ނޫސްވެރިކަމުގެ އިނާމާ ގުޅިގެން ކުރާ ތުހުމަތުތައް މީޑިއާ ކައުންސިލުން ބަލާ ރިޕޯޓެއް ނެރެން ނިންމާފައިވާ ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ބުނެފިއެވެ.
އެކްސްގައި ކުރި ޕޯސްޓެއްގައި މީޑިއާ ކައުންސިލުން ބުނީ މިދިޔަ ބުދަ ދުވަހުގެ ރޭ ބޭއްވުނު 11 ވަނަ ނޫސްވެރިކަމުގެ އިނާމާ ގުޅިގެން އެ ކައުންސިލަށް ބޮޑެތި ތުހުމަތުތަކެއް އައިސްފައިވާ ކަމަށާއި އެކަމާ ގުޅިގެން 2 ނޮވެމްބަރުގައި ކުއްލި ޖަލްސާއެއް ބޭއްވި ކަމަށެވެ.
މީގެއިތުރުން މީޑިއާ ކައުންސިލުން ބުނީ މި ޖަލްސާގައި 11 ވަނަ ނޫސްވެރިކަމުގެ އިނާމާ ގުޅުންހުރި އެންމެހާ ބޭފުޅުންގެ ފަރާތުން މައުލޫމާތު ހޯދާ މިކަމާއި ގުޅިގެން އުފެދިފައިވާ ކަންބޮޑުވުންތަކާއި މައްސަލަތަކާއި ގުޅޭ ރިޕޯޓެއް ނެރުމަށް ފާސް ކުރެވިފައިވާ ކަމަށެވެ.
ނޫސްވެރިކަމުގެ އިނާމުގައި ތަހުގީގީ ނޫސްވެރިކަމުގެ ދާއިރާ (ވީޑިއޯ) އިން އަދަދު ނޫހުން އުފެއްދި "ސްކީލާން" ޑޮކިއުމެންޓަރީއަށް އިނާމު ލިބުމާ ގުޅިގެން އެމްއެމްސީއަށް ވަނީ ތުހުމަތު ތަކެއް އަމާޒުވެފައެވެ. މި ޑޮކިއުމެންޓަރީ އަކީ ރައީސް ޑރ. މުއިއްޒުގެ ދޮންމަންމަ ޖީ ސްކީލާންގެ މައްޗަށް އުފެއްދި ޑޮކިއުމެންޓަރީ އެކެވެ.
މި މައްސަލަ އާއި ގުޅިގެން ޕީއެސްއެމް އިން ވަނީ މީޑިއާ ކައުންސިލްގެ ރައީސް އަހްމަދު މުސްތަފާ އެވޯޑު ހަފްލާގައި 'ނޫސްވެރިކަމުގެ މިންގަނޑުތަކާ ހިލާފު' ވީޑިއޯއެއް ދެއްކި މައްސަލައިގެ ޒިންމާ ނަންގަވަން ޖެހޭނެ ކަމަށް ބުނެ އޭނާ މަގާމުން ވަކިކޮށްފައެވެ. ނަމަވެސް ހުކުރު ދުވަހު މުސްތަފާގެ ވަޒީފާ ވަނީ ޕީއެސްއެމްގެ ބޯޑުން ރިވިއު ކުރުމަށްފަހު އަނބުރާ ދީފައެވެ.
ނޫސްވެރިކަމުގެ 11 ވަނަ އެވޯޑު ހަފްލާގައި އޭނާގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށްވެސް މުސްތަފާ ވަނީ ވިދާޅުވެފައެވެ. އެގޮތުން އެވޯޑުތަކުގެ ނޮމިނޭޝަނާ ގުޅޭ އެންމެހާ ކަންކަން ކުރިއަށް ގެންދިޔައީ ކައުންސިލް މެންބަރު އަލީ ނިޝާނާއި އިނާމު ކޮމިޓީގެ ނައިބު މުގައްރިރުގެ ބެލުމުގެ ދަށުން ކަމަށާއި، އެވޯޑަށް ނޮމިނޭޓުވި ނޫސްވެރިންގެ ކޮންޓެންޓާއި ގްރެފިކްސް ހެދުން ކުރިއަށް ދިޔައީ ވެސް ސީދާ ނިޝާންގެ ބެލުމުގެ ދަށުން ކަމަށް މުސްތަފާ ވަނީ ވިދާޅުވެފައެވެ.
އަދި އަދަދު ނޫހުގެ ޑޮކިއުމެންޓްރީ "ސްކީލާން" އަކީ ދިވެހި މީޑިއާގެ އަހްލާގީ މިންގަނޑާ ހިލާފު ކޮންޓެންޓެއްކަން މިދިޔަ އަހަރު ނެރުނު ބަޔާނެއްގަައި މީޑިއާ ކައުންސިލުން ފާހަގަކޮށްފައިވާނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.