މި އަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އިފްތިތާހުކޮށްދެއްވި ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން އެއް މިލިއަން ގަސް އިންދުމުގެ އަމާޒު މޯލްޑިވްސް ޕޯސްޓް ލިމިޓެޑް (އެމްޕީއެލް)އިން ހިފައިފިއެވެ.

އެ މަސައްކަތް ރަސްމީކޮށް މިއަދު ފަށާފައި ވަނީ ތިލަފުށީގައި ވިޔަފާރި ބަނދަރު އެޅުމަށް ހަމަޖައްސާފައިވާ ސަރަހައްދުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމް އާއި އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހް އިބްރާހީމް ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޖީހު ވަނީ އެމްޕީއެލްގެ ހުރިހާ ޑިޕާޓްމަންޓްތަކާއި ރީޖަނަލް ޕޯޓްތަކުން ބައިވެރިވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި އެ ޕްރޮގްރާމަކީ ރާއްޖޭގެ ތިމާވެށި އަންނަން އޮތް ޖީލުތަކަށް ހެޔޮ ގޮތުގައި ދަމަހައްޓައި، ގަސްގަހާ ގެހި ރައްކާތެރިކުރުމަށް ސަރުކާރުން ފެށި މުހިންމު ޕްރޮގްރާމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އެއް މިލިއަން ގަސް އިންދަން ޕްލެޖްގައި ވަޖީހު ސޮއި ކުރައްވާ މިނިސްޓަރު ތޯރިގުއަށް ލިޔުންވެސް ހަވާލު ކުރައްވާފައިވާއިރު މިއީ މިހާތަނަށް މިހާ ގިނަ އަދަދެއްގެ ގަސް އިންދުމަށް ޕްލެޖްކުރި ފުރަތަމަ ކުންފުނިކަން ފާހަގަ ކޮށްލެވެއެވެ.

އެމްޕީއެލް އިން 1 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް އިފްތިތާހު ކުރުމުގެ ތެރެއިން / ފޮޓޯ: އެމްޕީއެލް

މުޅި ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ ބިޔަ މަޝްރޫއެއް ހިންގަވާނެކަން ރައީސް ފުރަތަމަ އިއުލާނުކުރެއްވީ ޔޫއޭއީގެ ދުބާއީގައި މިދިޔަ ޑިސެމްބަރު މަހުގެ ކުރީކޮޅު ބޭއްވި ކޮޕް-28 ސަމިޓުގައެވެ. އެ ވައުދުފުޅާ އެއްގޮތަށް ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް ފަށާފައި ވަނީ މިދިޔަ ޖޫން މަހުގެ 5 ވަނަ ދުވަހު އެވެ.

މިއީ ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކޮށް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މިހާރުގެ ޖީލުތަކާއި އަންނަން އޮތް ޖީލުތަކުގެ ލާބައާއި މަންފާއަށްޓައި މޫސުމަށް އަންނަ ބަދަލުތަކުންކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތުގެ ދަށުން ސަރުކާރުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. ސަރުކާރުން ނިންމާފައިވަނީ މި ޕްރޮގްރާމް، ރިސޯޓުތަކާއި މީހުން ދިރިއުޅޭ ރަށްރަށުގައި ކުރިއަށް ގެންދިއުމަށެވެ.