ގައުމީ ފެންވަރުގައި އެއާ ކާގޯ އާ ބެހޭ ދިރާސާއެއް ހެދުމަށްޓަކައި ރީޖަނަލް އެއާޕޯޓު ކޮމްޕެނީ ލިމިޓެޑް (އާރްސީއެލް) އާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިއަދު އެމްއެންޔޫގައި ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި އެއާ ކާގޯ ދިރާސާއާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން އާރްސީއެލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީން ވިދާޅުވީ މި ދިރާސާއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކާބޯތަކެއްޗާއި އެނޫންވެސް މުހިންމު ވަސީލަތްތައް ފޯރުކޮށްދިނުމުގައި ހުރި ގޮންޖެހުންތައް ދެނެގަތުމަށް ކުރިއަށް ގެންދާ ދިރާސާއެއް ކަމަށެވެ.
ރާއްޖެއަކީ ވަރަށް ބޮޑަށް ޓޫރިޒަމަށް ބަރޯސާވެފައިވާ ގައުމެއްކަން ފާހަގަކުރައްވާ މުބީން ވިދާޅުވީ މިހާރުވެސް ރިސޯޓުތަކަށް ފޯރުކޮށްދޭންޖެހޭ އެމަޖެންސީ ސަޕްލައިތައް ފޯރުކޮށްދިނުމުގައި ދަތިތަކަކާ ކުރިމަތި ލާންޖެހިފައި ވާކަމަށެވެ. އަދި މި ދިރާސާގެ އަލީގައި މިފަދަ ދަތިތަކަށް ހައްލު ލިބިގެންދާނެ ކަމަށްވެސް ވަނީ ފާހަގަ ކުރައްވާފައެވެ.
އަދި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކާބޯތަކެތި ހާއްސަކޮށް ދަނޑުގޮވާމުގެ ބާވަތްތައް ގެންދަނީ ކަނޑުމަގުން ކަމަށާއި މިގޮތަށް ތަކެތި ގެންދާއިރު ގިނަ ދުވަސް ނަގާ، ކާބޯތަކެއްޗަށް ގެއްލުން ވާކަންވެސް ވަނީ ފާހަގަ ކޮށްފައެވެ.
މީގެއިތުރުން މުބީން ވިދާޅުވީ ދުނިޔޭގައި ކުރިއަރާފައިވާ ގައުމުތަކުގައި ޑްރޯންގެ އެހީ ވަރަށް ބޮޑަށް ބޭނުންކުރާ ކަމަށާއި އަމާޒަކީ ރާއްޖޭގައިވެސް ޑްރޯންގެ ހިދުމަތް ފުޅާދާއިރާއެއްގައި ފެށުންކަމަށެވެ.
16 ހަފްތާގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މި ދިރާސާގެ އަލީގައި މިހާރު ދެވޭ ހިދުމަތްތަކުގެ ފެންވަރުވެސް ވަޒަން ކުރެވޭނެ ކަމަށާއި އުންމީދަކީ ރައްޔިތުންނަށް ވީހާވެސް ލުއިފަސޭހަ މަގެއް ތަނަވަސް ކޮށްދިނުން ކަމަށް މުބީން ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން އެމްއެންޔޫއަކީ މިފަދަ ދިރާސާތައް ހިންގުމުގެ ގާބިލް ތަނެއްކަން ފާހަގަކުރައްވާ މި ދިރާސާ ކުރިއަށް ގެންގޮސްދޭތީ މުބީން ވަނީ އެމްއެންޔޫއަށްް ޝުކުރު އަދާކޮށްފައެވެ.