ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުންދާ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން މުޅިން އަލަށް ސްލޯގަން އެއް ތައާރަފް ކޮށްފިއެވެ.

އެކަން އިއުލާންކޮށް "ތަރައްގީގެ ބައިވެރިޔާ" ގެ ނަމުގައި ސްލޯގަން އިފްތިތާހު ކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު ހުސައިން ފަހުމީ އެވެ. މިއަހަރުގެ ޑިސެމްބަރު މަހު އެ ކުންފުންޏަށް 75 އަހަރު ފުރޭއިރު މިއީ ސްޓެލްކޯއިން ސްލޯގަން އެއް އެކުލަވާލި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެ ވެއެވެ.

ސްޓެލްކޯއިން ބުނި ގޮތުގައި މި ސްލޯގަންއިން ރަމްޒުކޮށްދެނީ 1949 ވަނަ އަހަރު ރާއްޖޭގައި ކަރަންޓުގެ ހިދުމަތް ފެށިގެން މި ވޭތުވެދިޔަ މުއްދަތުގައި ގައުމީ ތަރައްގީގައި ސްޓެލްކޯއިން ހިއްސާ ވެފައިވާ މިންވަރެވެ. އެގޮތުން ގައުމީ ތަރައްގީގެ ދުވެލި ހަލުވިވެގެން ދިއުމުގައި ކަރަންޓުގެ ސިނާއަތާއި އެ ސިނާއަތުގައި ހިދުމަތް ދޭން އޮތް ކުންފުނީގެ ހައިސިއްޔަތުން ސްޓެލްކޯގެ ދައުރު އެ ސްލޯގަން އިން ރަމްޒުކޮށްދޭ ކަމަށް އެ ކުންފުނިން ބުނެއެވެ.

އަދި ހަމަ އެހެންމެ 1949 އިން ފެށިގެން ސްޓެލްކޯއިން (އެކި ނަންނަމުގައި) ދެމުންއައި ކަރަންޓުގެ ހިދުމަތުގެ އިތުރުން މިހާރު އެ ކުންފުނިން ދެމުންދާ ފެނާއި، ނަރުދަމާގެ ހިދުމަތާއިއެކު ގައުމީ ތަރައްގީގައި ކުންފުނީގެ ހިއްސާ އިތުރުވެގެން ގޮސްފައިވާ މިންވަރުވެސް މި ސްލޯގަންއިން ރަމްޒުކޮށްދޭ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.

މީގެ އިތުރުން ސްޓެލްކޯގެ ހިންގުން އިތުރަށް ރަނގަޅު ކުރުމަށް އެ ކުންފުނިން މިއަދު ވަނީ ކުރިއަށް އޮތް 5 އަހަރު ސްޓެލްކޯ އިން ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ހިމަނައިގެން ސްޓްރެޖިކް އެކްޝަން ޕްލޭނެއް ވެސް އިފްތިތާހު ކޮށްފައެވެ. މި ޕްލޭންގެ ދަށުން 5 ސްޓްރެޓިކް އޮބްޖެކްޓިވް، 19 ސްޓްރެޓިޖިކް ގޯލް، 55 ޓާގެޓު އަދި 96 އެކްޝަން ވަނީ ކަނޑައަޅާފަ އެވެ.

މި ކަންކަން ހާސިލުވޭތޯ މޮނިޓާ ކުރެވޭނެ ނިޒާމެއް ގާއިމުކުރެވިފައިވާކަން ފާހަގަކޮށް ސްޓެލްކޯއިން ބުނީ މި ސްޓްރެޓިޖިކް އެކްޝަން ޕްލޭނަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޔުޓިލިޓީ ސިނާއަތަށް ކަނޑައަޅާފައިވާ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަނޑައެޅިގެންދިޔަ ޕްލޭނެއް ކަމަށެވެ.