މި އަހަރުގެ ތިން ވަނަ ކުއާޓާ ނިންމާލި އިރު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސާފު ފައިދާގެ ގޮތުގައި 492 މިލިއަން ރުފިޔާއާއެކު ހަރުދަނާ މާލީ ނަތީޖާއެއް ހޯދައިފިއެވެ.

އެ ބޭންކުން މިއަދު ހާމަކުރި 2024 ވަނަ އަހަރުގެ ތިންވަނަ ކުއާޓާ ރިޕޯޓުގައި ބުނާ ގޮތުގައި، 2 ވަނަ ކުއާޓާގައި އެ ކުންފުނިން ހިންގުމުގެ ފައިދާގެ ގޮތުގައި 698 މިލިއަން ރުފިޔާ ހޯދާފައިވާ އިރު، ތިންވަނަ ކުއާޓާގައި ވަނީ 718 މިލިއނަް ރުފިޔާ ހޯދާފައެވެ. މިއީ ކުރީ ކުއާޓާއާ އަޅާބަލާ އިރު 2.9 ޕަސެންޓް އިތުރުވުމެކެވެ.

ހަމައެއާއެކު މި ކުއާޓާގައި ސާފު ފައިދާއެއްގެ ގޮތުގައި 492 މިލިއަން ރުފިޔާ ލިބިފައިވާ އިރު، މިއީ ދެވަނަ ކުއާޓާއާ އަޅާބަލާ އިރު 9.6 ޕަސެންޓްގެ އިތުރުވުމެކެވެ. މިދިޔަ ކުއާޓާގައި ސާފު ފައިދާގެ ގޮތުގައި ލިބިފައި ވަނީ 448 މިލިއަން ޑޮލަރެވެ.

ބީއެމްއެލް އިން ބުނާ ގޮތުގައި އެ ބޭންކުގެ ލޯނު ޕޯޓްފޯލިއޯ ދަނީ ހަރުދަނާކަމާއެކު ކުރިއަރަމުންނެވެ. މި ކުއާޓާގައި ވަކިވަކި ފަރުދުންނަށާއި ވިޔަފާރިތަކަށް 1.2 ބިލިއަން ރުފިޔާގެ އާ ލޯނު ދޫކޮށްފައި ވެއެވެ. ކުއާޓާ ނިމުނުއިރު ޖުމްލަ އެސެޓް ހުރީ 44.7 ބިލިއަން ރުފިޔާގައި ކަމަށާއި ކެޕިޓަލް އެޑިކުއަސީ ރޭޝިއޯ 54 ޕަސެންޓްގައި ހުރިއިރު މިއީ ގަވާއިދުން ލާޒިމުކުރާ މިންވަރަށް ވުރެ މަތީ އަދަދެކެވެ.

މި ނަތީޖާއާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވީ، މާލީ ގޮތުން ހޯދި ރަނގަޅު ނަތީޖާއާ މެދު ވަރަށް ފަހުރުވެރިވާ ކަމަށާއި މުޖުތަމައަށް އަމާޒުކޮށްގެން ހިންގުނު މަޝްރޫއުތަކާއި ވަކިވަކި ފަރުދުންނަށާއި ރާއްޖޭގެ ވިޔަފާރިތަކަށް އެހީތެރިވުމަށާއި ގައުއުމުގެ މުސްތަގުބަލް އާރާސްތުކުރުމަށް ބޭންކުން ކުރާ މަސައްކަތާ މެދު ވެސް ފަހުރުވެރިވާ ކަމަށެވެ. މި އަހަރުގެ ބާކީ އޮތް މުއްދަތުގައި ވެސް މި ރަނގަޅު ނަތީޖާ ދެމެހެއްޓޭނެކަމުގެ އިތުބާރު އެބަ އޮތް ކަމަށް ޝަރީފް ވިދާޅުވިއެވެ.

މި ކުއާޓާގައި ބޭންކުން ވަނީ އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސްގެ ސަނާބިލް މަޝްރޫއުއަށް ބޮޑު އިންވެސްޓްމަންޓެއް ކޮށްފައެވެ. އަދި އެއް މިލިއަން ރުފިޔާގެ ބޭންކް ފަންޑު ކާމިޔާބު ކުރި ފަރާތްތައް ވެސް ބޭންކުން ހާމަކުރީ މި ކުއާޓާގައެވެ. ާ

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 89 ސެލްފްސވިސް ބޭންކިން ސެންޓާ، 144 އޭޓީއެމް، ކޭޝް އޭޖެންޓުގެ ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ބިއެމްއެލް އިން ބުނެމެވެ.