ސަރުކާރުގެ ފަރާތުން އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގެ މަސައްކަތްތައް ސަރުކާރު މެންބަރުން ކުރިއަށް އެ ގެންދަނީ އަވަސް އަރުވާލައިގެން ފާސްކުރަން މަޖުބޫރުވާ ފަދަ ގޮތަކަށް ކަމަށް، އިދިކޮޅު އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ފަރާތުން މިއަދު ބުނެފިއެވެ.
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ފަރާތުން މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ، މިއަދާ ހަމައަށް ވެސް ބަޖެޓުގެ ތަފްސީލު ހިމެނޭ ފޮތް ނުލިބޭ ކަމަށާއި، ބަޖެޓު ރަނގަޅަށް ދިރާސާކުރެވޭނީ ބަޖެޓު ފޮތް ލިބުމުން ކަމަށެވެ.
17 ވަނަ މަޖިލީހުން ފެށިގެން މެންބަރުކަމުގެ ހަތަރުވަނަ ދައުރެއް ފުރިހަމަކުރައްވަމުން ގެންދަވާ އަބްދުލްޣަފޫރު ވިދާޅުވީ، މި ވީހާ ދުވަހު ބަޖެޓު ފޮތް ނުލިބި ބަޖެޓު ހުށަހެޅިގެން ނުދާ ކަމަށެވެ.
އޭނާ ވިދާޅުވީ، މި އަހަރުގެ ބަޖެޓު ހޭދަކުރި ގޮތުގެ ތަފްސީލު ވެސް އެނގޭނީ ބަޖެޓު ފޮތް ލިބުމުން ކަމަށާއި، އެއްވެސް މަޝްރޫއެއް ކުރިއަށް ދިޔަ ގޮތެއް، ސަރުކާރުން ފައިސާ ހަރަދުކުރި ގޮތެއް އެނގެން ނެތް ކަމަށެވެ.
"ހަރަދުކުރުމަށްޓަކައި ރައްޔިތުންގެ އަތުން ފައިސާ ނަގަނީ ޓެކްސް ބޮޑުކުރަނީ އެހެން ނަމަވެސް މުޅި ދައުލަތުގެ ރިކަރަންޓް ހަރަދު މި ދަނީ އަތުނުޖެހޭ ހިސާބަށް މައްޗަށް ގޮސްގެން މި ދަނީ،" މިފަހުން ފަތުރުވެރިކަމުގެ ދާއިރާއިން ޓެކްސް ބޮޑުކުރި ކުރުމަށާއި ދުންފަތާއި ވޭޕްގެ ބާވަތްތަކުން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުކުރި ކުރުމަށް އިޝާރާތްކުރައްވައި އަބްދުލްޣަފޫރު ވިދާޅުވިއެވެ.
ބަޖެޓާ ގުޅޭގޮތުން އިތުރަށް ވާހަކަ ދައްކަވަމުން، ކުރިއަށް އޮތް 14 ދުވަހުގެތެރޭ ބަޖެޓުގެ މަސައްކަތްތައް ނިންމޭނެ ކަމާ މެދު އަބްދުލްޣަފޫރު ސުވާލު އުފައްދަވާފައިވެއެވެ. އަދި ބަޖެޓުގެ މަސައްކަތްތައް ކުރިއަށް ގެންދަނީ ބަލަންވާ ވަރަށް ނުބަލައި 'ކުރުގަ އަޅުވާލައިގެން' ފާސްކުރަން މަޖުބޫރުވާ ފަދަ ގޮތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.
"ސަރުކާރު ރަނގަޅަށް ހިނގަމުން މިހިސާބަށް އައި ނަމަ، މީގަ ދުވަސްތައް ކަނޑައެޅިފަ ހުރީ، ކަން ކުރަންވީ ގޮތް ލިޔެވިފަ ހުރީ، އެއާ އެއްގޮތަކަށް ނޫން ގޮސްފައި އެ ހުރީކީއެއް. އެއީ ގަސްތުގާ ނުގެންދަނީ. ނުގެންދިއުމުގެ ބޭނުމަކީ އެ ދިރާސާކޮށް އެއާ މެދު ބަހުސްކޮށް ވަގުތު ލިބިގެން އެކަން ކުރަން ފުރުސަތު ނުދިނުން،"
މީގެ އިތުރުން، ކައުންސިލްތަކަށް ސަރުކާރުން ދޭން ލާޒިމްކުރާ ބްލޮކް ގްރާންޓް ބަޖެޓުގައި ކަނޑައަޅާފައި ވަނީ ގާނޫނާ ހިލާފަށް ކަން ފާހަގަކުރައްވައި އަބްދުލްޣަފޫރު ވިދާޅުވީ، ކައުންސިލްތަކުގެ ބަޖެޓުން ސަރުކާރުން 30 ޕަސެންޓު އުނިކޮށްފައިވާ ކަމަށާއި، ގާނޫނުގައި އޮންނަނީ ކޮންޓިންޖެންސީ ބަޖެޓުން ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް ބައެއް ލައި ހަމަކުރާ ގޮތަކަށް ނޫން ކަމަށެވެ.
އެ ބައި ހިމެނުމަށް އެދިވަޑައިގެން ފިނޭންސް މިނިސްޓަރު ވަނީ މަޖިލީހަށް މިއަދު ސިޓީއެއް ވެސް ފޮނުވައިފައެވެ.