ގިނަ އާންމުންގެ ނުރުހުމާއި ފާޑު ކިޔުން އަމާޒުވެފައިވާ ބޮޑީބިލްޑިން މުބާރާތް ހިންގުނު ގޮތާ މެދު 'ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް' (ބީބީއެމް) އިން މާފަށް އެދިއްޖެއެވެ.

ދެ ޖިންސުގެ މީހުން ނިވާކަން ކުޑަ ހެދުމުގައި ގައި ގޯޅިވާ މަންޒަރު ދައްކުވާދޭ މަންޒަރުތަކާއެކު ރޭ ކެނެރީފް ރިސޯޓުގައި ރޭ ފެށި، 'ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކްސް ޗެމްޕިއަންޝިޕް 2024'ގެ ބައެއް ވީޑިއޯތަކާއި ފޮޓޯ ވަނީ ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ދައުރުވާން ފަށާފައެވެ.

އެއާއެކު ގިނަ އާންމުންގެ ފާޑު ކިޔުމާއި ނުރުހުން ވަނީ ސަރުކާރަށާއި އެ މުބާރާތް އިންތިޒާމް ކުރި ފަރާތައް އަމާޒުވެފައެވެ. ސަރުކާރުގެ ބައެއް އިސް ވެރިންވެސް އެކަމާ ނުރުހުން ފާޅުކޮށް ވާހަކަ ދައްކަމުންދާ މި ދަނޑިވަޅުގައި ބޮޑީބިލްޑިން އެސޯސިއޭޝަނުން މިއަދު ވަނީ ބަޔާނެއް ނެރެފައެވެ.

އެ ބަޔާނުގައިވާ ގޮތުން މި ފަދަ ބައިނަލްއަގްވާމީ މުބާރާތެއް ރާއްޖޭގައި ހޮސްޓް ކުރަން މަސައްކަތް ކުރީ، ރާއްޖޭގެ ނަން ބައިނަލްއަގްވާމީ ކުޅިވަރުގެ ދުނިޔޭގައި ވަރުގަދަކުރުމަށާއި އެކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށާއި ޓޫރިޒަމަށް ލިބޭނެ ކުރިއެރުމަށް ވިސްނައިގެން ކަމަށެވެ.

އަދި މުބާރާތް ރާއްޖޭގައި ހޮސްޓް ކުރުމުގެ ފުރުސަތު ލިބުނީ، ވަރަށް ދުރާލާ މަސައްކަތްކޮށްގެން، އެހެން ގައުމުތަކާ ވާދަކޮށްގެން ކަމަށާއި މުބާރާތް ބާއްވަން ކޮންޓްރެކްޓް ހެދުމަށް ފަހު، ކެންސަލްކޮށްފި ނަމަ ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކަށާއި މާލީ ގޮތުންނާއި އެހެން ގޮތްގޮތުން ރާއްޖެއަށް ލިބިދާނެ ގެއްލުންތަކަށް ވިސްނުމަށް ފަހު މުބާރާތް ބޭއްވުމަށް ނިންމީ ކަމަށް އެ ބަޔާނުގައި ވަނީ ފާހަގަ ކޮށްފައެވެ.

އަދި މި މުބާރާތް ބާއްވަން މަސައްކަތް ކުރީ ރައީސްގެ ތަސައްވުރާއި ސްޕޯޓްސް މިނިސްޓްރީން އިރުޝާދު ދެއްވާފައިވާ ގޮތަށް މުބާރާތް ކުރިއަށް ގެންދެވޭތޯ ނަމަވެސް މުބާރާތާ ގުޅޭގޮތުން ފެތުރެމުންދާ ހަބަރުތަކާ ގުޅިގެން އާއްމުންގެ ކަންބޮޑުވުން ހުރުމާއެކު، ރައީސް އާއި ރައްޔިތުންގެ ކިބައިން އެ އެސޯސިއޭޝަނުން ވަނީ މާފަށް އެދިފައެވެ.

"އަދި މުސްތަގްބަލުގައި މި ފަދަ ކަމެއް ތަކުރާރުނުވާނެ ކަމުގެ ޔަގީންކަން އަރުވަމެވެ." އެ ބަޔާނުގައި ވެއެވެ.

ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ފެޑެރޭޝަން (ޑަބްލިއުބީޕީއެފް) ގެ ބެލުމުގެ ދަށުން ބީބީއޭއެމް އިން އިންތިޒާމު ކޮށްގެން ބާއްވާ މި މުބާރާތުގައި ބައިވެރިވުމަށް 55 ގައުމަކުން 480 އެތްލީޓުންނާއެކު އޮފިޝަލުން ވަނީ ރާއްޖެ އައިސްފައެވެ.

ރާއްޖޭގައި މި ހަރަކާތް ބާއްވާ ކަމުގެ އަޑުތައް ފެތުރުމާއެކު އެތައް ބައެއްގެ ފާޑުކިޔުން މުބާރާތް ފެށުމުގެ ކުރިންވެސް ވަނީ އަމާޒުވެފައެވެ. މި ހަރަކާތުގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެގެން ގޮސްފައި ވަނީ ފުރަތަމަ ފަހަރަށް މިސް ޔުނިވާސް މުބާރާތުގައި ދިވެއްސަކު ބައިވެރިވުމުން ސަރުކާރުން ކުށްވެރި ކުރި ނަމަވެސް ދީނަށް ފުރައްސާރަވާ ފަދަ މުބާރާތެއް ރާއްޖޭގައި ބޭއްވުމާ މެދު ސަރުކާރުން އެއްޗެއް ބުނެފައި ނުވުމާ އެކުއެވެ.