މިފްކޯ އިން އެއްބަސްވުމަކާ ހިލާފުވެފައިވާތީ އަމިއްލަ ކުންފުންޏަކަށް 20.5 މިލިއަން ރުފިޔާ ގެއްލުމުގެ ބަދަލުގެ ގޮތުގައި ދޭން އެ ކުންފުނީގެ މައްޗަށް ކޮށްފައިވާ ހުކުމް ބާތިލް ނުކުރެވޭނެ ސިވިލް ކޯޓުން ނިންމައިފިއެވެ.
އެމްޕްލޯއިމަންޓް ބިއުރޯ މޯލްޑިވްސް ކިޔާ ކުންފުންޏަކުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ގެއްލުމުގެ ބަދަލުގެ ގޮތުގައި 20.5 މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރު ނޮވެމްބަރު މަސްތޭރޭގައެވެ. އެމްޕްލޯއިމަންޓް ބިއުރޯ މޯލްޑިވްސްއިން ހުށަހެޅި ދައުވާގެ ހުކުމުގައި ކޯޓުން ބުނީ 2012 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރުގެ ނިޔަލަށް އެ ކުންފުންޏަށް އުޅަނދުން މަންފާ ހޯދުމުގައި ގެއްލުންވެފައިވާކަމަށެވެ.
މިކަމުން ލިބުނު ގެއްލުމާއި ގުޅޭ ގޮތުން ޑޮކިއުމެންޓްތައް ހުށަޙަޅާފައިވާއިރު 20.5 މިލިއަން ރުފިޔާގެ ގެއްލުން އެމްޕްލޯއިމަންޓް ބިއުރޯ މޯލްޑިވްސްއަށް ވެފައިވާކަމަށް ކޯޓުން ވަނީ ބުނެފައެވެ. މިފްކޯގެ އައިރު ހާޒިރުގައި ކުރި ހުކުމުގައި ސިވިލް ކޯޓުންވަނީ މި ފައިސާ 14 ދުވަހުގެ ތެރޭގައި ދައްކާ ހަލާސްކުރުމަށް ހުކުމްކޮށްފައެވެ.
މަދަނީ އިޖްރައާތުގެ ގާނޫނުގެ ދަށުން، ޣައިރު ހާޒިރުގައި ކުރާ ހުކުމްތައް ރިވިއުކުރަން ހުށަހެޅޭތީ، މިފްކޯއިން ވަނީ މި ހުކުމް ބަތިލުކޮށްދިނުމަށް ސިވިލް ކޯޓުގައި އެދިފައެވެ. ނަމަވެސް، ސިވިލް ކޯޓުން ކުރި ހުކުމުގައިވަނީ 20.5 މިލިއަން ދައްކަން މިފްކޯގެ މައްޗަށް ކޮށްފައިވާ ހުކުމަށް ބަދަލު ގެންނަންޖެހޭ ނުވަތަ ބާތިލް ކުރަންޖެހޭ ސަބަބެއް އެ ކުންފުންޏަށް ދެއްކިފައި ނުވާކަމަށެވެ.
އެހެންކަމުން، އެ ހުކުމް ބާތިލް ކުރަން ޖެހޭ ހާލަތެއް ނެތް ކަމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.