ކުރިއަށް އޮތް 5 އަހަރު ސްޓެލްކޯ އިން ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ހިމަނައިގެން އެ ކުންފުނީގެ ސްޓްރެޖިކް އެކްޝަން ޕްލޭން އިފްތިތާހު ކޮށްފިއެވެ.
މި ޕްލޭން އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓާ ހުސައިން ފަހުމީ ވިދާޅުވީ މި ޕްލޭން އަކީ ރާއްޖެއަށް އަންނަމުންދާ ތަރައްގީއާ އެއް ހަމައަކަށް ކަރަންޓާއި ފެނާއި ނަރުދަމާގެ ސިނާއަތް ގެންދިއުމަށް ކުރެވެން ހުރި ކަންކަމުގެ މައްޗަށް އަލިއަޅުއްވާ އެކުލަވާލެވުނު ޕްލޭން އެއް ކަމަށެވެ.
މީގެއިތުރުން މިފަދަ ޕްލޭންއެއް އޮތުމަކީ ކުންފުނި އިތުރަށް ހިންގަން ފަސޭހަވެ، ކުންފުނީގެ ހުރިހާ ދާއިރާއަކުންވެސް އެއް އަމާޒަކަށް މަސައްކަތް ކުރެވި ހިންގުން ހަރުދަނާވެގެން ދާނެ ކަމެއް ކަމަށް ފަހުމީ ވަނީ ވިދާޅުވެފައެވެ.
މި ޕްލޭންގެ ދަށުން 5 ސްޓްރެޓިކް އޮބްޖެކްޓިވް، 19 ސްޓްރެޓިޖިކް ގޯލް، 55 ޓާގެޓު އަދި 96 އެކްޝަން ކަނޑައެޅިފައިވާ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
މި ކަންކަން ހާސިލުވޭތޯ މޮނިޓާ ކުރެވޭނެ ނިޒާމެއް ގާއިމުކުރެވިފައިވާކަން ފާހަގަކޮށް ސްޓެލްކޯއިން ބުނީ މި ސްޓްރެޓިޖިކް އެކްޝަން ޕްލޭނަކީ ރައީސް މުއިއްޒު ޔުޓިލިޓީ ސިނާއަތަށް ކަނޑައަޅާފައިވާ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަނޑައެޅުނު ޕްލޭން އެއް ކަމަށެވެ.
މި ޕްލޭން އިފްތިތާހު ކޮށްފައިވަނީ ސްޓެލްކޯގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ޕްލޭން އިފްތިތާހުކޮށްދެއްވާފައިވަނީ ސްޓެލްކޯގެ އެމްޑީ ހުސެއިން ފަހުމީ އެވެ.