މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ ފްރޭމްވޯކް އެއްބަސްވުމުގައި މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމެންޓް ފްރީ ޒޯން (އެމްއައިޑީއެފްޒެޑް) އަދި ކެޕިޓަލް އޭޝިއާ އިންވެސްޓްމެންޓްސް (ސީއޭއައި)އިން ސޮއިކޮށްފިއެވެ.
މި އެއްބަސްވުމަކީ ދިވެހިރާއްޖޭގެ އިގްތިސޯދު ސިންދަފާތުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރާ އެއްގޮތްވާ ގޮތުގެ މަތިން، މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ މަޝްރޫއު ކުރިއަށް ގެންދިއުމަށް ސޮއި ކުރެވުނު އެއްބަސްވުމެއް ކަމަށް އިކޮނޮމިކް މިނިސްޓްރީއިން ބުނެއެވެ.
އިކޮނޮމިކް މިނިސްޓްރީއިން ބުނީ މި ފްރޭމްވޯކް އެއްބަސްވުމުގެ ދަށުން، އިހަވަންދިއްޕޮޅު ސަރަހައްދު، ވިޔަފާރިއާއި ލޮޖިސްޓިކްސް ހަބަކަށް ބަދަލުކުރުމަށް ސަރުކާރުން ރާވާފައިވާ ޕްލޭންއާ އެއްގޮތަށް މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ މަޝްރޫއުގެ ސްކޯޕާއި ފިޔަވަހިތައް ތަރައްގީ ކުރުމަށް ބޭނުންވާ ޕްލޭން އެކުލަވާލެވޭލެނެ ކަމަށެވެ.
މީގެއިތުރުން ފައިނޭންޝަލް އެސެސްމަންޓް ހެދުމާއި، މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ މުހިންމު ކޮމާޝަލް ޓާމްސް ކަނޑައެޅުމަށް ދެ ފަރާތުން ގުޅިގެން މަސައްކަތް ކުރެވޭނެ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީއިން ވަނީ ބުނެފައެވެ.
އިކޮނޮމިކް މިނިސްޓްރީއިން ބުނީ މި ސްޓްރެޓީޖިކް ޕާޓްނާޝިޕްގެ ދަށުން ދެމެހެއްޓެނިވި ތަރައްގީގެ އަސާސްތަކާއި އެއްހަމަކުރެވިގެން އިޖްތިމާއީ ގޮތުން ޒިންމާދާރު، ދިގު މުއްދަތުގެ ލާބަ އަދި މަންފާލިބެނިވި އަދި ދިވެހިރާއްޖެއަށް އިގްތިސޯދީ ކުރިއެރުން ލިއްބައިދޭނެ މަޝްރޫއެއް ކުރިއަށް ގެންދިއުމަށް އަމާޒު ހިފާފައިވާ ކަމަށެވެ.
އެމްއައިޑީއެފްޒެޑްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރައްވާފައި ވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމްއެވެ. އަދި ސީއޭއައިގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސާ ޓަން ކުން ޗީއާއޯ ޖޯޖްއެވެ.
އެމްއައިޑީއެފްޒެޑްއަކީ ރާއްޖޭގެ އިގްތިސޯދީ ރައްކާތެރިކަން ހަރުދަނާ ކުރުމަށް ބޭނުންވާ މުހިންމު މަޝްރޫއުތައް ހިންގުމަށް އިސްކޮށް ހަރަކާތްތެރިވުމަށް، ސަރުކާރުގެ ފަސް ކުންފުންޏެއްގެ ހިއްސާ ހިމެނޭހެން 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި އުފެއްދި ކުންފުންޏެކެވެ. އެމްއައިއެފްޒެޑްއަކީ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ މަޝްރޫއު ހިންގުމުގެ އިތުރުން، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ރައްކާކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ސަރުކާރުން އިސްނަގައިގެން ކުރިއަށް ގެންދާ މަޝްރޫއުތައް ވެސް ލީޑްކުރާ ކުންފުންޏެވެ.