ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސީއީއޯގެ މަގާމުގައި ހުންނެވި މުހައްމަދު ޝަރީފް ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަން ކޮށްފިއެވެ.
ބީއެމްއެލް އިން ބުނީ މިއަދު ބޭއްވި ބޭންކުގެ ހާއްސަ އާންމު ޖަލްސާގައި ސަރުކާރުގެ ފަރާތުން ބޭންކުގެ ބޯޑަށް އައްޔަން ކުރާ މެމްބަރެއްގެ ގޮތުގައި ޝަރީފް އައްޔަން ކޮށްފައި ވާކަމަށާއި، އެމްޑީގެ މަގާމަށް ޝަރީފް އައްޔަން ކުރެވުނީ ހާއްސަ އާންމު ޖަލްސާއަށްފަހު އޮތް ބޭންކުގެ ޑިރެކްޓަރުންގެ ބޯޑު ބައްދަލުވުމުގައި ކަމަށެވެ.
ޝަރީފް ބީއެމްއެލް ގެ ސީއީއޯގެ މަގާމަށް އައްޔަން ކޮށްފައި ވަނީ 17 އޮކްޓޫބަރު 2024 ގައެވެ. ޝަރީފަކީ ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯކަން ކުރިން ކުރައްވާފައިވާ ބޭފުޅެކެވެ.
ޝަރީފް އަކީ ބީއެމްއެލްގެ ސީއީއޯގެ މަގާމަށް އައްޔަން ކުރި ފުރަތަމަ ދިވެއްސެވެ. ޝަރީފް ސީއީއޯގެ މަގާމަށް އައްޔަން ކުރީ އެންމެ ފަހުން ބީއެމްއެލްގެ ސީއީއޯގެ މަގާމުގައި ހުންނެވި ކާލް ސްޓުމްކާ އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ޝަރީފް ބީއެމްއެލްގައި ހިދުމަތް ކުރެއްވުމަށްފަހު ބީއެމްއެލް އިން ވަކިވެވަޑައިގެންފައި ވަނީ 2020 ވަނަ އަހަރުއެވެ. އެއަށްފަހު ޝަރީފް މަސައްކަތް ކުރައްވާފައި ވަނީ ޕްރައިވެޓް ސެކްޓާގައެވެ.