އިޒްރޭލުން ގާޒާގެ އުތުރުގެ ސަރަހައްދު ވަށާލައި ބޮން އަޅާތާ 23 ދުވަސްވެފައިވާ އިރު، އެ ސަރަހައްދަށް އެހީގެ އެއްވެސް ތަކެއްޗެއް ނުލިބޭތީ ގިނަ ބަޔަކު ބަނޑުހައި ހޫނު ކަމުގައި މަރުވާނެ ކަމުގެ އިންޒާރު ދީފިއެވެ.

މި އިންޒާރު ދީފައި ވަނީ ދުނިޔެއިން ފަގީރުކަމާއި ބޭއިންސާފް ނައްތާލުމަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށް ވާ އޮކްސްފާމް އިންނެވެ. އެ ޖަމިއްޔާގައި އިސްކޮށް ހަރަކާތްތެރިވާ މަހްމޫދު އަލްސައްގާ ވިދާޅުވީ، އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ހިންގާ ޖަރީމާތަކުގައި ހަތިޔާރެއްގެ ގޮތުގައި ބަނޑުހައިހޫނުކަން ބޭނުން ކުރަމުންދާ ކަމަށާއި އެ އެންޖީއޯއަށް ގާޒާގެ އުތުރުގެ ރައްޔިތުންނާ ހަމައަށް ނުދެވެނީ މިހާރު ދެމުންދާ ހަމަލާތަކުގެ ސަބަބުން ކަމަށެވެ.

ފަލަސްތީނުގެ ބައެއް މީހުން ގާޒާގެ އުތުރުގައި ބަނޑުހައިހޫނުކަމުގެ ސަބަބުން މަރުވަމުންދާ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ބަޔަކު މަރުވާނެ ކަމުގެ އިންޒާރު އޭނާ ދެއްވިއެވެ. މިވަގުތު އެ ސަރަހައްދުގައި އެހީއަށް ދޭނެ އެއްވެސް އެއްޗެއް ނެތް ކަމަށާއި އެ ސަރަހައްދުގެ ރައްޔިތުންނަށް އެހީ ލިބުމުގައި ދަތިތަކާ ކުރިމަތިވެފައިވާ އިރު، އެ ސަރަހައްދުގެ ފަލަސްތީނުގެ ގިނަ ބަޔަކު ބަރޯސާވަނީ އެހީގެ ސަޕްލައިއަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ގާޒާގެ ކަމާލް އަދްވާން ހޮސްޕިޓަލުގައި ތިބި ގާޒާގެ ރައްޔިތުންތަކެއް

އޮކްޓޯބަރު 7. 2023 އިން އަދާ ހަމައަށް ގާޒާގެ އަޕްޑޭޓް:

  • ޝަހީދުވި މީހުންގެ ޖުމްލަ އަދަދު 42،924 އަށް
  • ޝަހީދުވި ކުޑަކުދިންގެ އަދަދު 16،765 އިން މައްޗަށް
  • ޒަހަމްވި މީހުންގެ އަދަދު 100،833 އިން މައްޗަށް
  • ވެސްޓް ބޭންކުން ޝަހީދުވީ 762 މީހުން ޒަހަމްވީ 6250 މީހުން

ގާޒާގެ އާބާދީގެ ގާތްގަނޑަކަށް 96 ޕަސެންޓް މީހުންނަށް ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެފައިވާ ކަމަށް އެހީދޭ އިދާރާތަކުން ބުނެއެވެ. ޔުނިސެފުން ބުނި ގޮތުގައި ކޮންމެ 10 ކުއްޖަކުން ނުވަ ކުއްޖަކަށް ހެދިބޮޑުވުމާއި ކުރިއެރުމަށް ބޭނުންވާ ނިއުޓްރިޝަން ނުލިބެއެވެ. ހަނގުރާމައިގެ މި ވޭތުވެ ދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ނިއުޓްރިޝަން ނުވަތަ ޑީހައިޑްރޭޝަންގެ ސަބަބުން 37 ކުއްޖަކު ވަނީ މަރުވެފައެވެ.

