ކ. މާފުށީ ޖަލަށް ފޯނާއި މަސްތުވާތަކެތި ވައްދާ، ފައިސާގެ ގިނަ މުއާމަލާތްތަކާ ގުޅޭ މައްސަލައިގައި ޝަރީއަތް ނިމެންދެން ބަންދު ކޮށްފައިވާ ހަތަރު މީހަކު ބަންދުން ދޫކޮށްލަން ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) އިން އެއްބަސްވެއްޖެއެވެ.

ޕީޖީ އިން މި ގޮތަށް އެއްބަސްވެފައި ވަނީ މިއަދު މި މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައެވެ.

މިދިޔަ ޖޫން މަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި، ޖަލަށް މަސްތުވާތަކެއްޗާއި ފޯނު ވައްދައިގެން 73 މިލިއަނަށް ވުރެ ގިނަ ރުފިިޔާ އެކި ފަހަރު މަތިން ހޯދި މައްސަލާގައި ކަރެކްޝަންސްގެ 18 އަށް ވުރެ ގިނަ އޮފިސަރުން ހައްޔަރުކުރިއެވެ. ނަމަވެސް އެ މައްސަލާގައި ދައުލަތުން ދައުވާ ކުރަނީ ފަސް މީހެއްގެ މައްޗަށެވެ. އެއީ ރ. އުނގޫފާރު އައިވަރީހައުސް ޖިނާހް އަބްދުއްރަހީމާއި މ. ލަންދޫ ކާމިނީގޭ އަލީ އަސްފާގާއި ކ. މާފުށީ ބީޗްހައުސް އަލީ ޝަހީމާއި ގއ. ވިލިނގިލީ ކުއްޅަވައްގޭ މުހައްމަދު ފަތޫހު ފަތުހުﷲ އާއި ހދ. ނޭކުރެންދޫ ތަރާނާގޭ އަލީ ނާޒިމްގެ މައްޗަށެވެ.

މި މީހުންގެ ތެރެއިން ފަތޫހު ފިޔަވައި ދެން ތިބި އެންމެން ބަންދުގައި ތިބި އިރު، މިއަދު އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ބޭއްވި އަޑުއެހުމުގައި އެ މީހުންގެ ދިފާއީ ވަކީލުން ބުނީ، އެ މައްސަލާގައި ހައްޔަރުކުރި އެހެން މީހަކު ކްރިމިނަލް ކޯޓުން ބަންދުކުރީ އިހްތިސާސެއް ނެތި، ގާނޫނާ ހިލާފަށް ކަމަށް ހައި ކޯޓުން ނިންމާފައިވާ ކަމަށެވެ. އެ ހަތަރު މީހުން ވެސް ބަންދު ކޮށްފައި ވަނީ އެ އުސޫލުން ކަމަށް ވާތީ ހައި ކޯޓުގެ ހުކުމަށް ރިއާޔަތްކޮށް، އެ މީހުން ވެސް ބަންދުން ދޫކުރަން ވަކީލުން ވަނީ އެދިފައެވެ.

މިކަމާ ގުޅިގެން ދައުލަތުން ވަނީ ހައި ކޯޓުގެ ހުކުމަށް ރިއާޔަތް ކޮށް އެ މީހުން މިހާރު ބަންދުން ދޫކޮށްލަން ޖެހޭ ކަމަށް އެއްބަސް ވެފައެވެ. ނަމަވެސް މައްސަލާގެ ބާވަތަށް ބަލައި، އެ މީހުންގެ ޕާސްޕޯޓް ހިފެހެއްޓުމަށާއި އިތުރު ޝަރުތުތަކެއް ކުރަން ދައުލަތުން ވަނީ އެދިފައެވެ.

އެ މީހުން ދޫކޮށްލަން ދައުލަތުން އެއްބަސްވުމުން، އެ މައްސަލަ ބައްލަވާ ގާޒީ އިސްމާއިލް ޝަފީއު ވަނީ އެ މީހުން ބަންދުކުރީ މުޖްތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ ކަމަށް ބުނެ ދައުލަތުން އެދިގެން ކަމަށާއި އެހެންވެ، މިހާރު އެ މީހުން ދޫކޮށްލަން އެއްބަސްވަނީ އެ މީހުންގެ ފަރާތުން ނުރައްކަލެއް ނެތް ކަމަށް ގަބޫލު ކުރެވިގެންތޯ ސުވާލު ކުރައްވާފައެވެ. ޖަވާބުގައި ދައުލަތުން ބުނީ އޭރު ތަހުގީގު މަރުހަލާގައި ބަންދުކުރީ މުޖުތަމައުގެ ސަލާމަތަށް ނުރައްކާތަކެއް އޮވެގެން ކަމަށާއި ނަމަވެސް މިހާރު އެ ނުރައްކާތައް ކުޑަވެފައިވާ ކަމަށް ބެލެވޭ ކަމަށެވެ.

ދެ ފަރާތުގެ ވާހަކަތަކަށް ފަހު ގާޒީ ޝަފީއު ވިދާޅުވީ އެ މައްސަލާގައި ބަންދާ މެދު ނިންމާ ނިންމެވުން ފަހުން އިއުލާން ކުރައްވާނެ ކަމަށެވެ.