ދ. ކުޑަހުވަދޫގައި ގާއިމް ކޮށްފައިވާ ޖުވެނައިލް ރެޒިޑެންޝަލް ޓްރީޓްމަންޓް ސެންޓަރު ނިންމައި، އަންނަ މަހުގެ ތެރޭގައި ކުށުގެ ވެށީގައި އުޅޭ ކުދިން ނަގައި ފަރުވާ ދޭން ފަށާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ރެޒިޑެންޝަލް މަރުކަޒަކީ ކުރުމުއްދަތަކަށް ނުވަތަ ދިގު މުއްދަތަކަށް އެކަހެރިކޮށްގެން ފަރުވާ ދޭން ޖެހޭ ކުޑަކުދިންނާއި އިސްލާހީ ފިޔަވަޅު އެޅުމަށްޓަކައި ދިގު މުއްދަތަށް ބަންދުގައި ބައިތިއްބަން ޖެހޭ ކުދިން ބޭތިއްބުމަށް ގާއިމްކުރަން ގާނޫނުން ލާޒިމް ކުރާ މަރުކަޒެކެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ހިއްސާ ކުރައްވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ، ކުޑަކުދިންގެ އަދުލުގެ ނިޒާމު ފުރިހަމަ ކުރުމައްޓަކައި ކުށުގެ ވެށީގައި އުޅޭ އަދި ކުށްކުރާ ކުދިންނަށް ހާއްސަ ޕްރޮގްރާމްތައް ހިންގުމައްޓަކައި މަރުކަޒު ކޮށްގެން ބެލެހެއްޓޭނެ ތަނެއް ގާއިމް ކުރަން ޖެހޭ ކަމަށެވެ. އެގޮތުން ދ. ކުޑަހުވަދޫގައި ޖުވަނައިލް ރެސިޑެންޝަލް ޓްރީޓްމަންޓް ސެންޓަރެއް ގާއިމް ކޮށްފައިވާ އިރު، މި ސަރުކާރު ވެރިކަމަށް އައިސް ބެލިބެލުމުގައި އެތަން އަދި ހުޅުވޭ މިންވަރަށް ބައެއް ކަންކަން ފުރިހަމަ ވެފައި ނުވާ ކަން އިހުސާން ފާހަގަ ކުރެއްވިއެވެ.

މި ސަރުކާރުން ވޭތުވެ ދުވަސްތަކުގައި މަސައްކަތް ކުރީ އެތަން ހުޅުވުމަށް ވާން ޖެހޭ ތައްޔާރީތައް ވުމަށް ކަމަށާއި އަންނަ ނޮވެމްބަރު މަހުގައި އެތަން ހުޅުވައި އެ މަސައްކަތް ފެށޭނެ ކަމަށް އިހުސާން ވިދާޅުވިއެވެ. އެ ގޮތުން މިހާރު ކުށުގެ މާހައުލުގައި އުޅެމުންދާ ކުދިން ނަގައި އެތަނުގައި އެ ކުދިންނަށް ފަރުވާގެ ހިދުމަތް އަންނަ މަހު ފަށާނެ ކަމަށް އިހުސާން ވިދާޅުވިއެވެ.

ރާއްޖޭގައި ތުއްތު ކުދިން ކުށުގެ މާހައުލަށް ގަދަ ކަމުން ވައްދާ، އަދި އެމީހުން ވެސް ކުށުގެ މާހައުލަށް ވަދެގެން ދާ ދިއުން ހުއްޓުވުމަށްޓަކައި ޖިނާއީ ކުށުގެ ޒިންމާ ނަގަންޖެހޭ އުމުރުފުރާ 15 އަހަރުގައި އޮންނަ އޮތުން 12 އަހަރަށް ދަށް ކުރަން ޖެހޭ ކަމަށް މި ސަރުކާރުން ވަނީ ނިންމާފައެވެ.

އެގޮތުން މި ބަދަލު ގެނައުމަށް ގާނޫނަށް ގެންނަން ޖެހޭ އިސްލާހު ޑްރާފްޓް ކޮށްފައިވާ ކަމަށާއި އެ ޑްރާފްޓް މަޖިލީހަށް ފޮނުވަން ތައްޔާރު ކޮށްފައިވާ ކަަމަށް ވެސް އިހުސާން ވިދާޅުވިއެވެ. އަދި މި ދައުރު ނިމުމުގެ ކުރިން އެ ގާނޫނަށް ބަދަލު ގެނެވޭނެ ކަމަށް އިހުސާން ވިދާޅުވިއެވެ. އެ ބަދަލު ގެނެވުމުން އެއާ އެއްގޮތަށް މަސައްކަތްތައް ކުރަން ފަށާނެ ކަމަށް ވެސް އިހުސާން ވިދާޅުވިއެވެ.