ސީޕްލޭން އޮޕަރޭޝަންތައް ފެށުމުގެ ގޮތުން ވިލާ އެއާއިން، ޑި ހެވިލެންޑް ކެނެޑާގެ ޑީއެޗްސީ-6 ޓްވިން އޮޓާ މަރުކާގެ ދެ މަތިންދާބޯޓެއް ރާއްޖެއަށް ގެނެސްފިއެވެ.

މި ދެ ބޯޓަކީ އެ އެއާލައިންގެ އެއާ ޓްރެވަލް ކެޕޭސިޓީ އިތުރުކުރުމުގެ ގޮތުން ގެނެސްފައިވާ ދެ ބޯޓުކަމަށް އޭވިއޭޓާސް މޯލްޑިވްސް އިން ވަނީ ބުނެފައެވެ.

މަޝްހޫރު ޓްވިން އޮޓާސް އަކީ އިތުބާރާއެކު ގިނަ ކަންތައްތަކެއް ކުރެވޭ ގޮތަށް، ރާއްޖެ ފަދަ ގައުމުތަކުގެ އުޑުމަތީގައި ހާއްސަކޮށް ޖަޒީރާ ތަފާތު މާހައުލުގައި އޮޕަރޭޓް ކުރުމުގެ ގާބިލްކަން ލިބިފައިވާ އެއްޗެކެވެ. މި މަތިންދާބޯޓުތައް، ސީޕްލޭންގެ ގޮތުގައި އޮޕަރޭޓް ކުރެވޭނެ ގޮތް ހެދުމަށް ބޭނުންވާ ބަދަލުތައް ގެނައުމަށް ވަނީ ނިންމާފައެވެ.

ޓްވިން އޮޓާސްގެ ކުރިން، ފްލައިމީ ބްރޭންޑްގެ ދަށުން ވިލާ އެއާ އިން ސީޕްލޭންގެ ހިދުމަތަށް ބޭނުން ކުރަމުން އައީ އެއް އިންޖީނުގެ ސެސްނާ 208 ކެރަވަން އެވެ. ސެސްނާ 208 ކެރަވަން ތަފާތު އޮޕަރޭޝަންތަކަށް ބޭނުންކުރިއިރު، އޭގެ ތެރޭގައި ޗާޓާ ފްލައިޓްތަކާއި ސީނިކް ފޮޓޯ ފްލައިޓްތައް ހިމެނެއެވެ.

ރާއްޖޭގެ ޑޮމެސްޓިކް ވައިގެ ދަތުރުފަތުރުގެ ތެރެއަށް 2011 ގައި ވިލާ އެއާއިން ވަދެފައިވާއިރު، މީގެ ކުރިންވެސް ސީޕްލޭންގެ ހިދުމަތަށް ފެށުމަށް ވިލާ އެއާއިން އައު ބޯޓެއް ރާއްޖެއަށް ވަނީ ގެނެސްފައެވެ. އެހެންނަމަވެސް އެފަހަރު ހުއްދަ ނުލިބުމުން، ބޭރު ބަޔަކަށް އެ ބޯޓު ވަނީ ވިއްކާލާފައެވެ.