ދިވެހިރާއްޖެއަށް ދިމާވެފައިވާ ދަރަނީގެ މައްސަލައިން އަރައިގަންނަން މާލީ ލަފައާއި ފަންނީ އެހީތެރިކަން ހޯދަން ސަރުކާރުން ކަނޑައަޅާފައިވާ ރާއްޖެއިން ބޭރުގެ ފާމު، އެމެރިކާގެ ސެންޓަވިއުއާއެކު އިތުރަށް ކުރިއަށް ނުދާން ނިންމުމުން އެކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ތައުރީފު ކުރައްވައިފިއެވެ.
ނަޝީދު ވިދާޅުވީ ބޮޑު ހަރަދުގައި ކަނޑައެޅި ބޭރުގެ ފާމުގެ އެގްރީމެންޓު އުވާލަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނިންމުމަކީ އެމަނިކުފާނު އެޅުއްވި ބުއްދިވެރި ފިޔަވަޅެއް ކަމަށެވެ. މީގެއިތުރުން މިފަދަ ފާމުތަކުން ނަގަމުންދަނީ ނާޒާއިޒު ފައިދާކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.
އިންވެސްޓްމަންޓާއި މާލީ ލަފާދޭ ސެންޓަވިއު ޕާޓްނާސްއަކީ 2006 ވަނަ އަހަރު އުފައްދާފައިވާ ކުންފުންޏެކެވެ. މި ފާމަކީ ދުނިޔޭގެ އެކި ކުންފުނިތަކާއި ގައުމުތަކަށް މާލީ ކަންކަމުގައި ލަފާ ދެމުން އަންނަ ފާމެކެވެ.
ސަރުކާރުގެ އޮފިޝަލަކު މައުލޫމާތު ދީފައިވާ ގޮތުގައި ސެންޓަވިއު ފާމް އާއެކު ކުރިއަށް ނުދާން ސަރުކާރުން ނިންމީ ރާއްޖޭގެ ދަރަނި މެނޭޖުކުރުމާއި ދަރަނި ދެއްކުން ލަސްކުރުމާ ގުޅޭ ކަންކަމުގައި ރައީސް މުއިއްޒު ބޭރު ގައުމުތަކަށް ކުރެއްވި އެކިއެކި ދަތުރުފުޅުތަކުގައި ކުރިއެރުންތަކެއް ލިބިފައި ވާތީއެވެ.
ރާއްޖޭގެ ދަރަނީގެ މައްސަލަ ބޮޑުވެ، 2026 ވަނަ އަހަރު ރާއްޖެއިން ދައްކަންޖެހޭ ސްކޫކަކަށް ފައިސާ ނުދެއްކިދާނެ ކަމުގެ ބިރު ބޮޑުވެފައިވާއިރު ވޯލްޑް ބޭންކުން ބުނާ ގޮތުގައި މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖޭގެ ޖުމްލަ ޕަބްލިކް އަދި ޕަބްލިކް ގެރެންޓީ ދަރަނި ހުރީ 8.2 ބިލިއަން ޑޮލަރު ނުވަތަ ޖީޑީޕީގެ %116 އާ އެއްވަރަށެވެ. އޭގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި އަކީ ބޭރުގެ ދަރަނި ކަމަށާއި ބޮޑު ބައެއް ދައްކަންޖެހެނީ ޗައިނާ އާއި އިންޑިއާ އަށް ކަމަށް ވޯލްޑް ބޭންކުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
މީގެ އިތުރުން ބައިނަލްއަގުވާމީ އެންމެ ބޮޑު ދެ ރޭޓިން އެޖެންސީން ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކޮށްފައެވެ. އެ ގޮތުން، މޫޑީސްއިން ވަނީ ރާއްޖޭގެ ރޭޓިން 'ސީއޭއޭ 2' އަށް ދަށްކޮށްފައެވެ.