ނޫސްވެރިކަމުގެ އިނާމާ ގުޅިގެން ހިނގާފައިވާ ކަންކަމުގެ ސަބަބުން އެ އެވޯޑްގެ ނަޒާހަތްތެރިކަން ގެއްލިފައިވާ ކަމަށް ބުނެ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެ އެސޯސިއޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެމްއެމްސީއިން ބޭއްވި 11 ވަނަ އެވޯޑް ހަފްލާގައި އިންވެސްޓިގޭޓިވް ދާއިރާގެ ވީޑިއޯ/އޯޑިއޯ ބައިން އެވޯޑް އަދަދު ނޫހުން ތައްޔާރުކޮށްފައިވާ "ޖީ ސްކީލާންް" ޑޮކިއުމެންޓްރީ އަށް ލިބުމާ ގުޅިގެން އެ ކައުންސިލްގެ ރައީސް އަހުމަދު މުސްތަފާ ދައުލަތުގެ މީޑިއާ ފީއެސްއެމްގައި އޭނާ އަދާކުރަމް އައި ވަޒީފާ އިން ވަކުކުރުމާއި އަލުން އޭނާގެ ވަޒީފާ އިއާދަކުރުމުން ކައުންސިލްގެ ލެޓާހެޑްގައި އަމިއްލަ ނަމުގައި ނެރުނު ބަޔާނުގައި ހުރި ބައެއް ވާހަކަތަކާއި އެއާ ވިދިގެން ފަނޑިޔާރުން ނެރުނު ބަޔާނުގައި ހުރި ކަންކަމުގެ ސަބަބުން އެ ކައުންސިލުން ދެމުން އައި އެވޯޑާ މެދު އޮތް އިތުބާރު ވަރަށް ބޮޑަށް ގެއްލިފައިވާ ކަމަށެވެ.

އަދި އެ ބަޔާންތަކަކީ މީޑިއާ ކައުންސިލްގެ ރައީސް އަދި ސަރުކާރުގެ ވަޒީފާތަކުގައި އުޅޭ ބައެއް ފަނޑިޔާރުން ވަޒީފާގެ ބިރަށް ނެރެފައިވާ ބަޔާންތަކެއް ކަމަށް ތުހުމަތުވާ ގޮތަށް ދެކެވޭ ވާހަކަތަކާ މެދު ވެސް ކަންބޮޑުވާ ކަމަށް އެމްޖޭއޭއިން ބުންޏެވެ.

އޭގެ ސަބަބުން ކުރިއަށް އޮތްތަނުގައި ބާއްވާ ނޫސްވެރިކަމުގެ އިނާމަށް ނާޒާއިޒު ނުފޫޒު އިތުރަށް ވަނުމާއި އެ އިރެއްގައި އޮންނަ ސަރުކާރަކަށް ފާޑިކިޔުން އަމާޒުވާ ފަދަ ގޮތަަށް ނޫސްވެރިން އުފައްދާ އުފެއްދުންތަކަށް އިންސާފު ކުރުމަށް ވެސް ހުރަސް އެޅިގެން ދާނެ ކަމަށް އެ ބަޔާނުގައި ވެއެވެ.

އެކަމާ ގުޅިގެން އޭސީސީއިން ވަރަށް އަވަސްކޮށް ތަހުގީގެއް ފަށާފައިވާތީ ނޫސްވެރިކަމުގެ އެވޯޑާ މެދު ކުރެވޭ ޝައްކުތައް އިތުރަށް ބޮޑުވެގެންދާތީ ކަންބޮޑުވާ ކަމަށް އެމްޖޭއޭއިން ވަނީ ބުނެފައެވެ. "މިއީ ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ވިސްނާއިރު ބާރުވެރި ބައެއްގެ ނުފޫޒުތަކެއްގެ ސަބަބުން ކުރިމަތިވާ ކަންކަންކަމުގައި ބެލުމުގެ ޖާގަ އޮތްކަމުގައި މި ޖަމިއްޔާއިން ދެކެމެވެ." އެމްޖޭއިން މިއަދު ނެރުނު ބަޔާނުގައި ވެއެވެ.

ހަމައެހެންމެ އެވޯޑާ ގުޅިގެން ބައެއް ނޫސްވެރިންނަށް ސަރުކާރުގެ ބައެއް ފަރާތްތަކުގެ ފުރައްސާރައާ ކުރިމަތިލާން ޖެހިފައިވާ ކަމުގެ ޝަކުވާ ވެސް އެ އެސޯސިއޭޝަނަށް ލިބިފައިވާ ކަމަށް އެމްޖޭއޭއިން ފާހަގަކުރެ އެވެ. އަދި އެފަދަ އަމަލުތައް ކުށްވެރިކޮށް އެ އެސޯސިއޭޝަނުން ވަނީ ނޫސްވެރިންނާ ގުޅޭ މައްސަލަތަކެއް ހުރި ނަމަ ކަމާ ބެހޭ އިދާރާތަކަށް ރިޕޯޓު ކޮށްގެން މައްސަލަ އިތުުރަށް ބެލުމަށް އެދިފައެވެ.

ނޫސްވެރިކަމުގެ އިނާމަށް އިންސާފުކުރި ގޮތާމެދު ގިނަ ބައެއްގެ ކަންބޮޑުވުންތައް ހުރި މި ދަނޑިވަޅުގައި އިއްޔެ އެމްއެމްސީން ވަނީ އެވޯޑު ތަކަށް ކުރިމަތިލާފައިވާ ފަރާތްތަކަށް ފަނޑިޔާރުން ދިން މާކްސްތަކުގެ ހުރިހާ މައުލޫމާތެއް އެކުލެވޭ ޝީޓު ހިއްސާކޮށްފައެވެ. އަދި އެއްވެސް ދާއިރާއަކުން އެވޯޑް ދިނުމުގައި އިނާމު ދިނުމުގެ އުސޫލާ ހިލާފަށް އެއްވެސް ކަމެއް ކޮށްފައެއް ނުވާނެ ކަމުގެ ޔަގީންކަން އެމްއެމްސީން މީގެ ކުރިން ވަނީ ދީފައެވެ.