މި ނިމޭ އޮކްޓޯބަރުގެ 1 ވަނަ ދުވަހު އީރާނުން އިޒްރޭލަށް ދިން ހަމަލާގެ ބަދަލު ހިފަން އިޒްރޭލުން އީރާނަށް މިސައިލް ހަމަލާތަކެއް ދީފިއެވެ.
ޖުމްލަ 100 ފައިޓާޖެޓް ބޭނުން ކޮށްގެން ސީރިއާވެސް ހިމެނޭހެން ދިން މިހަމަލާތައި އަމާޒަކަށް ހެދީ އީރާނުގައި ހުންނަ އަސްކަރީ މަރުކަޒުތަކާއި މިސައިލް އުފައްދާ ކާރުހާނާތައް ކަމަށް އިޒްރޭލުން ބުނެއެވެ.
މި ހަމަލާތަކާ ގުޅިގެން އީރާނުން ބުނީ، 3 ސަރަހައްދެއްގައި ހުންނަ އަސްކަރީ މަރުކަޒުތަކަށް ހަމަލާ އަމާޒުވި ކަމަށާއި، އެތަންތަނަށް ލިބުނީ ކުޑަކުޑަ ގެއްލުމެއް ކަމަށެވެ.
ރޭ އެންމެން ނިދާފައި ތިއްބާ ދިން މި ހަމަލާ ނާކާމިޔާބު ކޮށްލުމަށް އީރާނުގެ މިސައިލް ޑިފެންސް ސިސްޓަމްތައް ބަރާބަރަށް މަސައްކަތް ކުރި ކަމަށާއި އެއާއެކު މިސައިލްތައް ވައިގެތޭގައި ގޮއްވާލެވުނު ކަމަށް ވެސް ބުނެފައި ވެއެވެ. ނަމަވެސް ބައެއް މިސައިލްތައް ގޮވައިގެން ވެއްޓުމުގެ ސަބަބުން ކުދިކުދި ގެއްލުން ލިބުނު ކަމަށް ވެސް އީރާނުން އެއްބަސްވެފައި ވެއެވެ.
ރޭ ހަމަލާ އަމާޒުވެ ގެއްލުން ލިބުނު ތަންތަނުގެ ތެރޭގައި ކުޒެސްތާން އަދި އިލާމްގައި ހުންނަ އަސްކަރީ މަރުކަޒުތައް ހިމެނެއެވެ.
އީރާނުގެ އެއާ ޑިފެންސް ފޯސް އިން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ، އީރާނުގެ ވަށާއިގެން ގާއިމު ކޮށްފައި ހުރި އެއާ ޑިފެންސް ސިސްޓަމްތަކުން އިޒްރޭލުގެ ހަމަލާ ނާކާމިޔާބު ކޮށްލި ކަމަށާއި، ލިބުނީ ކުޑަ ގެއްލުމެއް ކަމަށެވެ.
އީރާނާއި އީރާގު އަދި ސީރިއާ ހިމެނޭހެން އިޒްރޭލުން ރޭ ހަމަލާތައް ދިން އިރު، އެ ގައުމުތަކަށް ލިބުނު ގެއްލުންތަކުގެ ތަފްސީލުތަކެއް އަދި ނުލިބެއެވެ. ނަމަވެސް ރޭގެ ހަމަލާގައި އިޒްރޭލާއެކު އެމެރިކާގެ ފައިޓާ ޖެޓްތައް ވެސް އުދުހުނު ކަމަށް ހަބަރުތައް ބުނެއެވެ.
އުރުދުނާއި އީރާގު އަދި ސީރިއާގެ މަތިން ބާރުބާރަށް އުދުހެމުން ދިޔަ އިރު، އީރާނު ހިމެނޭހެން އީރާގު، އަދި ސީރިއާއިން ގޮވުންތަކުގެ އަޑު އިވުނު ކަމަށް 'ތެހެރާންޓައިމްސް' އިން ރިޕޯޓް ކޮށްފައި ވެއެވެ.
މި ހަމަލާއާ ގުޅިގެން ބަޔާން ދެމުން އިޒްރޭލުން ބުނެފައި ވަނީ، ރޭގެ ހަމަލާ އަކީ ބަދަލު ހިފުމެއް ކަމަށާއި ހަމަލާ ދިނީ ސީދާ އަމާޒަށް ކަމަށެވެ. އަދި މިއީ އިޒްރޭލުގެ ދެމިއޮތުމަށް ނުރައްކާ ކުރާ ކޮންމެ ފަރާތަކާ މެދު އަމަލު ކުރާނެ ގޮތް ކަމަށާއި އީރާނަށް މިހާރު ފިލާވަޅެއް ލިބިފައި ވާނެ ކަމަށެވެ. ހަމަލާއާ ގުޅުވައި އެމެރިކާއިން ބުނީ، އިޒްރޭލުން ދިން ހަމަލާގެ ފުރިހަމަ މައުލޫމާތު ލިބިފައި ވާ ކަމަށާއި، ބަދަލު ހިފުމުގެ ގޮތުން އީރާނުން އިޒްރޭލަށް ހަމަލާއެއް ދީފި ނަމަ އީރާނަށް އަދަބު ދޭނެ ކަމަށެވެ.