ކައުންސިލްތަކަށް ކަނޑައަޅާފައިވާ ބްލޮކް ގްރާންޓަށް ކޮންޓިންޖެންސީ ބަޖެޓުގެ ތެރެއިން ފައިސާ ހަމަޖައްސައިދޭން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އެދިވަޑައިގެންފިއެވެ.
ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގައި ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް ހުށަހެޅީ 1.447 ބިލިއަން ރުފިޔާއެވެ. އެކަމަކު ކޮންޓިންޖެންސީ ބަޖެޓުގެ ތެރެއިން 699.6 މިލިއަން ރުފިޔާ ހަމަޖައްސައިދޭން ރައްޔިތުންގެ މަޖިލީހުގައި މިނިސްޓަރު ވަނީ އެދިވަޑައިގެންފައެވެ.
އެހެންކަމުން ކައުންސިލްތަކަށް ސަރުކާރުން ކަނޑައަޅާފައިވާ ބްލޮކް ގްރާންޓް 2.15 ބިލިއަން ރުފިޔާ އަށް އިތުރުވެގެން ދާނެ ކަމަށް ބެލެވެއެވެ.
މަޖިލީހަށް ފޮނުއްވި ސިޓީއެއްގައި މިނިސްޓަރު އެދިވަޑައިގަތީ އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގައި ސަރުކާރުން ކައުންސިލްތަކަށް ދޭ ބްލޮކް ގްރާންޓް ހިސާބުކުރުމުގައި ލާމަރުކަޒީ ގާނޫނުގައި މިހާރު ކަނޑައަޅާފައިވާ މިންގަނޑުގައި ހިފަހައްޓަން ނިންމައި، އެ ބަދަލު ގެންނަން ބޭނުންވާނެ ކަމަށް ލަފާކުރާ 699.6 މިލިއަން ރުފިޔާ ކޮންޓިންޖެންސީ ބަޖެޓުން ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް ބަދަލުކޮށްދިނުމަށެވެ.
މިނިސްޓަރު އެދިވަޑައިގަތީ ބަޖެޓުގެ ޖުމްލަ އަދަދު އިތުރުނުވާ ގޮތަށް ކޮންޓިންޖެންސީ ބަޖެޓުން ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް ބަދަލުކުރުމަށެވެ.
ރިޔާސަތުން ވަނީ އެ ސިޓީ ބަޖެޓު ދިރާސާކުރާ ކޮމިޓީ އަށް ފޮނުވާލައިފައެވެ.
މިނިސްޓަރު މިގޮތަށް އެދިވަޑައިގެން ސިޓީއެއް ފޮނުވާފައި މި ވަނީ އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓުގައި ކައުންސިލްތަކަށް ބްލޮކް ގްރާންޓްގެ ގޮތުގައި ކަނޑައަޅާފައި ވާ އަދަދު މަދުކަމަށް ވިދާޅުވެ، ބައެއް މޭޔަރުންނާއި ކައުންސިލަރުން އެކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައި ވަނިކޮށެވެ.
އެ ކަންބޮޑުވުންތަކާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކައުންސިލްތަކަށް ބަޖެޓުން ބްލޮކް ގްރާންޓް ލިބޭނެކަމުގެ ޔަގީންކަން ދެއްވައިފައެވެ.