ތުރުކީއާއެކު ވެވުނު މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގައި އަމަލުކުރަން ފަށާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީ އިން ބުނެފިއެވެ.
އިކޮނިމިކް މިނިސްޓްރީ އިން ބުނީ 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގެ ތެރޭގައި ދެގައުމުގެ ސަރުކާރުން ކަނޑައަޅާ ތާރީހެއްގައި މި ވިޔަފާރީގެ އެއްބަސްވުމަށް އަމަލު ކުރުމަށް ފަށާނެ ކަމަށެވެ.
ދިވެހިރާއްޖެ އާއި ތުރުކީއާ ދެމެދު ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި މިއަދު ސޮއި ކޮށްފައިވާއިރު މިއީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު ރައީސުލްޖުމްހީރިއްޔާ، ޑރ. މުހައްމަދު މުއިއްޒު ތުރުކީ ވިލާތަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ގުޅުން ބަދަހި ކުރުމަށް މަޝްވަރާ ކުރެއްވި ކަންތަކުގެ ތެރޭގައި ހިމެނޭ ކަމަކެވެ.
މި އެއްބަސްވުމުގެ ދަށުން އެއް ގައުމުން އަނެއް ގައުމަށް އިމްޕޯޓުކުރާ މުދާތަކަަށް އިމްޕޯޓު ޑިއުޓީގެ ލުއިތަކެއް ލިބިގެންދާނެއެވެ. އެގޮތުން ޑިއުޓީގެ ލުއި ލިބިގެންދާ މުދާތަކަކީ:
- ކާބޯތަކެތި
- މަހުގެ އުފެއްދުންތައް
- ސިނާއީ އަދި ކޮންސްޓްރަކްޝަން މެޓީރިއަލް
- މެރިން އަދި ޓްރާންސްޕޯޓް
- މެޝިނަރީ އަދި އިކުއިޕްމަންޓް
- ގޭގައި ހިފާ ގެންގުޅޭ ތަކެތި
- ފަރުނީޗަރު
މި ކަމުގެ ސަބަބުން ޔޫރަޕުގެ އެންމެ ބޮޑު އެއް މާކެޓަށް ދިވެހި މަހުގެ ބާވަތްތައް އިމްޕޯޓު ޑިއުޓީގެ ލުއިތަކާއެކު އެކްސްޕޯޓު ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި، ރާއްޖެއިން އެކްސްޕޯޓު ކުރާ މަހުގެ ބާވަތްތައް ސަރަޖައްދީ މާކެޓު ތަކާއި އަޅާބަލާއިރު ރަނގަޅު އަގެއްގައި އެކްސްޕޯޓު ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީ އިން ވަނީ ބުނެފައެވެ.
މީގެއިތުރުން މި މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ދިވެހިރާއްޖޭގެ އެކްސްޕޯޓު އިތުރުވެގެން ދާނެކަމަށާއި ދިވެހިރާއްޖެއަށް ލިބޭ ބޭރު ފައިސާގެ މިންވަރު މިކަމުގެ ސަބަބުން އިތުރުވެގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީ އިން ވަނީ ބުނެފައެވެ.
ރާއްޖެއާއި ތުރުކީ އާ ދެމެދު އިގްތިސާދީ ގޮތުން ގާތް ގުޅުމެއް ގާއިމް ކުރަމުންދާއ މި ދަނޑިވަޅުގައި މި އެއްބަސްވުމުގެ ސަބަބުން އެ ގުޅުން އިތުރަށް ހަރުދަނާވެ ކުރިއަށް އޮތް ތަނުގައި ވިޔަފާރި އަދި އިގްތިސާދީ ދާއިރާއިން މަސައްކަތް އިތުރުކޮށް ވިޔަފާރިތަކަށް އިތުރު ފުރުސަތުތައް ފަހިވެގެންދާނެ ކަމަށްވެސް އިކޮނިމިކް މިނިސްޓްރީން ބުނެއެވެ.
މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. އަދި އެ ގައުމުގެ ފަރާތުން ސޮއި ކުރެއްވީ ޓްރޭޑް މިނިސްޓަރު، ޕްރޮފެސަރު ޑރ. އޯމާ ބޮލަޓްއެވެ.