މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންދިޔަ 4 މީހެއްގެ މައްޗަށް ކުށް ސާބިތުވެ، އެމީހުންގެ މައްޗަށް 25 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވައިފިއެވެ.

މި މައްސަލައާ ގުޅިގެން ޖަލަށްލުމަށް ހުކުމްކޮށްފައި ވަނީ ގދ. ތިނަދޫ / ރަންގަލް، ހަސަން ލޫތު (45އ)، ހުޅުމާލެ ފްލެޓް ނަންބަރު 01-ޖީ-45 ހަސަން ރަޝީދު (36އ)، ތ. ތިމަރަފުށި / ވައިޓްރޯސް، އިސްމާއިލް ޝަރީފް (43އ) އަދި މާލެ، މއ. ހަސްލަތު، ޝާނިޔާ އިބްރާހިމް (35އ) ގެ މައްޗަށެވެ.

މި ހަތަރު މީހުން ޖަލަށްލާން ހުކުމްކުރުމުގެ އިތުރުން ޖޫރިމަނާކޮށްފައި ވެއެވެ. އެގޮތުން، ހަސަން ލޫތު 2 މިލިއަން ރުފިޔާއިން، ހަސަން ރަޝީދު 1 މިލިއަން ރުފިޔާއިން އަދި އިސްމާއީލް ޝަރީފާއި ޝާނިޔާ އިބްރާހިމް 500،000 ރުފިޔާ އިން ވަނީ ޖޫރިމަނާކޮށްފައެވެ.

މި ހަތަރު މީހުން ހައްޔަރުކޮށްފައި ވަނީ ދިވެހި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، އެތަކެތި ބޭނުންކޮށް، ގެންގުޅެ އަދި ޓްރެފިކް ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޖަނަވަރީ 12، 2021 ގައި ހިންގި އޮޕަރޭޝަނެއްގައެވެ.

މި މައްސަަލައާ ގުޅިގެން އެމީހުންނާ ގުޅުންހުރި މާލޭގެ ހަތަރު ތަނެއް ބަލައިފާސްކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެގޮތުން ގ. ނީ، މއ. ހަނީސަކަލް، މ، ބުރެހިމާގެ އަދި މ. ރޭއަލި ގެސްޓު ހައުސް ބަލައިފާސްކުރުމުގެ ތެރެއިން، 54 ގްރާމް ޑައިމޯފިން އަދި 266 ގްރާމް ކެނަބިސް ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މަސްތުވާތަކެތީގެ އިތުރުން 1,542,675 ރުފިޔާ ފެނިފައި ވާއިރު، އެ ފައިސާއަކީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާކަމަށް ކަނޑައަޅައި، އެ ފައިސާ ދައުލަތަށް ނެގުމަށް ވެސް ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމްގައި ވެއެވެ.

މި މައްސަލައިގެ ފުލުހުންގެ ތަހުގީގު ނިންމަައި ދައުވާކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ވަނީ މާޗު 10، 2021 ގައެވެ.