އިލެކްޝަންސް ކޮމިޝަން (އީސީ) އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އެސީސީ)ގެ ރައީސް އަދި ނައިބު ރައީސް އައްޔަނު ކުރުމުގެ ބާރު ރައީސް އަށް ދިނުމަކީ ކޮމިޝަންތައް ރައީސްގެ މުށުތެރެއަށްލުން ކަމުގައި އެމްޑީޕީއިން ބުނެފިއެވެ.
އީސީ އަދި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ރައީސާއި ނައިބު ރައީސް ކަނޑައެޅުމުގެ ބާރު ސީދާ ރައީސްއަށް ދޭ ގޮތަށް ސަރުކާރުން ވަނީ ރައްޔިތުންގެ މަޖިލީހަށް އިސްލާހެއް ހުށަހަޅައިފިއެވެ.
މިކަމާ ގުޅިގެން ނެރުނު ނޫސްބަޔާނުގައި އެމްޑީޕީއިން ބުނީ އެ ކޮމިޝަންތަކުގެ ރައީސް އަދި ނައިބު ރައީސުން އައްޔަނުގެ ކުރުމުގެ ބާރު ރައީސްއަށް ދިނުމަށް ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ، ގާނޫނުއަސާސީން އެކަށައަޅާފައިވާ ފާރަވެރިވުމުގެ ނިޒާމު ފުނޑާލައި، ބާރުތައް އެއްކޮށްލުމުގެ ސިލްސިލާގެ ތެރެއަށް އިތުރުވާ ބޮޅެއް ކަމަށާއި އެކަން ކުށްވެރި ކުރާ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނާއި އެންޓި ކޮރަޕްޝަން ކޮމިޝަނުގެ އިސް ހިންގުންތެރިން އައްޔަނުކޮށް ވަކިކުރުމުގެ ބާރު ގާނޫނުން އެ ކޮމިޝަންތަކަށް ދޫކޮށްލާފައި އޮތީ އެ ކޮމިޝަންތަކަކީ މިނިވަން މުސްތަގިއްލު ކޮމިޝަންތަކަކަށް ވާންޖެހޭނޭ ކަމަށް ގާނޫނުގައި ކަނޑައަޅާފައި އޮތުމުންކަން އެމްޑީޕީއިން ވަނީ ފާހަގަކޮށްފައެވެ.
އެމްޑީޕީއިން ބުނީ އެ ކޮމިޝަންތަކުގެ އިދާރީ ހިންގުމުގެ ހުރިހާ ޒިންމާއެއް އުފުލާ މީހުންނަކީ ރައީސް ކަނޑައަޅާ ބަޔަކަށް ހެދުމަކީ ވެރިކަން ހިންގާ ބާރުގެ ސީދާ ނުފޫޒު އެކޮމިޝަންތަކުގެ މައްޗަށް ފޯރުވުމުގެ ނާތަހުޒީބު އަމަލެއް ކަމަށެވެ. އަދި އެއީ ޑިމޮކްރެސީގައި ދިވެހިން މިކުރާ ދަތުރުގައި، އެތައް ބައެއްގެ މިންނެތް މަސައްކަތުން އެކަށައެޅި ނިޒާމުގައި ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށެވެ.
އެމްޑީޕީއިން ބުނީ ގާނޫނުއަސާސީގައި ކަނޑައަޅާފައި އޮތް މިނިވަންކަމާއި، މުސްތަގިއްލުކަމުގެ ސިފަ ގެއްލުވާލައި ރައީސް މުށުތެރެއަށް ކޮމިޝަންތައް ލުމަށް މަސައްކަތް ކުރަމުން ދަނީ ރައްޔިތުންގެ ބާރު ކަނޑުވާލައި ކޮމިޝަންތަކުގެ މަސައްކަތަށް ރައީސްގެ ނުފޫޒު ފޯރުވުމަށް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގައި އޮތް ސަރުކާރުގެ ސުޕަމެޖޯރިޓީ ބޭނުންކޮށްގެން ރައީސް ޑރ. މުހައްމަދު މުއިއްޒަށް މުޅި ދައުލަތުގެ ހުރިހާ ބާރަކަށް ނުފޫޒު ފޯރުވޭ ގޮތަށް ރައީސް އޮފީހަށް ހުރިހާ ބާރެއް ޖަމާކުރުމަށް ކުރަމުންދާ މަސައްކަތްތައް ވަގުތުން ހުއްޓާލުމަށް އެމްޑީޕީއިން ވަނީ ގޮވާލާފައެވެ. އަދި ދިވެހިރާއްޖޭގެ ރައްޔިތުން، ގާނޫނުއަސާސީގައި އެކަށައެޅި ފާރަވެރިވުމުގެ ނިޒާމު ހިމާޔަތްކޮށް އެގޮތުގައި ދެމެހެއްޓުމަށް ކުރަންޖެހުނު ކޮންމެ މަސައްކަތެއް އެމްޑީޕީއިން ކުރާނެ ކަމަށް އެ ޕާޓީއިން ވަނީ ބުނެފައެވެ.