އިޒްރޭލުން ގާޒާގެ ރައްޔިތުން ބަނޑަށް ޖައްސާ ގަސްދުގައި މަރަމުން ގެންދިއުން ހުއްޓުވޭތޯ އެހީގެ މަސައްކަތް ކުރާ އަންރުވާގެ އިޒްރޭލު އޮފީސް ބަންދު ކުރުވައި މަސައްކަތްތައް ހުއްޓުވައިފިއެވެ.
1967 އިން ފެށިގެން ގާއިމު ކޮށްފައި ހުންނަ މި އޮފީސް އިޒްރޭލުން ހުއްޓުވީ، އެހީގެ ކަންކަން އިންތިޒާމު ކުރުމަށް އޮފީހެއް ގާއިމުކޮށްގެން ހިދުމަތް ދިނުމަށް ދޫކޮށްފައި އޮތް ހުއްދަ ބާތިލު ކުރުމާއެކުގައެވެ.
އިޒްރޭލުން ބުނަނީ އެހީދޭ އދ ގެ އިދާރާ އަންރުވާ އަކީ އޮކްޓޯބަރު 7 ވަނަ ދުވަހު ހަމާސް އިން އިޒްރޭލަށް އަރާ ދިން އުދުވާނީ ހަމަލާގައި ބައިވެރިއެއް ކަމަށެވެ. އަދި އެއީ ގާޒާގައި މިހާރުވެސް ހިނގަމުން ދާ މައްސަލަތަކުގެ ބައެއް ކަމަށާއި އަންރުވާ އަކީ ހައްލެއް ނޫން ކަމަށެވެ.
އަންރުވާ ހުއްޓުވުމަށް އިޒްރޭލުގެ ގާނޫނު ހަދާ މަޖިލީހުން ވަނީ 2 ގާނޫނެއް ފާސްކޮށްފައެވެ. އެ ދެގާނޫނުގެ ދަށުން އިޒްރޭލުގެ ސަރަހަހައްދާއި، ހުފާފައިވާ ހުޅަނގު އައްސޭރިއާއި، އިރުމަތީ ޖަރޫސަލަމާއި ގާޒާގައި އެ އިދާރާއިން ހަރަކާތްތެރި ވުމަކީ މިހާރު މަނާ ކަމެކެވެ.
އަންރުވާގައި ހަމާސްގެ މެންބަރުން ހަރަކާތްތެރިވާ ކަމަށް އިޒްރޭލުން ބުނި ނަމަވެސް އދ އިން ވަނީ އިޒްރޭލުގެ ތުހުމަތުތައް ދޮގު ކޮށް ހަމަހަމަކަން ގެންގުޅުމަށް އަބަދުވެސް ފިޔަވަޅުތައް އަޅަމުން ގެންދާ ކަމަށް ބުނެފައެވެ.
އަންރުވާގެ މަސައްކަތް އިޒްރޭލުން ހުއްޓުވުމާއެކު މިހާރުވެސް ބަނޑަށް ޖެހިފައިވާ ގާޒާގެ ރައްޔިތުން ދިރިތިބުމުގެ ހުރިހާ އުއްމިދެއް ފުނޑުފުނޑު ވީއެވެ. އިޒްރޭލުން ހުރިހާ މަގުތަކެއް ބަންދު ކޮށްފައި އޮންނަ އިރުވެސް ގާޒާގެ ރައްޔިތުންނާ ހަމައަށް ފޯރާ ފެންފުޅިއެއް، ބަނަސް ކޮޅެއް އަދި އެހެންވެސް ހިކި ކާއެއްޗެއް ފޯރަނީ އަންރުވާގެ އެހީގައެވެ.
1948 އިން ފެށިގެން ގާޒާ އަދި ފަލަސްތީންގެ އެކި ހިސާބުތަކުގައި ތައުލީމާއި، ސިއްހީ ހިދުމަތާއި އެހިނިހެން އަސާސީ ހިދުމަތް ފޯރުކޮށްދޭ އަންރުވާ ހުއްޓުވުމުން މުޅި ފަލަސްތީން ހުއްޓޭނެ ކަމަށް މުރާސިލުން ބުނެއެވެ.
އިޒްރޭލުން ގާޒާ ހިފަމުން ދެމުން ގެންދާ ހަމަލާތަކުގައި އިއްޔެ އެކަނިވެސް 50 ކުޑަކުދިން ޝަހީދު ކޮށްލިއެވެ. މިއާއެކު ޝަހީދު ވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 43،000 ފަހަނައަޅާ ގޮސްފައެވެ. ހުސްވި އަހަރުގެ އޮކްޓޯބަރު މަހުގެ 7 ގެ ފަހުން ހުއްޓުމެއް ނެތި އިޒްރޭލުން ދެމުން ގެންދާ ހަމަލާތަކުގައި ޒަހަމްވި މީހުންގެ އަދަދު ވަނީ 100،000 ފަހަނައަޅާ ގޮސްފައެވެ.
އިޒްރޭލުން ބުނަނީ، ގާޒާ އެއްކޮށް ކޮންޓްރޯލަށް ގެނެސް ހަމާސްގެ އެންމެން މަރާ ހުސްނުކުރެވެނީސް ހަމަލާތައް ހުއްޓާލުމެއް ނެތް ކަމަށެވެ.