮލަރަށް. އޭގެ ބޭނުން އެކިފަހަރު އެކި ޕޭމަންޓްސް ހެއްދުމަށް ހަމަ ރައްޔިތުންގެ ހައްގުގައި އަޅުގަނޑުމެން އެކި ޕޭމަންޓްސް ހަދައި އަނެއްކާ އެ ރިޕްލޭސް މިކުރަނީ. އެހެންވީމަ އަމާޒަކީ 78 މިލިޔަނުން 100 މިލިޔަން ޑޮލަރަށް އަދި މިއަންނަ އަހަރު ނިމެންވާއިރަށް 150 މިލިޔަން ޑޮލަރާ ހަމައަށް ގެންދިއުން
ރައީސް ޑރ. މުއިއްޒު

ރާއްޖޭގެ ކްރެޑިޓް ރޭޓިންއާ ބެހޭ ގޮތުން ފިޗު ރޭޓިންސް އިން ނިންމާފައިވާ ނިންމުމާ ގުޅޭ ގޮތުން ނެރުނު ބަޔާނުގައި އެމްއެމްއޭ އިން ވަނީ ޔޫޒަބަލް ރިޒާވްގެ އަދަދު ހިމަނައިގެން ޖުލައި 2024 ގެ ނިޔަލަށް ޖުމުލަ 105 މިލިއަން ޑޮލަރު ހުރިކަމަށާއި، މިއަހަރުގެ ނިޔަލަށް ޔޫސަބަލް ރިޒާވާއި ސޮވެރިން ޑިވެލޮޕްމަންޓް ހިމަނައިގެން ރާއްޖޭގެ ރަސްމީ ރިޒާވް 2024 ގެ ބަޖެޓަށް އަންދާޒާ ކުރި އަދަދު ކަމުގައިވާ 606 މިލިއަން ޑޮލަރަށްވުރެ އިތުރުވެގެންދާނެ ކަމަށް އަންދާޒާކުރެވޭކަމަށް ބުނެފައެވެ.

އެމްއެމްއޭ އިން ވަނީ މާލީ ނިޒާމަށް ގޮންޖެހުންތައް ކުރިމަތިވި ނަމަވެސް އެމްއެމްއޭ އާއި ފިނޭންސް މިނިސްޓްރީ އާއި ސަރުކާރުގެ ކަމާގުޅުންހުރި ވުޒާރާތަކާއި މާލީ ހުރިހާ އިދާރާތައް އެކުވެގެން ކުރާ މަސައްކަތުން އެދެވޭ ނަތީޖާއަކަށް ވާސިލްވެވޭނެ ކަމުމުގެ ޔަގީންކަން ދީފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ގާނޫނީ ބާރުވެރިކަން ދިނުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހަޅައި އެ ބިލު ދިރާސާ ކުރުމުގެ މަސައްކަތް ކޮމިޓީ މަރުހަލާގައިދަނީ މިހާރު ދަނީ ކުރަމުންނެވެ.