ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ދަފްތަރުގައި ރަޖިސްޓަރީ ވެފައިވާކަމުގެ ލިޔުން ޕޯޓަލް މެދުވެރިކޮށް ލިބޭނެ އިންތިޒާމް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހަމަޖައްސައިފިއެވެ.

އީސީ އިން ބުނީ މި ލިޔުން ޕޯޓަލް މެދުވެރިކޮށް ލިބޭނެ އިންތިޒާމް ހަމަޖެއްސީ އެ ކޮމިޝަނުން ފޯރުކޮށްދޭ ހިދުމަތްތައް ހަރުދަނާކޮށް ޑިޖިޓަލް ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ކަމަށެވެ.

އީސީ އިން ބުނީ މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާނަމަ ރަޖިސްޓަރީ ވެފައިވާ ޕާޓީގެ މައުލޫމާތު ހިމެނޭ ލިޔުން އީސީގެ އޮންލައިން ޕޯޓައިލް، 'މައި ޕޯޓަލް' މެދުވެރިކޮށް ލިބޭނެ ކަމަށެވެ.

މީގެއިތުރުން ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވެފައިނުވާނަމަ، އެކަމުގެ ލިޔުންވެސް ޕޯޓަލް އިން ލިބޭނެ ކަމަށް އީސީ އިން ވަނީ ބުނެފައެވެ. އީސީ އިން އިތުރަށް ބުނީ ޕޯޓަލް މެދުވެރިކޮށް މި ހިދުމަތަށްއެދޭއިރު އިތުރު އެއްވެސް ލިޔުމެއް ބޭނުން ނުވާނެ ކަމަށެވެ.