މިސްރުގެ ވިޔަފާރިވެރިއެއްގެ ގެ ވެރިކޮށްލައިގެން އުޅެމުން ދާ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މަރާލަން ހިޒްބުއްލޯ އިން ދިން ޑްރޯން ހަމަލާގެ އަގު ދައްކަން ޖެހޭނެ ކަމަށާއި އަދާކުރަންޖެހޭ އަގު ބޮޑުވާނެ ކަމަށް ބުނެ ނަތަންޔާހޫ އިންޒާރު ދީފިއެވެ.

ނަތަންޔާހޫގެ އާއިލާ ދިރިއުޅޭ ކައިސަރީގައި ހުންނަ 2 ބުރި ގެއަށް އަމާޒުކޮށް ދިން ޑްރޯން ހަމަލާގައި އެ ގެއަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ. އަދި ހަމަލާ ދިން ވަގުތު ނަތަންޔާހޫ ގޭގައި ނެތް ކަމަށާއި އެއްވެސް މީހަކަށް ވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ހަބަރުތައް ބުނެއެވެ.

ނަމަވެސް އިޒްރޭލުން ގާއިމު ކޮށްފައި ވާ ދިފާއީ އައްޑަނަ، 'އަޔަން ޑޯމް' ފޫއަޅުވާލައި ހިޒްބުއްލޯގެ ޑްރޯން އެގެއާ ކައިރިއަށް އަރާފައި ވާ އިރު ނަތަންޔާހޫ ބުނީ އީރާނުން މަދަދު ދޭ ހިޒްބުއްލޯއިން އޭނާ އާއި އާއިލާ މަރާލަން މަސައްކަތް ކުރުމަކީ ވަރަށް ބޮޑު ގޯހެއްކަމަށެވެ.

"އީރާނާއި އީރާނުގެ ބައިވެރިންނަށް އަންގަން، އިޒްރޭލުގެ ރައްޔިތަކަށް ގެއްލުމެއް ދޭން މަސައްކަތް ކުރާ ކޮންމެ ފަރާތަކުން ވަރުގަދަ އަގެއް ދައްކަން ޖެހޭނެ"
ނަތަންޔާހޫ

ނަތަންޔާހޫގެ އެ ބަޔާނާ ގުޅިގެން އިޒްރޭލުގެ ރޭޑިއޯތަކުން ބުނެފައިވަނީ ހިޒްބުއްލޯ އިން ދިން ހަމަލާގެ ޒިންމާ އީރާނުން އުފުލަން ޖެހޭނެ ކަމަށާއި އިޒްރޭލުގެ ރައްދާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ.

ހިޒްބުއްލޯ އަކީ އީރާނުން މަދަދު ލިބޭ ހަތިޔާރު އެޅި ޖަމާއަތެކެވެ. މެދުއިރުމަތީގައި ހިނގާ ހުރިހާ ހަމަނުޖެހުމެއްގެ ޒިންމާ ހުޅަނގާއި އެމެރިކާ އަދި އިޒްރޭލުން އަޅުވަނީ އީރާނުގެ ބޮލުގައެވެ. މެދުއިރުމަތީގައި ހިމެނޭ އެހެން ބައެއް ބޮޑެތި ގައުމުތަކުން ވެސް ބައިތު ހިފައިގެން ތިބީ ހުޅަނގަށެވެ. އެހެން ކަމުން އީރާނު އެކަނިވެ، އީރާނާ ބައިވެރިވާ ފަރާތްތަކަކީ ހިޒްބުއްލޯ އާއި ހޫތީންނާއި، ހަމާސް ފަދަ ހަތިޔާރު އެޅި ޖަމާއަތްތަކެވެ.

އިޒްރޭލުން އީރާނުގެ ބައެއް ލީޑަރުންނާއި ހަތިޔާރު އެޅި ބައެއް ޖަމާއަތްތަކުގެ އިސް ލީޑަރުން އަވަހާރަ ކޮށްލާފައި ވާ އިރު އެކަމުގެ ބަދަލު ހިފަން މިހިނގާ އޮކްޓޯބަރު 1 ގައި އީރާނުން އިޒްރޭލަށް ދިން މިސައިލް ހަމަލާގެ ބަދަލު ހިފާނެ ކަމަށް ވެސް އިޒްރޭލުން ބުނެފައި ވެއެވެ. ނަމަވެސް މިވަގުތު އިޒްރޭލުގެ މައިގަނޑު އަމާޒު ހުރީ ހިޒްބުއްލޯ އެއްކޮށް ނައްތާލައި، ހަމާސްގެ ދުވަސް ދުއްވާލުމަށެވެ. އެގޮތުން ހަމާސް ހަރަކާތްތެރިވާ ގާޒާ އެކީ އެކަށް ފުނޑުފުނޑު ކޮށްލައިފައި ވާ އިރު، ހަމަ އެމަގުން ހިޒްބުއްލޯ ނައްތާލުމަށް އެ ޖަމާއަތް ގާއިމުވެ ތިބޭ ލުބުނާނަށް ގެންދަނީ ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އެ ހަމަލާތަކުގައި ލުބުނާނުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 2500 އަށް އަރާފައެވެ. ގާޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި މަރުވެ ދިޔަ މީހުންގެ އަދަދު 42،000 ފަހަނައަޅާ ގޮސްފިއެވެ.