ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސީއީއޯގެ މަގާމަށް ފުރަތަމަ ފަހަރަށް ދިވެއްސަކު އައްޔަން ކޮށްފިއެވެ.

ބީއެމްއެލް އިން ބުނީ އެ ބޭންކުގެ ސީއީއޯގެ މަގާމަށް އައްޔަން ކޮށްފައިވަނީ މުހައްމަދު ޝަރީފް ކަމަށެވެ. ފާހަގަކޮށްލެވޭ ގޮތުގައި ޝަރީފަކީ ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯކަން ކުރިން ކުރައްވާފައިވާ ބޭފުޅެކެވެ.

ފުރަތަމަ ފަހަރަށް ބީއެމްއެލްގެ ސީއީއޯގެ މަގާމަށް ދިވެއްސަކު އައްޔަނުކޮށްފައިވާއިރު ބީއެމްއެލް އިން ވަނީ ޝަރީފަށް މަރުހަބާ ކިޔާފައެވެ. އަދި ދިވެއްސަކު މި ދާއިރާއަށް އައްޔަނުކުރެވުމަކީ ބޭންކިން ދާއިރާގައި ބީއެމްއެލްއަށް ހާސިލުކުރެވުނު މުހިންމު ލަނޑުދަނޑިއެއް ކަމަށެވެ.

ޝަރީފް ބީއެމްއެލްގައި ހިދުމަތް ކުރެއްވުމަށްފަހު ބީއެމްއެލް އިން ވަކިވެވަޑައިގެންފައިވަނީ 2020 ވަނަ އަހަރުއެވެ. އެއަށްފަހު ޝަރީފް މަސައްކަތް ކޮށްފައިވަނީ ޕްރައިވެޓް ސެކްޓާގައެވެ.

ޝަރީފް މި މަގާމަށް އައްޔަން ކުރެއްވީ އެންމެ ފަހުން ބީއެމްއެލްގެ ސީއީއޯގެ މަގާމުގައި ހުންނެވި ކާލް ސްޓުމްކާ މިދިޔަ މަހު އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ބީއެމްއެލްގެ ސީއޯގެ މަގާމުން އިސްތިއުފާ ދެއްވި ކާލް ބީއެމްއެލްގެ ހިންގުމާ ހަވާލުވެވަޑައިގަތީ އޮކްޓޫބަރު 2022 ގައެވެ. ކާލް އިސްތިއުފާ ދެއްވުމުން، ބީއެމްއެލްގެ ހިންގުމާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވީ އެ ކުންފުނީގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީނެވެ.