ދުންފަތުގެ އިސްތިއުމާލުކުރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ރިއަލިސްޓިކް މާސްޓާ ޕްލޭނެއް އެކުލަވައިލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވައިފިއެވެ.
މިފަދައިން ރައީސް ނިންމަވާފައި ވަނީ އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކުއެވެ.
އެ ބައްދަލުވުމުގައި ދުންފަތާ ދުރު މުޖުތަމައުއެއް ބިނާކުރުމަށް އިޖުތިމާއީ ގޮތުން ހަރަކާތްތެރިވާ ފަރާތްތަކާއި، ދުންފަތުގެ އިސްތިއުމާލުނުކުރާ ރަށްރަށް ފާހަގަކުރުމަށް އިނާމެއް ތައާރުފުކުރުމާއެކު، އެ އިނާމު ލިބޭ ރަށެއްގެ އިޖްތިމާއީ ކަމަކަށް މާލީ އެހީތެރިކަން ދިނުން ފަދަ ކަންކަން ހިމަނުއްވައިގެން މި މާސްޓާ ޕްލޭން އެކުލަވައިލެއްވުމަށް ނިންމަވާފައިވެއެވެ
އަދި އެ ޕްލޭންގައި، ދުންފަތާ ދުރުހެލިވާން ބޭނުންވާ ފަރާތްތަކަށް ހާއްސަ ފަރުވާ، ކޮންމެ ރަށެއްގެ ސިއްހީ ހިދުމަތްދޭ މަރުކަޒަކުން ހިލޭ ފޯރުކޮށްދިނުން ހިމެނުއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.
މީގެ ބޭނުމަކީ ދުންފަތް ކޮންޓްރޯލުކުރުމަށް ހަދާފައިވާ ގާނޫނާއި ގަވާއިދުތައް ތަންފީޒުކުރުމާއެކު، ދުންފަތުގެ އިސްތިޢުމާލުކުރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި، ފިޔަވަހިތަކަކަށް ބަހާލައިގެން، ކުރިއަށް އޮތް 4 އަހަރު ދުވަހުގެ ތެރޭގައި ރަނގަޅު ނަތީޖާއެއް ނެރުން ކަމަށްވެއެވެ.
ދާދިފަހުން ރައީސް ވަނީ ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓާއި އެޑްވަލޮރެމް ރޭޓަށް ބޮޑެތި ބަދަލުތަކެއް ގެނެއުމަށް ނިންމާ ރާއްޖޭގައި ވޭޕް ކުރުން މަނާކޮށްފައެވެ. އެގޮތުން އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނުގެ 7 ވަނަ މާއްދާގެ ޗެޕްޓާ 24 ގެ ދަށުން ސިނގިރޭޓާއި ބިޑިއަށް ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓް 3 ރުފިޔާއިން 8 ރުފިޔާއަށް މަތިކޮށް އެ މުދަލުން ނެގޭ އެޑްވަލޮރަމް ރޭޓް 50 ޕަސެންޓަށް މަތި ކުރުމަށް އެމަނިކުފާނު ނިންމާފައި ވެއެވެ.
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވޭޕްގެ އެކި ބާވަތްތައް އަދި އެކި ފްލޭވާތައް ވިއްކަމުން ދާއިރު ވޭޕު ބޭނުން ކުރުމަކީ ސިއްހީ ގޮތުން ނުރައްކާ ބޮޑު އެއްޗެއް ކަމަށާއި އިންސާނާގެ ފުއްޕާމޭގައި ފެން ހެދި ސިއްހީ ނުރައްކާތަކާ ދިމާވާ ކަމެއް ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ. އަދި ރައީސްގެ މި ނިންމެވުމަށް ގިނަ އާންމުން ދަނީ ތައުރީފް ކުރަމުންނެވެ.