އިގްތިސޯދީ ނަފާ ހޯދުމަށް ކައުންސިލްތަކަށް 25 އަހަރަށް ފަޅުރަށް ކުއްޔަށް ދޫކުރަން ސަރުކާރުން އެކުލަވައިލި އުސޫލުގެ ދަށުން ހުށަހެޅި ޕްރޮޕޯސަލްތައް ރިވިއުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ސިޓީސް، ލޯކަލް ގަވަނޭންސް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކައުންސިލްތަކުން ހުށަހެޅި އެ ޕްރޮޕޯސަލްތައް ރިވިއު ކުރުމުގެ މަސައްކަތް މިނިސްޓްރީން މިހާރު ފަށާފައިވާކަމަށެވެ. ޕްރޮޕޯސަލް ރިވިއު ކުރުމުގެ މަސައްކަތް ކުރަމުންދަނީ ސަރުކާރުން އެކަމަށް އައްޔަންކޮށްފައިވާ ހާއްސަ ކޮމިޓީއަކުން ކަން ފާހަގަ ކުރައްވާ މިނިސްޓަރު އިތުރަށް ވިދާޅުވީ މި ހަފްތާ ތެރޭ އެ މަސައްކަތް ނިމޭނެ ކަމަށެވެ.

ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ކައުންސިލްތައް ބާރުވެރިކުރުމުގެ ގޮތުން ރައީސް ޑރ. މުއިއްޒުގެ އިރުޝާދުފުޅުގެ ދަށުން މި ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތައް އާދަމް ޝަރީފް ވަނީ ފާހަގަ ކުރައްވާފައެވެ.

ފަޅު ރަށް ހޯދަން ތިން ކައުންސިލަކުން ހުށަހަޅާފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ ރ. އިނގުރައިދޫ ކައުންސިލާއި ދ. ކުޑަހުވަދޫ ކައުންސިލް އަދި ލ. މާވަށު ކައުންސިލެވެ. އެގޮތުން އިނގުރައިދޫ ކައުންސިލުން ނެޔޮ ހޯދަން އެދުނުއިރު ކުޑަހުވަދޫ ކައުންސިލުން އެދުނީ މިނިމަސްގަލިއާ ފެންފުށި ހޯދާށެވެ. އަދި މާވަށު ކައުންސިލުން ޕްރޮޕޯސަލް ހުށަހެޅީ ބޮޑުމާބުޅަލިއަ ހޯދުމަށެވެ.

ކައުންސިލްތަކަށް 25 އަހަރަށް ދޫކުރުމަށް ސަރުކާރުން ވަނީ 28 ފަޅު ރަށެއް ކުރިން އިއުލާނު ކޮށްފަ އެވެ. އެއީ 12 އަތޮޅަކަށް ނިސްބަތްވާ ފަޅު ރަށްރަށެވެ.

އިގްތިސޯދީ ނަފާ ހޯދުމަށް ފަޅު ރަށްތައް ކުއްޔަށް ދޫކުރަން ނިންމާފައިވާކަން ރައީސް މުއިއްޒު އިއުލާނު ކުރައްވާފައި ވަނީ މިދިޔަ މާޗް ތިން ވަނަ ދުވަހުގެ ރޭ ރ. މީދޫގައި ވާހަކަ ދައްކަވަމުންނެވެ. ރަށްރަށުގެ އިގްތިސޯދީ ތަރައްގީއަށްޓަކައި ހުރިހާ ކައުންސިލަކަށް، އެރަށަކާ ކައިރިން ނޫނަސް ފަޅުރަށް ކުއްޔަށް ލިބޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، 25 އަހަރަކީ ކައުންސިލްތަކުން އިންވެސްޓް ކުރަން އެކަށޭނެ މުއްދަތެއް ކަމަށެވެ. އަދި، ގާނޫނު އޮތް ގޮތަށް ބަލައި، އެ މުއްދަތު 50 އަހަރަށް ވެސް ދިގު ކުރެވިދާނެ ކަމަށް ވެސް ވިދާޅުވި އެވެ. މީގެ އިތުރުން، ކައުންސިލްތަކަށް އެ ރަށަކުން ނަގާ ޓެކުހުގެ 10 ޕަސަންޓު ލިބޭނެ ނިޒާމެއްވެސް ރައީސް ވަނީ އިއުލާން ކުރައްވާފައެވެ.