ބޮލީވުޑްގެ ބަތަލާ ބިޕާޝާ ބާސޫ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.

13 ވަނަ ފަހަރަށް ބަތަލާ ރާއްޖެ އައި މި ދަތުރުގައި ބިޕާޝާ ޗުއްޓީ ހޭދަކުރަމުން އަންނަނީ އޯޒެން ރިޒާވް ބޮލިފުށީގަ އެވެ. ރިސޯޓުގެ ހިތްގައިމު މާހައުލުގައި ނަގާފައިވާ ފޮޓޯ އާއި ވީޑިއޯ ބަތަލާގެ އިންސްޓަގްރާމުގައި ވަނީ ހިއްސާކޮށްފައެވެ. މި ދަތުރުގައި ބިޕާޝާގެ ފިރިމީހާ އެކްޓަރު ކަރަން ސިންހް ގްރޯވަރު އާއި ދަރިފުޅު ދޭވީ ބައިވެރިވިީ ކަމެއް ކަށަވަރުވެފައެއް ނުވެއެވެ.

ކަރަން އާއި ބިޕާޝާ ކައިވެނިކުރީ 2016 ވަނަ އަހަރުގައެވެ. 2015 ވަނަ އަހަރު ނުކުތް ފިލްމު "އެލޯން"ގެ ސެޓުން ދެމީހުން ދިމާވެ ލޯބިވެ ކައިވެންޏާ ހަމައަށް ދިޔައެވެ. ކަރަން ވަނީ މީގެ ކުރިން ދެ ކައިވެންޏެއްކޮށްފައެވެ. އެއީ ޓީވީ ބަތަލާ ޖެނިފާ ވިންގެޓް އާއި ޝްރައްދާ ނިގާމް އާއެވެ. ޖެނިފާ އާއި ކަރަން 2012 ވަނަ އަހަރު ކައިވެނިކުރި އިރު އެ ކައިވެނި ރޫޅުނީ 2014 ވަނަ އަހަރުގައެވެ. ބަތަލާ ޝްރައްދާ އާއި ކަރަން ކައިވެނި ކުރީ 2008 ވަނަ އަހަރުގައެވެ. އެ ކައިވެނި ނިމުމަކަށް އައީ 2009 ވަނަ އަހަރުއެވެ. މީގެ ކުރިން ކަރަން ދެ ކައިވެންޏެއް ކުރި ނަމަވެސް އެއިން އެއްވެސް ކައިވެންޏަކަށް ދަރިން ލިބިފައެއް ނުވެއެވެ.