ޑޮލަރު ވިއްކާ ކަމަށް ބުނެ، ފޭކު ސްލިޕެއް ފޮނުވައިގެން އޮޅުވާލައިގެން ފައިސާ ހޯދިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފިއެވެ.

މި މައްސަލާގައި ހައްޔަރު ކޮށްފައި ވަނީ އުމުރުން 27 އަހަރުގެ ގ. ސިނަމާލެ، 13-05 ޒައިދާން މުހައްމަދު ހާޝިމެވެ. އޭނާވަނީ އޮޅުވާލައިގެން 28،000 އަށް ވުރެ ގިނަ ރުފިޔާ އަތުލާފައެވެ.

މި މައްސަލައާއި ގުޅިގެން ކްރިމިނަލް ކޯޓުން އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައި ވާއިރު އެ ކޯޓުން ނެރެފައިވާ އަމުރުގައި ވަނީ ޒައިދާން ޑޮލަރު ވިއްކާ ކަމަށް ބުނެ، ސައްހަ ނޫން ސްލިޕެއް ފޮނުވައިގެން، މަކަރާއި ހީލަތް ހަދައިގެން 28،000 އަށް ވުރެ ގިނަ ފައިސާ ހޯދާފައިވާ ކަމަށެވެ.

ޒައިދާން އެ ފައިސާއިން އެއްބައި އަނބުރާ ރައްދުކޮށްފައި ވާއިރު، އޭނާގެ އާއިލާއިން އެ ފައިސާ އެއްކޮށް އަނބުރާ ދިނުމަށް އެއްބަސްވެފައިވާ ކަމަށް ގެއްލުން ލިބުނު ފަރާތުގެ ބަޔާނާ ހަވާލާދީ އަމުރުގައި ބުނެފައިވެއެވެ.

ރާއްޖޭގައި މަކަރާއި ހީލަތުން ފައިސާ ފޭރުމުގެ މައްސަލަ އިންތިހާއަށް ބޮޑުވެފައިވާއިރު އެކިއެކި މުއައްސަސާ، ކުންފުނިތަކުގެ ނަމުގައިވެސް ފައިސާ ފޭރުމުގެ މައްސަލަވެސް ވަނީ އިތުރުވެފައެވެ.