"11 ވަނަ ނޫސްވެރިކަމުގެ އެވޯޑްގެ" އޯޑިއޯ ވީޑިއޯ ކެޓަގަރީގެ ތަހުގީގީ ނޫސްވެރިކަމުގެ އިނާމު ދީފައި ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލް(އެމްއެމްސީ)ގެ އެވޯޑް ދިނުމުގެ އުސޫލާއި މަގުސަދުތަކާ ހިލާފަށް ކަމަށް ބުނެ އެ އެވޯޑްތަކަށް އިންސާފު ކުރި ފަނޑިޔާރުން ކުރި ތުހުމަތުތައް އެމްއެމްސީއިން ދޮގުކޮށްފިއެވެ.
ފަނޑިޔާރުންގެ ޕެނަލުން ނެރުނު ބަޔާނާ ގުޅިގެން އެމްއެމްސީއިން ވަނީ ފަނޑިޔާރުން ކުރެއްވި ތުހުމަތުތައް ދޮގުކޮށް ބަޔާނެއް ނެރެފައެވެ.
އެމްއެމްސީގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި ނޫސްވެރިކަމުގެ މިންގަނޑުތަކާ ހިލާފަށް ކޮންޓެންޓް ޝާއިއުނުކުރުމަށް އިރުޝާދުދީ ސެޕްޓެމްބަރު 28، 2023ގައި ނެރުނު ބަޔާނަކީ ނޫސްވެރިކަމުގެ ކޮންޓެންޓް ޝާއިއުކުރާކަމަށް ލިބެމުންދިޔަ ޝަކުވާތަކާ ގުޅިގެން ނެރުނު ބަޔާނެކެވެ. އެއީ ވަކި ނޫހަކުން އާންމުކުރި ވަކި ކޮންޓެންޓަކަށް އަމާޒުކޮށް ނެރުނު ބަޔާނެއް ނޫން ކަމަށާއި އެއީ ޖުމްލަކޮށް މީޑިއާތަކުން ސަމާލުވުމަށް އިރުޝާދުދީ ނެރުނު ބަޔާނެއް ކަމަށް އެމްއެމްސީއިން ބުނެއެވެ.
އެމްއެމްސީއިން ބުނީ ނޫސްވެރިކަމުގެ އިނާމަށް ހުށަހަޅާ ހުށަހެޅުމަކީ ޝަރުތުހަމަ ނުވާ ހުށަހެޅުމެއް ކަމަށް ކަނޑައެޅުމާއި އެ ހުށަހެޅުމެއް ޑިސްކޮލިފައިކުރުމުގެ ފުރިހަމަ ބާރު ނޫސްވެރިކަމުގެ އިނާމުގެ ދިނުމުގެ އުސޫލުގެ ދަށުން ފަނޑިޔާރުންގެ ޕެނަލަށް ލިބިގެންވާ ކަމަށެވެ. އަދި އެބާރުގެ ދަށުން އިޖުތިމާއި ދާއިރާ، ޝަރުއީ އަދި ގާނޫނީ ދާއިރާއިން ހުށަހަޅާފައިވާ ބައެއް ހުށަހެޅުންތައް ޑިސްކޮލިފައިކޮށްފައިވާކަން އެ ކައުންސިލުން ފާހަގަކޮށްފައިވެއެވެ.
އެވޯޑްތައް ހަވާލުކުރުމާ ހަމައަށް ފަނޑިޔާރުންގެ ފަރާތުން އެއްވެސް ކަންބޮޑުވުމެއް އަދި ޝަކުވާއެއް އެމްއެމްސީއަށް ހުށަހަޅާފައި ނުވާ ކަމަށާއި ޖީ ސްކީލާން ތަހުގީގީ ވީޑިއޯ ރިޕޯޓާ ގުޅޭގޮތުން ފަނޑިޔާރުން އުފެއްދި ސުވާލުތަކަށް ކައުންސިލުން ޒިންމާދާރު ކަމާއެކު ޖަވާބުދާރީ ނުވާކަމަށް ފަނޑިޔާރުން ބުނެފައި ވާއިރު، އެ ހުށަހެޅުމާ މެދު އެއްވެސް ސުވާލެއް އުފައްދާފައިނުވާ ކަމަށް ވެސް އެމްއެމްސީއިން ބުނެއެވެ.
ޖީ ސްކީލާން ތަހުގީގީ ވީޑިއޯ އުފެއްދުމަށް އެވޯޑް ލިބިފައި ވަނީ ފަނޑިޔާރުންނަށް ނޭނގި ކަމަށް ދޭހަވާ ގޮތަށް ފަނޑިޔާރުން ނެރެފައިވާ ލިޔުމުގައި ފާހަގަކޮށްފައި ވާއިރު، ޖީ ސްކީލާން ވީޑިއޯ ރިޕޯޓަށް އެވޯޑް ދީފައި ވަނީ އެކަމާ ގުޅޭ ޕެނަލްގައި ހިމެނޭ ހުރިހާ ފަނޑިޔާރުން ސޮއިކޮށް ކައުންސިލަށް ހުށަހެޅި މާކްސް ޝީޓްތަކުން އެވޯޑް ލިބޭ މިންވަރަށް މާކްސް ލިބިފައިވާތީ ކަމަށް އެމްއެމްސީއިން ވަނީ ބުނެފައެވެ.
އެމްއެމްސީއިން ވަނީ އެއްވެސް ދާއިރާއަކުން އެވޯޑް ދިނުމުގައި އިނާމު ދިނުމުގެ އުސޫލާ ހިލާފަށް އެއްވެސް ކަމެއް ކޮށްފައެއް ނުވާނެ ކަމުގެ ޔަގީންކަން ދީފައެވެ. އަދި އެ ކައުންސިލުން ހުރިހާ ވިސްނުމެއް ގެންގުޅެފައި ވަނީ އިންސާފަށް ބަލައިގެން ކަމަށްވާތީ، އެވޯޑްގެ ކަންކަން ބެލެހެއްޓުމަށް އޮޑިޓް ފާމެއް ހަމަޖެއްސުމަކީ ވެސް ބޭނުންވި ނަމަވެސް އެކަން ނުވީ އިނާމުގެ ކަންކަމަކަށް އެކަށީގެންވާ ބަޖެޓެއް ލިބިފައިނެތުމުން ކަމަށާއި އެ ބަޖެޓު ހޯދުމަށް ކައުންސިލުން މަސައްކަތްކޮށްފައިވާނެ ކަމަށް ވެސް އެމްއެމްސީއިން ބުނެއެވެ.