ހއ. ބާރަށުގައި ޓޫރިސްޓު ހޮޓަލެއް ތަރައްގީކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ހުޅުވާލައިފިއެވެ.

އެ ރަށުގައި އިންޓަނޭޝަނަލް ބިޑަށް ހުޅުވާލައިގެން ޓޫރިސްޓް ހޮޓަލެއް ތަރައްގީކޮށް ހިންގުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅަކަށްވާއިރު މިއަދު ޓޫރިޒަމް މިނިސްޓްރީން ވަނީ އެކަމަށް އެދި ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައެވެ.

އެގޮތުން، ޓޫރިސްޓު ހޮޓާ ތަރައްގީ ކުރުމަށް ކަނޑައަޅާފައި ވަނީ 71,832 އަކަފޫޓުގެ ބިމެކެވެ. އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ބީލަމުގެ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުން އޮންނާނީ ވާޗުއަލްކޮށް (ޒޫމް މެދުވެރިކޮށް) 28 އޮކްޓޫބަރު 2024 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގައެވެ.

އަދި ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ 5 ޑިސެމްބަރު 2024 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އެވެ. ހަމައެހެންމެ އެކަމާ ގުޅޭ އިތުރު މައުލޫމާތު، 4 ޑިސެމްބަރު 2024 ވާ ބުދަ ދުވަހުގެ މެންދުރު 12 ޖެހުމުގެ ކުރިން ޓޫރިޒަމް މިނިސްޓްރީގެ އީމެއިލް އަށް މެއިލްކޮށްގެން ސާފުކުރެވޭނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެ އިތުރުން ބީލަން ހުށަހަޅަން ބޭނުންވާ މީހުން، ބީލަން ފޮތް ގަތުމަށް ހުށަހަޅަން ޖެހޭ އެޕްލިކޭޝަން ފޯމު ޓޫރިޒަމް މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. ބީލަން ފޮތް ލިބޭނީ މާދަމާއިން ފެށިގެން ޑިސެމްބަރު ހަތަރުވަނަ ދުވަހުގެ ނިޔަލަށް ބަންދު ނޫން ދުވަސް ދުވަހު ރަސްމީ ވަގުތުތަކުގައި، ވެލާނާ ގޭގެ ފަސްވަނަ ފަންގިފިލާގައި ހިންގާ ޓޫރިޒަމް މިނިސްޓްރީގެ ރިސެޕްޝަނުންނެވެ.