މިއަހަރު ބޯންމެރޯއަށް ފޮނުވި ތެލެސީމިއާ ކުދިންގެ ތެރެއިން 3 ކުދިންގެ ބޯންމެރޯ ފަރުވާ މުޅިން ފުރިހަމަކޮށްފައި ވާކަމަށް، މޯލްޑިވިއަން ބްލަޑް ސާވިސަސްގެ އެސޯސިއޭޓް ސްޕެޝަލިސްޓް އިން ޕީޑިއަޓްރިކް ޑރ. އަހުމަދު އުމަރު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ރާއްޖެ މިއަދު ޕްރޮގްރާމްގައި ޑރ. އަހުމަދު އުމަރު ވިދާޅުވީ ޒަކާތު ފަންޑުގެ އެހީގައި ބޯންމެރޯ ހެދުމަށް މިއަހަރަށް ކަނޑައެޅި ހުރިހާ ކުދިން ފަރުވާއަށް ގޮސްފައި ވާކަމަށެވެ. މިއަހަރުގެ އެކި ދުވަސްވަރު ޖުމްލަ 14 ކުދިން ބޯންމެރޯ ހެދުމަށް ފޮނުވާފައި ވާއިރު އޭނާ ވިދާޅުވީ ފަރުވާ މުޅިން ފުރިހަމަކޮށް ތެލަސީމިއާއިން ފަސޭހަވެ، ދެ ކުއްޖަކު މިހާރު ރާއްޖެ އައިސްފައިވާ ކަމަށެވެ. އަދި އިތުރު ކުއްޖަކުވެސް ފަރުވާ ފުރިހަމަކޮށް، ކުރިއަށް އޮތް ދެ ހަފާތްތާގެ ތެރޭގައި ރާއްޖެ އަންނާނެކަން ޑރ. އަހުމަދު އުމަރު ވަނީ ފާހަގަކުރައްވާފައެވެ.

ބޯންމެރޯ ހެދުމަށް މިއަހަރު ފޮނުވި ކުދިންގެ ތެރެއިން 1 ކުއްޖަކު މިދިޔަ ހަފްތާގައި ނިޔާވެފައި ވާކަން ފާހަގަކުރައްވައި އުމަރު ވިދާޅުވީ ދެން ހިމެނޭ 10 ކުދިން ބޯންމެރޯ އޮޕަރޭޝަނަށް ފަހު އިތުރު ފަރުވާ ފުރިހަމަ ކުރަމުންދާ ކަމަށެވެ. އަދި ހުރިހާ ކުދިންވެސް ފަރުވާ މުޅިން ފުރިހަމަކޮށް ކުރިއަށް އޮތް ނޮވެމްބަރު-ޑިސެމްބަރުގެ ތެރޭގައި ރާއްޖެ އަންނާނެ ކަމަށް އޭނާ ލަފާކުރައްވައެވެ.

ޒަކާތު ފަންޑުގެ އެހީގައި ކޮންމެ އަހަރަކު 10 ކުދިން، ބޯންމެރޯ ހެދުމަށް ފޮނުވުމަށް ސަރުކާރުން ނިންމާފައި ވާއިރު، ބޯންމެރޯއަށް ފަހު ތިން މަހާއި ހަ މަހުގެ މުއްދަތަކަށް އެ ކުދިން ރާއްޖެއިން ބޭރުގައި ފަރުއާއަށް ތިބެން ޖެހެއެވެ.

އަންނަ އަހަރު ބޯންމެރޯ ހެދުމަށް ފޮނުވާ 10 ކުދިން ކަނޑައެޅުމުގެ މަސައްކަތްތައް މިހާރު ކުރަމުން އަންނައިރު ބޯންމެރޯއަށް ކުދިން ކަނޑައެޅުމުގައި ބަލާ ސިޔާސަތުގެ ދަށުން ބޯންމެރޯ ހަދަން ހުށައެޅި ކުދިންގެ ތެރެއިން، ސިއްހީ ހާލަތު ތަންދޭ ކުދިން ދެނެގަތުމަށް ބޭނުންވާ ޓެސްޓްތައް ހެދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.