ނިމިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅުން ފެށިގެން މަސްވެރިން ކިރާފައިވާ މަހުގެ ފައިސާ ދެވޭނެ ވަކި ތާރީހެއް ބުނަން ނޭނގޭ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީން (މިފްކޯ) އިން ބުނެފިއެވެ.

މިފްކޯ އިން ބުނީ، 28 ސެޕްޓެމްބަރުން ފެށިގެން އިއްޔެގެ ނިޔަލަށް މިފްކޯއަށް ކިރުވި މަހުގެ ޖުމްލަ ފައިސާ 9،155،491.79 އަށް އަރާ ކަމަށެވެ. ނަމަވެސް މަސްވެރިކަން ދަށްވެ، ކުންފުނީގެ މާލީ ހާލަތު ހުރިގޮތުން އެ ފައިސާ މަސްވެރިންނަށް ދެވޭނެ ވަކި ތާރީހެއް ބުނަން ދަތި ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ފައިސާ ހޯދުމަށް ކުރިއެކޭވެސް އެއްގޮތަށް ސަރުކާރާއެކު ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކޮށް މިފްކޯއިން ބުނީ، އުންމީދަކީ ވީ އެންމެ އަވަހަކަށް ފައިސާ ދައްކާ ހަލާސް ކުރުން ކަމަށެވެ.

މަސް ކިރާތާ 48 ގަޑިއިރުތެރޭ މަހަށްވާ ފައިސާ ދޫކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅަކަށް ވާއިރު މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު މަސްވެރިންނަށް ނުދައްކާ ހުރި ގިނަ އަދަދެއްގެ ފައިސާ ނުލިބުމާއެކު މިދިޔަ ޖޫންމަހު މަސްވެރިން ވަނީ ވަރުގަދަ އިހުތިޖާޖު ތަކެއް ވެސް ކޮށްފައެވެ. އެ އާއެކު ސަރުކާރުގެ އެހީއާއެކު މިފްކޯއިން ވަނީ މަސްވެރިންނަށް ދޭންޖެހޭ ހުރިހާ ފައިސާއެއް ދައްކާ ހަލާސް ކޮށްފައެވެ.

އަދި ގަވާއިދުން ފައިސާ ދިނުމުގެ އިންތިޒާމު ހަމަޖެއްސުމަށް މިފްކޯއިން ވަނީ ބައިނަލްއަގްވާމީ ބާޒާރުގައި ގަނޑުކުރި ކަޅުބިލަމަހުގެ އަގު ހުރި މިންވަރަށާއި، މަސް ގަނެ އެކްސްޕޯޓުކުރުމަށް ހިނގާނޭ ހަރަދުތަކަށް ބަލައި ކޮންމެ ހަފްތާއަކު ވަކި އަގެއް ހަމަޖެއްސުމަށް ނިންމާ އެ އުސޫލުން ކަން ކުރަމުންނެވެ.

ނަމަވެސް ނިމިދިޔަ އޮގަސްޓު މަހުވެސް ކިރުވި މަހަށްވާ ފައިސާ ނުލިބި މަސްވެރިން ވަނީ މުޒާހަރާކޮށްފައެވެ. އެއާއެކު އެފަހަރު ނުދެވި ހުރި 17 މިލިއަން ރުފިޔާ ވަނީ އޮޑިވެރިންނަށް ދީ ހަލާސްކޮށްފައެވެ.