އދ އިން ބުނީ ހަނގުރާމަ ފެށި ފަހުން އިޒްރޭލުން ކާބޯތަކެތީގެ އެހީގެ 83 ޕަސެންޓް އެ ސަރަހައްދަށް ވަނުމަށް ހުރަސް އަޅާފައިވާ ކަމަށެވެ. އަދި ފަސް އަހަރުން ދަށުގެ ގާތްގަނޑަކަށް 50،000 ކުދިންނަށް މި އަހަރު ނިމުމުގެ ކުރިން ނިއުޓްރިޝަންއަށް އަވަސް ފަރުވާ ބޭނުންވާ ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.

އޮކްސްފާމް އިން އިންޒާރު ދީފައި މިވަނީ އިޒްރޭލުގެ ސިފައިން ގާޒާގެ އުތުރުގެ އިތުރު އަވަށްތަކަށް ރޭ ބޮން އަޅާފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން އިއްޔެ ބެއިޓް ލަހިޔާގައި އިޒްރޭލުގެ އަސްކަރިއްޔާއިން ދިން ހަމަލާތަކުގައި 45 މީހުން ވަނީ މަރުވެފައެވެ.

ގާޒާގެ އުތުރުގެ ޖަބާލިއާ، ބެއިޓް ހަނޫން އަދި ބެއިޓް ލަހިޔާ އަވަށްތަކަށް ދިން ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 800 އެއްހާ މީހުން ޝަހީދުވެފައިވާ ކަމަށް ގާޒާގެ ސިއްހަތާ ބެހޭ ވުޒާރާ އިން ބުނެއެވެ.

މިފަދަ ބޮޑު ޖަރީމާއެއް އިޒްރޭލަށް ހިނގުމުގެ ބާރު ލިބިފައި ވަނީ ހުޅަނގުގެ ބައެއް ގައުމުތައް ހާއްސަކޮށް އެމެރިކާއިން ހިތްވަރު ދޭތީ ކަަމަށް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ. ނަަމަވެސް ހަނގުރާމަ މިހާ ހިސާބަށް ގޮސް މިކަން ހުއްޓުވުމަށް ހިއުމަން ރައިޓްސްއަށް ވަކާލާތު ކުރާ ފަރާތްތަކާއި ޔޫއެން ވެސް ނުކުޅެދިފައިވާ ކަން ފާހަގަކޮށް ގިނަ ބަޔަކު އަންނަނީ ޔޫއެން އަށް ވެސް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. ލޯ ކުރިމަތީ ހިންގާ ބޮޑެތި ޖަރީމާތައް ނުފެންނަ ކަމަށް ހަދައިގެން ބަޔަކު އެ ތިބެނީ ކަމަށް ފަަލަސްތީންގެ ދިފާއުގައި ވާހަކަ ދައްކާ ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

އޮކްޓޯބަރު 7، 2023 އިން ފެށިގެން ގާޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ޝަހީދުވި މީހުންގެ އަދަދު ވަނީ 43،000 އިން މައްޗަށް އަރާފައި ކަމަށް އަލްޖަރީ ނޫހުން ބުނެއެވެ. އަދި މިހާތަނަށް ޒަހަމްވި މީހުންގެ އަދަދު ވަނީ 101،000 އިން މައްޗަށް ގޮސްފައެވެ. ޝަހީދުވި މީހުންގެ ތެރޭގައި 16،900 ކުޑަކުދިން ހިމެނޭ ކަމަށް އެ ނޫހުން ރިޕޯޓް ކުރެއެވެ.

މިވީ އަަހަރު ދުވަހުގެ ހަނގުރާމައިގައި ގާޒާއަށް ލިބުނު ގެއްލުންތަކަށް ބާލާއިރު، އާންމުން ދިރިއުޅޭ ގެތަކުގެ 87 ޕަސެންޓް ވަނީ ސުންނާފަތި ވެފައެވެ. 87 ޕަސެންޓް ސްކޫލްތައް ސުންނާފަތިވެފައިވާ އިރު 36 ހޮސްޕިޓަލުގެ ތެރެއިން 17 ހޮސްޕިޓަލަކުން ހިދުމަތް ދެމުން އަންނަ އިރު، އެތަންތަނުގެ ހިދުމަތްތައް އެންމެ ފުރިހަމައަށް ފޯރުނުކޮށް ދެވޭ ހާލަތަށް ވަނީ ގޮސްފައެވެ.