މިދިޔަ ބުދަ ދުވަހުގެރޭ ބޭއްވި ނޫސްވެރިކަމުގެ 11 ވަނަ އެވޯޑު ހަފްލާގައި އޭނާގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށް، މީޑިއާ ކައުންސިލްގެ ރައީސް އަހްމަދު މުސްތަފާ މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ނެރުއްވި ބަޔާނެއްގައި މުސްތަފާ ވިދާޅުވީ، ބުދަ ދުވަހުގެރޭ ބޭއްވި އެވޯޑު ހަފްލާގައި އޭނާގެ ބައިވެރިވުމެއް ނެތް ކަން މީޑިއާ ކައުންސިލްގެ މެންބަރުންނަށް އެނގިވަޑައިގަންނަވާނެ ކަމަށާއި، ނޫސްވެރިކަމުގެ އެވޯޑު ދޭން ފެށިއިރު ވެސް މީޑިއާ ކައުންސިލްގެ ރައީސްގެ އެއްވެސް އަތެއް އެ ކަމުގައި ނޯންނަ ކަމަށެވެ.

މުސްތަފާ އިތުރަށް ވިދާޅުވީ، އެވޯޑުތަކުގެ ނޮމިނޭޝަނާ ގުޅޭ އެންމެހާ ކަންކަން ކުރިއަށް ގެންދިޔައީ ކައުންސިލް މެންބަރު އަލީ ނިޝާނާއި އިނާމު ކޮމިޓީގެ ނައިބު މުގައްރިރުގެ ބެލުމުގެ ދަށުން ކަމަށާއި، އެވޯޑަށް ނޮމިނޭޓުވި ނޫސްވެރިންގެ ކޮންޓެންޓާއި ގްރެފިކްސް ހެދުން ކުރިއަށް ދިޔައީ ވެސް ސީދާ ނިޝާންގެ ބެލުމުގެ ދަށުން ކަމަށެވެ.

"މިކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ކައުންސިލްގެ މެންބަރަކަށް، އަދި ރައީސްގެ ހައިސިއްޔަތުން އަޅުގަނޑަށް ލިބިފައިނުވެއެވެ،" މުސްތަފާގެ ބަޔާނުގައި ވެއެވެ.

އަދި އަދަދު ނޫހުގެ ޑޮކިއުމެންޓްރީ "ސްކީލާން" އަކީ ދިވެހި މީޑިއާގެ އަހްލާގީ މިންގަނޑާ ހިލާފު ކޮންޓެންޓެއްކަން މިދިޔަ އަހަރު ނެރުނު ބަޔާނެއްގަައި މީޑިއާ ކައުންސިލުން ފާހަގަކޮށްފައިވާނެ ކަން އޭނާ ވިދާޅުވިއެވެ.

"މިކަން މިހެން އޮއްވައި 11 ވަނަ ނޫސްވެރިކަމުގެ އެވޯޑު ހަފްލާގަައި ހަމަ އެ ކޮންޓެންޓު ކައުންސިލްގެ ރައީސަށް ވެސް އަދި ރަސްމިއްޔާތު ލައިވްކުރި ޕީއެސްއެމަށް ވެސް ނޭނގި ގަސްތުގައި ދެއްކުމުގައި އެވޯޑުގެ ކަންކަން އިންތިޒާމްކުރި ކައުންސިލް މެންބަރުންގެ ޒިންމާ އޮތްކަން ފާހަގަކުރަމެވެ،"

މުސްތަފާ މިއަދު ބަޔާނެއް ނެރުއްވާފައި ވަނީ އޭނާ މަސައްކަތްކުރައްވަމުން ގެންދަވާ ޕީއެސްއެމުން ވަކިކުރިތާ 24 ގަޑިއިރުތެރޭ ވަޒީފާ އިއާދަކޮށްދީފައި ވަނިކޮށެވެ.

އެނގިފައިވާ ގޮތުގައި އޭނާ ވަކިކުރީ މިދިޔަ ބުދަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ 11 ވަނަ އެވޯޑު ހަފްލާގައި 'ނޫސްވެރިކަމުގެ މިންގަނޑުތަކާ ހިލާފު' ވީޑިއޯއެއް ދެއްކި މައްސަލައިގެ ޒިންމާ ނަންގަވަން ޖެހޭނެ ކަމަށް ބުނުމަށް ފަހުގައެވެ.