ރާއްޖޭގައި ވޭޕް ބޭނުން ކުރުން މަނާ ކުރުމާ ގުޅޭ ގޮތުން އުފެދޭ އެކި ހިޔާލު ތަފާތުވުންތަކަށް ރައްދު ދެއްވައި ރާއްޖޭގައި ހަމަ އެކަނި ވޭޕް ބޭނުން ކުރަމުން ދަނީ 18 އަހަރުން މަތީގެ މީހުން އެކަނި ކަމުގައި ވާ ނަމަ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ ނިންމެވުން ނުނިންމެވީސް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ، ރާއްޖޭގައި ގްރޭޑް 3 ގައި ކިޔާވާ ކުއްޖެއްގެ އުމުރަކީ ގާތްގަނޑަކަށް 9 އަހަރު ކަމަށާއި އެ އުމުރުގެ ކުދިން ވޭޕް ބޭނުން ކުރަމުން އަންނަ ކަމަށެވެ. އަދި އެ އުމުރުގެ ކުދިން މި ކަމަށް ދެވި ހިފަމުން އަންނަ ކަަމަށާއި މިއީ ކަންބޮޑުވާން ޖެހޭ ކަމެއްގެ ގޮތުގައި އިހުސާން ފާހަގަ ކުރެއްވިއެވެ.
މިހާރު ވޭޕްގެ ފްލޭވާތަކުގެ ތެރެއަށް މަސްތުވާތަކެތި ވެސް އިތުރުވެ ބޭނުން ކުރަމުން އަންނަ އިރު، އެފަދަ ފްލޭވާތައް ކުދިންނަށް ދީ ކުދިން އެ ބޭނުން ކުރަމުން އައުމަކީ ރާއްޖޭގައި އަންނަން އޮތް ޖީލެއް ހަލާކެއްގެ ތެރެއަށް ވެއްޓިގެން ދާނެ ކަމެއް ކަމަށް އިހުސާން ވިދާޅުވިއެވެ. އާންމުކޮށް ބޭނުން ކުރާ މަސްތުވާތަކެތި ބޭނުން ކުރުމުގައި ގެންގުޅޭ އުކުޅުތަކާ ހިލާފަށް މިއީ އާންމު ވަމުން އަންނަ ތަފާތު ސަގާފަތެއްގެ ގޮތުގައި ފާހަގަވެފައިވާ ކަމަށް އިހުސާން ވިދާޅުވިއެވެ.
އަދި މި ޓްރެންޑްގެ ސަބަބުން މަސްތުވާތަކެތި ބޭނުން ކުރާ ޖީލެއް އުފެދުމުގެ ބިރު އެބަ އޮތް ކަމަށާއި މި ނިންމުން ނިންމީ ހަމައެކަނި ރާއްޖެ އިން ނޫން ކަމަށް އިހުސާން ވިދާޅުވިއެވެ. ރާއްޖެ ހިމެނޭ މި ސަރަހައްދުގައި 11 ގައުމެއް އޮތް އިރު، އެތަނުން 8 ގައުމަކުން ވެސް ވަނީ ވޭޕް ކުރުން މަނާ ކޮށްފައި ކަން އިހުސާން ފާހަގަ ކުރެއްވިއެވެ. އެ ހުރިހާ ގައުމަކުން ފިޔަވަޅު އެޅީ ހަމައެކަނި ވޭޕް ކުރުމާ ދެކޮޅަށް ކަމަށާއި މިފަދަ ރަނގަޅު ނިންމުންތައް ނިންމުމަކީ ބަލައިގަންނަން ޖެހޭ ކަމެއް ކަމަށް އިހުސާން ވިދާޅުވިއެވެ.
ރާއްޖޭގައި ކުޑަކުދިން ވޭޕް ބޭނުން ކުރާތީ ވޭޕް ހުއްޓުވީއޭ ކިޔާ މީހުން ވާހަކަ ދައްކާ އިރު، ރާއްޖޭގައި ހަމައެކަނި 18 އަހަރުން މަތީގެ މީހުން ވޭޕް ބޭނުން ކުރި ނަމަ ރައީސް މުއިއްޒު މި ނިންމެވުން ނުނިންމަވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް އިހުސާން ވިދާޅުވިއެވެ. ހަމައެއާއެކު ވޭޕްގެ ޒަރީއްޔާއިން މަސްތުވާތަކެތި ބޭނުން ނުކުރާ ނަމަ ވެސް މި ގޮތަށް ނުނިންމެވީސް ކަމަށް އިހުސާން ވިދާޅުވިއެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، އާދަޔާހިލާފަށް ސްކޫލްތަކުގައި ދަރިވަރުން ވޭޕް ބޭނުންކުރާ ކަން ފާހަގަވެފައިވާ ކަމަށް އިހުސާން ވިދާޅުވިއެވެ. ސްކޫލްތަކުގައި ކުދިންނަށް މި ތަކެތި ފަސޭހަ ކަމާއެކު އަގު ހެޔޮކޮށް ލިބޭ ފަދަ ނެޓްވޯކްތަކެއް ވެސް ގާއިމްވެފައިވާ ކަމަށް އިހުސާން ވިދާޅުވިއެވެ.
މަސްތުވާތަކެއްޗަކީ އަގު ހެޔޮ އެއްޗެއް ނޫން ކަމަށާއި ނަމަވެސް ވޭފްގެ ފްލޭވާތަކަށް މަސްތުވާތަކެތި ގަޑުބަޑުކޮށްގެން ލިބޭ ފްލޭވާތައް އަގުހެޔޮކޮށް ލިބޭކަން ތަހުގީގުތަކަށް ފާހަގަވެފަިއވާ ކަންކަން ކަމަށް އިހުސާން ވިދާޅުވިއެވެ. ހަމައެއާއެކު ތަހުގީގަށް ވަނީ ޓެލެގްރާމް ޗެނަލްތައް ހަދައިގެން ވޭޕް ވިއްކުން އާންމުވެފައިވާ ކަން ފާހަގަވެފައި ކަމަށް އިހުސާން ވިދާޅުވިއެވެ. އެހެންކަމުން ޓެލެގްރާމް ޗެނަލްތަކުން މި ވިޔާފަރި ކުރާ ފަރާތްތައް ހުއްޓުވުމަށް ފުލުހުން މަސައްކަތް ކުރަމުން އަންނަ ކަން އިހުސާން ފާހަގަ ކުރެއްވިއެވެ.