މި ސަރުކާރުން 7000 އަށް ވުރެ ގިނަ ވަޒީފާ ދީފައި ވާކަމަށް އަދަދު ނޫހުގައި ލިޔެ ޝާއިއު ކޮށްފައި ވަނީ ދޮގު ކަމަށް ރައީސް އޮފީހުގެ ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ހީނާ ވިދާޅުވީ "މި ސަރުކާރުން 7،000 އަށްވުރެ ގިނަ ވަޒީފާ ދީފައިވޭ!" މި ނަމުގައި "އަދަދު" ނޫހުން ޝާއިއު ކޮށްފައިވާ ހަބަރުގައި ސަރުކާރުގެ ސިޔާސީ މަގާމުތަކާއި، ސަރުކާރުގެ ކުންފުނިތަކަށް 7،000 އަށްވުރެ ގިނަ މުވައްޒަފުން ނެގިކަމަށާއި، ރައްޔިތުންގެ މަޖިލިސް އިންތިހާބާ ދިމާކޮށް ޕީއެންސީން ކުރިމަތިލި ކޮންމެ ކެންޑިޑޭޓަކަށް އެވްރެޖުކޮށް 40 ވަޒީފާ ދީފައިވާ ކަމަށް ބުނެ ލިޔެފައި ވަނީ ބުހުތާނު ދޮގު ކަމަށެވެ.

މީގެއިތުރުން މަޖިލީހުގެ އިންތިހާބާ ދިމާކޮށް ފެނަކައިން އެކަނިވެސް 1800 ވަޒީފާ ދީފައިވާ ކަމަށާއި، އެހެން ކުންފުނިތަކުން 3800 އެއްހާ ވަޒީފާ ދީފައިވާ ކަމަށް އެ ނޫހުގައި ރިޕޯޓު ކޮށްފައިވެއެވެ.

މި ވާހަކަތަކަށް ރައްދު ދެއްވަމުން ހީނާ ވިދާޅުވީ ހިޔާލަށް އަންނަހާ ވާހަކައެއް އެއްވެސް ހަގީގަތެއް ބަލައިލުމެއް ނެތި ފެތުރުމަކީ ޒިންމާދާރު ނޫސްވެރިކަމެއް ނޫންކަމަށާއި، މިފަދަ ދޮގު ހަބަރު ލިޔަނީ، ރައްޔިތުންނަށް ކަމުގެ ހަގީގަތް އޮޅުވާލަން ކަމަށެވެ.

މިފަދަ ދޮގު ހަބަރު ލިޔަނީ، ސަރުކާރުގެ ހަރަދުތައް ކުޑަކުރެއްވުމަށާ، މިދިޔަ 5 އަހަރު ގައުމު ވައްޓާލާފައި އޮތް ދަރަނީގެ އަނދަވަޅުން ގައުމު ސަލާމަތްކުރައްވަން ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މަސައްކަތްޕުޅު ދިވެހި ރައްޔިތުން ބަލައިގަންނާތީ، ކަމުގެ ހަގީގަތް އޮޅުވާލަން
ހީނާ ވަލީދު

މީގެއިތުރުން ހީނާ ވިދާޅުވީ ހަމައެކަނި ސަރުކާރު ކުންފުނިތަކަށް ބެލުމުންވެސް 2023 ވަނަ އަހަރުގެ ފަހު ކުއާޓާއަށް ވުރެ 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 1000 އަށްވުރެ ގިނަ މުވައްޒަފުން މަދުވެފައިވާކަން ޕީސީބީއިން ހާމަކޮށްފައިވާ ހިސާބުތަކުން ހާމަވެގެން ދާކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ ހަރަދު ކުޑަކުރެއްވުމަށްޓަކައި ސަރުކާރުގެ އެކި ވުޒާރާތަކުގައި ތިބި 228 ސިޔާސީ މުވައްޒަފުން ވަކި ކުރަން އަންގަވާފައެވެ. އެގޮތުން ވަކިކުރާ ސިޔާސީ މުވައްޒަފުންގެ ތެރޭގައި ހިމެނެނީ 7 ސްޓޭޓު މިނިސްޓަރުން، 43 ޑެޕިއުޓީ މިނިސްޓަރުން، 109 ސީނިއާ ޕޮލިޓިކަލް ޑައިރެކްޓަރުން އަދި 69 ޕޮލިޓިކަލް ޑިރެކްޓަރުންނެވެ.